English Edition
Dhivehi Edition
ޖަރުމަނު ކޮޅަށް ލަނޑުޖެހުމަށްފަހު އިންގްލެންޑްގެ ކުޅުންތެރިން އުފާ ފާޅުކުރަނީ. --ފޮޓޯ: ޓުވިޓާ

މިހާރު ކުރިއަށްދާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުގައި ރޭ ކުޅުނު މެޗުތަކުން މޮޅުވެ އިންގްލެންޑާއި ޔޫކްރޭނުން އެ މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކުރިއިރު، ޖަރުމަނާއި ސްވިޑެން ކަޓައިފިއެވެ.

އިންގްލެންޑް އަތުން 2-0 އިން ޖާމަނީ ބަލިވިއިރު، އިތުރުވަގުތުގެ ފަހު ހާފުގެ އެންމެ ފަހު މިނެޓުގައި ވައްދާލި ލަނޑާއެކު ޔޫކްރޭނުން ވަނީ 2-1 އިން ސްވިޑެން ބަލިކޮށްފައެވެ.

ރޭގެ މެޗަކީ ވޭތުވެދިޔަ 55 އަހަރުގެ ތެރޭގައި ބޮޑު މުބާރާތެއްގެ ނޮކްއައުޓް ބުރުގައި ޖަރުމަނު އަތުން އިންގްލެންޑް މޮޅުވި ފުރަތަމަ ފަހަރެވެ. އަދި މިއީ 1975 ވަނަ އަހަރުގެ ފަހުން ވެމްބްލީ ސްޓޭޑިއަމްގައި ޖަރުމަނު ބަލިވި ފުރަތަމަ ފަހަރު ވެސް މެއެވެ.

ލަންޑަނުގެ ވެމްބްލީގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމަށް ވެސް ލަނޑުޖަހާނެ މާގިނަ ފުރުޞަތުތަކެއް ތަނަވަސްކުރެވިފައެއްނުވެއެވެ. މި ހާފުގައި ޖަރުމަނުގެ މިޑްފީލްޑަރު ލެއޮން ގޮރެޓްޒްކާ އާއި އެ ޓީމުގެ ފޯވާޑް ޓިމޯ ވާނާ ފޮނުވާލި ބޯޅަތައް އިންގްލެންޑްގެ ކީޕަރު ޖޯޑަން ޕިކްފޯޑް ހުއްޓުވިއިރު، އިންގްލެންޑްގެ ހެރީ މެގުއާ އާއި ރަހީމް ސްޓާލިން ފޮނުވާލި ހަމަލާތަކުގެ ހުރަހަކަށްވީ ޖަރުމަނުގެ ކީޕަރު މެނުއަލް ނޯޔާ އެވެ.

އިންގްލެންޑްގެ ފޯވާޑް ހެރީ ކޭން (ކ) ޖަރުމަނުގެ ގޯލަށް ބޯޅަ ފޮނުވާލަނީ. –ފޮޓޯ: ޓުވިޓާ

މެޗުގެ 75 ވަނަ މިނެޓުގައި އިންގްލެންޑުން ލީޑްނެގީ މެންޗެސްޓާ ސިޓީގެ ވިންގާ ސްޓާލިން ކާމިޔާބުކުރި ގޯލުންނެވެ. މިއީ މި މުބާރާތުގައި އޭނާ ކުޅުނު ހަތަރު މެޗުގައި ޖެހި ތިންވަނަ ލަނޑެވެ. އިންގްލެންޑުން މި ލަނޑުޖެހިތާ ހަ މިނެޓުފަހުން ޖަރުމަނަށް އެއްވަރުކޮށްދޭން ތޯމަސް މުލާ އަށް ރަނުގެ ފުރުޞަތެއްލިބި ވަނީ ބޭކާރުވެފައެވެ. ހާފުގެ މެދާ ހިސާބުން ސްޓާލިން އަތުން ގެއްލުނު ބޯޅައެއް ހޯދުމަށްފަހު ކާއީ ހަވާޓްޒް ހުސްކޮށްލާފައި މުލާ އަށް ދިނުމުން އިންގްލެންޑްގެ ކީޕަރު ޕިކްފޯޑް ކައިރިން ހުހަށްހުރެ އޭނާ ފޮނުވާލި ބޯޅަ ދިޔައީ ގޯލްގެ ދަނޑިކައިރިން ބޭރަށެވެ.

