English Edition
Dhivehi Edition

ޅ. ނައިފަރު ޒުވާނަކަށް ފުލުހުން އަނިޔާ ކުރި މައްސަލާގައި ތިން ފުލުހަކު ވަޒީފާއިން ވަކިކޮށް އިތުރު ދެ ފުލުހެއްގެ މަގާމު ދަށްކުރަން ނިންމައިފިއެވެ.

މިދިޔަ މެއި މަހުގެ 17 ވަނަ ދުވަހު ފުލުހަށް ހުށަހެޅި މި މައްސަލައާއި ގުޅިގެން ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަޑް ކޮމާންޑުން މި މައްސަލަ ބެލުމަށްފަހު ޑިސިޕްލިނަރީ ބޯޑަށް ހުށަހެޅުމުން ތިން މީހަކު ފުލުހުންގެ ވަޒީފާ އިން ވަކި ކުރަން ވަނީ ނިންމާފައެވެ. މީގެ އިތުރުން އެހެން ދެ ފުލުހަކު މިހާރު ތިބި ރޭންކުން އެއް ރޭންކް ދަށްކުރުމަށް ވެސް ވަނީ ނިންމާފައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މި މައްސަލައިގައި ފިޔަވަޅު އަޅާފައިވާ ފުލުހުންނަށް، މި މައްސަލައިގައި އަޅާފައިވާ ފިޔަވަޅު އިސްތިއުނާފު ކުރުމަށް ބަންދު ދުވަސްތައް ނުހިމަނާ ހަތް ދުވަސް ލިބޭނެ ކަމަށެވެ.

މިދިޔަ މަހުގެ 16 ވަނަ ދުވަހު ހިނގި މިހާދިސާގެ ވީޑިއޯ މީސްމީޑިއާގައި އާއްމުވެފައިވާއިރު، އެ ވީޑިއޯއިން ފެނިގެން ދަނީ ގިނަ އަދަދެއްގެ ފުލުހުން މީހަކު ހައްޔަރު ކުރުމަށް ބާރުގެ ބޭނުން ކުރަމުންދާ މަންޒަރެވެ، އަދި އެ މީހާގެ ދެ އަތާއި ފައިގައި ހިފައިގެން ފުލުހުންގެ އިދާރާއަށް ގެންދާ މަންޒަރު ވެސް ފެނިގެންދެއެވެ.