English Edition
Dhivehi Edition

މާލެ ސަރަހައްދުގައި ކޮވިޝީލްޑް ވެކްސިން ޖެހުމަށްޓަކައި ބޭނުންވާ އެޕޮއިންޓްމަންޓް ހެއްދުމަށް ހާއްސަ ޕޯޓަލްއެއް އެޗްޕީއޭއިން ތައާރަފުކޮށްފިއެވެ.

މިއަދުން ފެށިގެން މާލެ ސަރަހައްދުގައި ކޮވިޝީލްޑް ވެކްސިން ޖަހާނީ ހަމައެކަނި އޮންލައިން އެޕޮއިންޓްމަންޓް ހައްދައިގެން ކަމުގައި ނިންމައި, އޮންލައިންކޮށް އެޕޮއިންޓްމަންޓް ހެއްދުމަށް ހާއްސަ ޕޯޓަލް އެއް އެޗްޕީއޭއިން ތައާރަފްކޮށްފައިވާއިރު މީގެ ކުރިން އެ ސެންޓަރުންވަނީ ވެކްސިން ޖެހޭނީ އެޕޮއިންޓްމަންޓް އުސޫލުންކަން ހާމަކޮށްފައެވެ.

އިއްޔެ ކިއުބީ އެޕުން ޓޯކެން ދޫކޮށްގެން ވެކްސިންގެ ދެވަނަ ޑޯޒް ޖެހުން ކުރިއަށް ގެންގޮސްފައިވާއިރު އެޗްޕީއޭއިން ރޭ ބޭއްވި ބައްދަލުވުމުގައި އެޗްޕީއޭއިން ބުނީ ވެކްސިން ޖެހުމުގެ އިންތިޒާމު ފަސޭހަ ކޮށްދިނުމަށް އޮންލައިންކޮށް އެޕޮއިންޓުމަންޓު ހެއްދެނޭ އިންތިޒާމު ހަމަޖައްސާފައިވާ ކަަމަށެވެ. އަދި މިއަދުން ފެށިގެން މާލެ ސަރަހައްދުގައި ކޮވިޝީލްޑުގެ ދެވަނަ ޑޯޒް ޖެހޭނީ ހަމައެކަނި ޕޯޓަލް މެދުވެރިކޮށް އެޕޮއިންޓްމެންޓު ހައްދައިގެން ކަމަށް އެޗްޕީއޭ އިންވަނީ ބުނެފައެވެ

މިގޮތުން ފެބްރުއަރީ އަދި މާޗު މަހު ކޮވިޝީލްޑް ފުރަތަމަ ޑޯޒު ޖެހި މީހުން ދެވަނަ ޑޯޒު ޖެހުމަށް http://book.hpa.gov.mv މެދުވެރިކޮށް ބޭނުން ވަގުތަކަށް އެޕޮއިންޓުމަންޓު ހެދޭނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

އެޗްޕީއޭ އިން ވަނީ ވެކްސިން ޖަހަންދާއިރު، އައި.ޑީ ކާޑު ނުވަތަ ކާކުކަން އަންގައިދޭ ރަސްމީ ލިޔުމަކާއި ވެކްސިން ކާރޑް ގެންދިއުމަށާއި، ގަޔަށް ދޫ، ފަސޭހައިން ވެކްސިންޖަހާތަން ދެއްކޭނެ ހެދުމެއް ލައިގެން ދިއުމަށާއި، ވެކްސިންޖަހަން ދާއިރު ރަނގަޅަށް ކައިގެން ހުރުމަށާއި، ވެކްސިން ޖަހަންދާއިރު އަމިއްލަ ފެންފުޅިއެއް ގެންދިއުމަށް ހަނދާންކޮށްދީފައެވެ.

އަދި ވެކްސިން ޖަހަންދާއިރު އެކުގައި އެކަކަށްވުރެ ގިނައިން ނުދިއުމަށްވެސް އެޗްޕީއޭ އިން ވަނީ އަންގައިފައެވެ.