އިންގްލެންޑްގެ ދެވަނަ ލަނޑު، މެޗު ނިމެން ހަތަރު މިނެޓަށްވެފައިވަނިކޮށް ކާމިޔާބުކޮށްދިނީ ކެޕްޓާން ހެރީ ކޭން އެވެ. މިއީ ފަހު ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ޖެކް ގްރީލިޝް ނަގައިދިން ހުރަހަކުން ލިބުނު ބޯޅައެއް ކޭން ބޮލުން ފޮނުވާލައިގެން ކާމިޔާބުކުރި ގޯލެކެވެ.

މި މުބާރާތުގައި ރޭ ކުޅުނު އަނެއް މެޗުގެ ފުރިހަމަވަގުތު ހަމަވިއިރު ދެ ޓީމު 1-1 އިން އެއްވަރުވުމުން ނަތީޖާ ނެރުމަށް ކުޅުނު އިތުރުވަގުތުގެ ދެ ހާފުގައި ޖެހި ގޯލާއެކު ޔޫކްރޭނުން ވަނީ ސްވިޑެންގެ މައްޗަށް ކުރިހޯދައި އެ ގައުމުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ބޮޑު މުބާރާތެއްގެ ކުއާޓާ ފައިނަލުން ޖާގަ ހޯދާފައެވެ.

ސްކޮޓްލެންޑްގެ ގްލާސްގޯ ގައި ހެމްޕްޑެން ޕާކްގައި މިރޭ ކުޅުނު މެޗުގެ 27 ވަނަ މިނެޓުގައި ޔޫކްރޭނަށް ލީޑްނަގައިދިނީ އޮލެގްޒެންޑަ ޒިންޗެންކޯ އެވެ. ފުރަތަމަ ހާފު ނިމެން ދެ މިނެޓަށްވެފައިވަނިކޮށް ސްވިޑެންގެ ޒުވާން ފޯވާޑް އަލެކްސެންޑަ އީސަކް ދިން ބޯޅައަކުން އެ ޓީމަށް އެއްވަރުކޮށްދިނީ އެމީލް ފޯސްބާގް އެވެ. މިއީ މި ފަހަރުގެ ޔޫރޯގައި ފޯސްބާގް ޖެހި ހަތަރުވަނަ ލަނޑެވެ.

ސްވިޑެންއާ ދެކޮޅަށް ޔޫކްރޭން ކުޅުނު މެޗުގެ ތެރެއިން. –ފޮޓޯ: ޓުވިޓާ

މެޗުގެ ފުރިހަމަވަގުތު ހަމަވިއިރު ދެ ޓީމު 1-1 އިން އެއްވަރުވުމުން، ދެން ކުޅެން ޖެހުނު އިތުރުވަގުތުގެ ފުރަތަމަ ހާފު ނިމެންދަނިކޮށް ޔޫކްރޭންގެ އާޓެމް ބެސެޑިން އަށް ކުރި ނުރައްކާތެރި ޓެކުލަކާ ގުޅިގެން ސްވިޑެންގެ ޑިފެންޑަރު މާކަސް ޑެނިއަލްސަން އަށް ރެފްރީ ވަނީ ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލާފައެވެ. ރެފްރީ އެންމެ ފުރަތަމަ ޑެނިއަލްސަން އަށް ދެއްކީ ރީނދޫ ކާޑެކެވެ. އެކަމަކު، ފަހުން ވީއޭއާރްގެ އެހީ ހޯދުމަށްފަހު ރެފްރީ ވަނީ އެ ނިންމުން ބަދަލުކޮށްފައެވެ.

އެއް ކުޅުންތެރިއަކު މަދުން ކުޅެން ޖެހުމުން ސްވިޑެން އަށް ހުރަސްތައް ކުރިމަތިވެ، ދެ ޓީމަށް އިތުރު ގޯލެއް ކާމިޔާބުނުކުރެވި 1-1 އިން މި މެޗު އެއްވަރުވެގެން ނިމެން ދަނިކޮށް ޔޫކްރޭން މޮޅުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް އާޓެމް ޑޮވްބީކް އެވެ. މިއީ އެ ޓީމުގެ ހުނަރުވެރި މިޑްފީލްޑަރު ޒިންޗެންކޯ ނަގައިދިން ހުރަހަކުން ލިބުނު ބޯޅައެއް ޑޮވްބީކް ބޮލުން ފޮނުވާލައިގެން ކާމިޔާބުކުރި ގޯލެކެވެ.

ކުއާޓާ ފައިނަލްގައި ޔޫކްރޭން ކުޅެން ޖެހެނީ އިންގްލެންޑާ ދެކޮޅަށެވެ. މި މެޗު ކުޅެވޭނީ އަންނަ ޖުލައި މަހުގެ 4 ވާ އާދީއްތަ ދުވަހުގެ ދަންވަރު 12 ޖަހާއިރު ރޯމްގެ އޮލިމްޕިކް ސްޓޭޑިއަމްގައެވެ.