English Edition
Dhivehi Edition

ސްފައިސް ޖަމިއްޔާއިން ގދ. ފިޔޯރީގައި ކުރިއަށްގެންދިޔަ “ކެރިއަރ ގައިޑެންސް ވޯކްޝޮޕް 2021” ނިންމާލައިފިއެވެ.

ސޮސައިޓީ ފޯރ ފިޔޯރީ ޔޫތު އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް (ސްފައިސް) އިން ކޮންމެ އަހަރަކު ގްރޭޑް 10 ނިންމާ ދަރިވަރުންނަށާއި، ސްކޫލްތަކުގެ މަތީ ގްރޭޑްތަކުގެ ދަރިވަރުން އަދި ޒުވާނުންނަށް އަމާޒުކޮށްގެން ހިންގުމަށް ހަމަޖެހިފައިވާ ކެރިއަރ ގައިޑެންސް ޕްރޮގްރާމްގެ މިއަހަރުގެ ޕޮރޮގްރާމް ނިންމާ ބައިވެރިންނަށް މިއަދު ހަނދާނީލިޔުން ދީފިއެވެ. ބައިވެރިންނަށް ހަނދާނީލިޔުން އަރުވާފައިވަނީ މިއަދު އެކަމަށް ހާއްސަކޮށްގެން ފިޔޯރީ ކައުންސިލް އިދާރާގެ ހޯލުގައި ކުރިއަށް ގެންދިޔަ ޖަލްސާއެއްގައެވެ.

ސްފައިސް އިން އިސްނަގައިގެން ފިޔޯރީ ސްކޫލާއި، ފިޔޯރީ ކައުންސިލާއި، ފިޔޯރީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ އަދި ފިޔޯރީ ޔޫތު ސެންޓަރާއި ގުޅިގެން މިމަހުގެ 04 ވަނަ ދުވަހު ދެ ސެޝަނަކަށް ބަހާލައިގެން ކުރިއަށްގެންދިޔަ މި ޕްރޮގްރާމުގައި ޖުމްލަ 40 ބައިވެރިން ބައިވެރިވެފައިވެއެވެ. އެ ރަށުގައި މިވަގުތު ދިރިއުޅެމުންދާ ޒުވާނުންނާއި ސްކޫލް ދަރިވަރުންގެ ތެރެއިން 37 ބައިވެރިން ބައިވެރިވި އިރު އަނެއް 07 ބައިވެރިން ބައިވެރިވެފައި ވަނީ ރަށުން ބޭރުން އޮންލައިންކޮށް ކަން ފާހަގަކޮށްލެވެއެވެ.

އެކިއެކި ދާއިރާތަކުގެ ތަޖުރިބާ ލިބިފައިވާ ޖުމްލަ 06 ލެކްޗަރާއިން މަޢުލޫމާތު ފޯރުކޮށްދިން މި ޕްރޮގްރާމުގައި ބައިވެރިންނަށް މަޢުލޫމާތު ދީފައިވާ ދާއިރާތަކުގެ ތެރޭގައި ފަތުރުވެރިކަމުގެ ދާއިރާ، ސިއްޚީ ދާއިރާ، ތަޢުލީމީ ދާއިރާ، ޤާނޫނީ ދާއިރާ، އަދި އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާ ހިމެނެއެވެ.

ކޮވިޑް-19 ގެ ހާލަތުގެ ސަބަބުން މި އަހަރު ޕްރޮގްރާމް އޮންލައިންކޮށް ކުރިއަށްދިޔަ ކަމުގައި ވީނަމަވެސް ކުރިއަށް އޮތް އަހަރުތަކުގައި މި ޕްރޮގްރާމް މިއަށްވުރެ ފުރިހަމައަށް ގެންދިއުމަށް ނިންމާފައިވާކަމަށް އެ ޖަމިއްޔާއިން ވަނީ މައުލޫމާތު ދީފައެވެ.

ސްފައިސް ޖަމްއިއްޔާއަކީ ފިޔޯރީގައި ހަރަކާތްތެރިވަމުންދާ ޒުވާނުންތަކެއް އެކުވެގެން ރަށުގެ ތަރައްޤީއާއި ކުރިއެރުމަށާއި، ބާރުވެރި މުޖުތަމަޢުއެއް ބިނާކުރުމަށްޓަކައި މިއަހަރުގެ ފެބްރުއަރީ މަހުގެ 11 ވަނަ ދުވަހު ރަޖިސްޓްރީކޮށްފައިވާ ޖަމިއްޔާއެކެވެ. ޖަމްޢިއްޔާ އުފެދުނު ފަހުން އެ ޖަމްޢިއްޔާއިން ވަނީ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިނާއި، ފިޔޯރީ ކައުންސިލްގެ އިދާރާއާއި ގުޅިގެން ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން ފަންޑް ފޮއްޓެއް ބެހެއްޓުމުގެ އިތުރުން އެ ރަށުގެ އެކިއެކި ސަރަހައްދުތައް ސާފުކޮށް ބެލެއްޓުމުގެ މަސައްކަތްކޮށްފައެވެ.

މީގެއިތުރުން ރަށުގެ އިރުމަތީ ފަރާތު ޖެޓީ ސަރަހައްދުގައި “ފިޔޯރީ ކޮމިއުނިޓީ ޕާކް” ގެ ނަމުގައި ޕާކެއް ތައްޔާރުކުރުމަށް ސްފައިސް އިން ވަނީ ފިޔޯރީ ކައުންސިލާއެކު ފަހުމުނާމާއެއްގައި ސޮއިކޮށްފައެވެ. ސްފައިސް އަކީ އަންހެނުން ބާރުވެރި ކުރުމުގެ ގޮތުން ހިންގާ ކޮމެޓީގެ އިސް މަޤާމްތަކުގައި އަންހެނުން ބައިވެރިކޮށްގެން އެ ރަށުގައި ހިންގަންފެށި ފުރަތަމަ ޖަމްއިއްޔާއެވެ.

އަދި ޔޫރޯގެ މެޗުތައް ލައިވްކޮށް ބޮޑު ސްކްރީނުގައި ޒުވާނުންނަށް ބަލާލެވޭނެ އިންތިޒާމްވެސް ސްފައިސް އިން ވަނީ ހަމަޖައްސާފައެވެ. އެ ރަށުގެ މި އަހަރުގެ ބާކީ އޮތް ބައިގައި ތަފާތު ގިނަ ހަރަކާތްތަކެއް ހިންގުމަށް ހަމަޖެހިފައިވާ ކަމަށް ޖަމްއިއްޔާގެ ފަރާތުން ވަނީ މަޢުލޫމާތު ދީފައެވެ.