English Edition
Dhivehi Edition

ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގައި މިއަދު ކުޅުނު މެޗުގެ ފުރިހަމަވަގުތު ހަމަވިއިރު ދެ ޓީމު 1-1 އިން އެއްވަރުވުމުން، ޕެނަލްޓީޖަހައިގެން ކޮލަމްބިއާ 3-2 އިން ބަލިކޮށް އާޖެންޓީނާ އިން ފައިނަލުން ޖާގަ ހޯދައިފިއެވެ.

މިއީ މިދިޔަ ހަ އަހަރުގެ ތެރޭގައި ކޮޕާ އެމެރިކާގެ ފައިނަލަށް އާޖެންޓީނާ ދަތުރުކުރި ތިންވަނަ ފަހަރެވެ. މީގެކުރީން، 2015 އާއި 2016 ވަނަ އަހަރުގެ މުބާރާތުގެ ފައިނަލްގައި އެ ޓީމު ބަލިވީ ޗިލީ އަތުން ޕެނަލްޓީޖަހައިގެންނެވެ. އެ ޓީމުން މި މުބާރާތް އެންމެ ފަހުން ކާމިޔާބުކުރީ 1993 ވަނަ އަހަރު އެވެ.

އެސްޓާޑިއޯ ނެސިއޮނާލް ޑެ ބްރެސިލިއާގައި ރޭ ކުޅުނު މި މެޗު ފެށިގެން ހަތްވަނަ މިނެޓުގައި ކުރީން ލީޑްނެގީ ވެސް އާޖެންޓީނާ އިންނެވެ. އެ ޓީމުން މި ލަނޑުޖެހީ ކެޕްޓަން ލިއޮނަލް މެސީ ދިން ބޯޅައަކުން ލޮޓާރޯ މާޓިނޭޒް އެވެ. ފުރަތަމަ ހާފުގައި ކޮލަމްބިއާ އަށް އެއްވަރުކޮށްދޭން ހުއާން ކުއާޑްރާޑޯ ފޮނުވާލި ބޯޅަ އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް މަތަކުރިއެވެ.

ދެވަނަ ހާފުގައި ކޮލަމްބިއާގެ ވިލްމާ ބެރިއޯސް އާއި ޔެރީ މިނާ ފޮނުވާލި ހަމަލާތައް އަމާޒުވީ ގޯލްގެ ދަނޑިއަށެވެ. އެ ޓީމުން އެއްވަރުކުރި ލަނޑު، މެޗުގެ 61 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ލުއިސް ޑިއާޒް އެވެ. މިއީ އެ ޓީމުގެ އެޑްވިން ކާޑޯނާ ދިން ރީތި ޕާހަކުން ލިބުނު ބޯޅައެއްގައި ވަރަށް ހަނި އޭންގަލަކުން ޑިއާޒް ކާމިޔާބުކުރި ގޯލެކެވެ.

ކޮލަމްބިއާގެ ކުޅުންތެރިއަކު ފޮނުވާލި ޕެނަލްޓީއެއް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް މަތަކުރަނީ. –ފޮޓޯ: ކޮޕާ އެމެރިކާ

އާޖެންޓީނާ އަށް މި މެޗު ކާމިޔާބުކޮށްދޭން ޕީއެސްޖީގެ ހުނަރުވެރި ވިންގާ އެންހެލް ޑި މާރިއާ ދިން ޕާހަކުން މާޓިނޭޒް ފޮނުވާލި ބޯޅަ ކޮލަމްބިއާގެ ބެރިއޯސް ވަނީ ގޯލްގެ ރޮނގުމަތީން ސަލާމަތްކޮށްފައެވެ. އޭގެފަހުން، މެސީ ފޮނުވާލި ބޯޅައެއް ގޯލްގެ ހުރަސްދަނޑިއަށް އަމާޒުވިއިރު، ދެވަނަ ފަހަރަށް އެ ބޯޅަ ފޮނުވާލުމުގެ ކުރީން ކޮލަމްބިއާގެ ޑިފެންޑަރު ޑެވިންސަން ސަންޗޭޒް ވަނީ ދިފާއުކޮށްފައެވެ.

ޕެނަލްޓީ ޝޫޓްއައުޓްގައި ކޮލަމްބިއާ އިން ފޮނުވާލި ފަސް ޕެނަލްޓީގެ ތެރެއިން ކާމިޔާބުކުރެވުނީ ދެ ޕެނަލްޓީ އެވެ. ކޮލަމްބިއާގެ ޕެނަލްޓީތައް ކާމިޔާބުކޮށްދިނީ ކުއާޑްރާޑޯ އާއި މިގުއެލް ބޯރްހާ އެވެ. ސަންޗޭޒް އާއި މިނާ އަދި ކާޑޯނާ ފޮނުވާލި ޕެނަލްޓީތައް އާޖެންޓީނާގެ ކީޕަރު މާޓިނޭޒް މަތަކުރިއެވެ. އާޖެންޓީނާ އިން ފޮނުވާލި ހަތަރު ޕެނަލްޓީގެ ތެރެއިން ނާކާމިޔާބުވީ ރޮޑްރީގޯ ޑެ ޕޯލްގެ ޕެނަލްޓީ އެކަންޏެވެ. އެ ޓީމުގެ ކެޕްޓަން މެސީ އާއި ލެއަންޑްރޯ ޕަރެޑޭސް އަދި މާޓިނޭޒް ފޮނުވާލި ޕެނަލްޓީތައް ކާމިޔާބުކުރިއެވެ.

ކޮޕާ އެމެރިކާގެ ފައިނަލްގައި އާޖެންޓީނާއާ ދެކޮޅަށް ބްރެޒިލް ކުޅޭ މެޗު އޮންނާނީ ޖުލައި 11 ވާ އާދީއްތަ ދުވަހުގައެވެ. މި މުބާރާތުގެ ތިންވަނަ ހޮވާ މެޗުގައި ކޮލަމްބިއާ ނިކުންނާނީ ޕެރޫއާ ދެކޮޅަށެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހު އެވެ.