އެމްޕީއެލް އިން ދެމުން އައި ބަހުގެ ހިދުމަތް ރަސްމީކޮށް އެމްޓީސީސީ އާއި ހަވާލުކޮށްފިއެވެ.
މިއަދު ގްރޭޓާ މާލެ ޓްރާންސްޕޯޓް ލިންކުގެ މައި ބަސް ސްޓޭޝަންގައި ބޭއްވި ރަސްމިއްޔާތުގައި މި އެއްބަސްވުމުގައި އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ ޝާހިދު އަލީ އެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ.
ރާއްޖޭގެ ހުރިހާ ޕަބްލިކް ޓްރާންސްޕޯޓެއް އެއް ފުރާޅެއްގެ ދަށުންހިންގުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން އެމްޕީއެލު އިން ދެމުން އައި ބަހުގެ ހިދުމަތް އެމްޓީސީސީއާ ހަވާލުކޮށްފައިވާއިރު އެމްޕީއެލްގެ ދަށުން ދެމުން އައި ހުރިހާ ޓްރާންސްޕޯޓު ހިދުމަތަކާއި އެ ހިދުމަތް ދޭން ތިބި މުވައްޒަފުން މިހާރު ވަނީ އެމްޓީސީސީއަށް ބަދަލުކޮށްފަ އެވެ.
މިއަދު ބޭއްވި ރަސްމިއްޔާތުގައި އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވީ އެމްޓީސީސީއާއި ބަހުގެ ހިދުމަތް ހަވާލު ކުރުމުން އެ ހިދުމަތް އިތުރަށް ފުރިހަމަވާނެކަމަށާއި އަދި މިކަމުގެ ސަބަބުން ރައްޔިތުންނަށް ވެސް އިތުރު ލުއި ފަސޭހަތަކެއް ލިބިގެންދާނެކަމަށެވެ.
އައްޑު އާއި ފުވައްމުލަކާއި ލ. އަތޮޅުގައި ވެސް އެމްޕީއެލް އިން ދެމުން އައި ޓްރާންސްޕޯޓް ހިދުމަތެއް މިއަދުން ފެށިގެން ފޯރުކޮށްދޭނީ އެމްޓީސީސީންނެވެ.