English Edition
Dhivehi Edition

ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ރޭ ކުޅުނު ދެވަނަ ބުރުގެ މެޗުތަކަށްފަހު ބެލްޖިއަމާއި ޗެކް ރިޕަބްލިކުން އެ މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފިއެވެ.

އެންމެ ފަހުގެ ޗެމްޕިއަން ޕޯޗުގަލް އަތުން 1-0 އިން ބެލްޖިއަމް މޮޅުވިއިރު، ޗެކް ރިޕަބްލިކުން ވަނީ މުބާރާތުގެ ފޭވަރިޓެއް ކަމަށްވާ ނެދަލެންޑްސް 2-0 އިން ބަލިކޮށްފައެވެ.

މިއީ ވޭތުވެދިޔަ 32 އަހަރުގެ ތެރޭގައި ވާދަވެރި މެޗަކުން ޕޯޗުގަލްގެ މައްޗަށް ބެލްޖިއަމުން ކުރިހޯދި ފުރަތަމަ ފަހަރެވެ. އަދި ޕޯޗުގަލް އެންމެ ފަހުން ކުޅުނު ނުވަ މެޗުގެ ތެރެއިން އެ ޓީމަށް ގޯލެއް ކާމިޔާބުނުކުރެވި ނިންމާލި ފުރަތަމަ މެޗެވެ.

ސްޕެއިނުގެ ސެވީލްގައި ހުންނަ ލަ ކަރްޓޫހާ ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު، ބެލްޖިއަމަށް ކާމިޔާބުކޮށްދިނީ ތޯގަން ހަޒާޑް އެވެ. މިއީ އެ ޓީމުގެ ފުލްބެކް ތޯމަސް މޫނިއޭ ދިން ބޯޅައަކުން ތޯގަން ހަޒާޑް ކާމިޔާބުކުރި ގޯލެކެވެ.

ޕޯޗުގަލްގެ ރެނާޓޯ ސަންޗޭސް (މ) އަތުން ބޯޅަ ހޯދަން ބެލްޖިއަމްގެ ކުޅުންތެރިން މަސައްކަތްކުރަނީ. –ފޮޓޯ: ޓުވިޓާ

މި މެޗުގެ ފުރަތަމަ ހާފުގައި ޕޯޗުގަލް އަށް ލަނޑުޖަހަން ލިބުނު އެންމެ ރަނގަޅު ފުރުޞަތުގައި އެ ޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ހިލޭޖެހުމަކުން ފޮނުވާލި ބޯޅަ ބެލްޖިއަމްގެ ކީޕަރު ތިބައުޓް ކޯޓުއާ ވަނީ ހުއްޓުވާފައެވެ. އެ ބޯޅަ ދެވަނަ ފަހަރަށް ޕޯޗުގަލްގެ ކުޅުންތެރިއަކު ފޮނުވާލުމުން ވެސް ގޯލެއް ކާމިޔާބުކުރެވޭގޮތެއްނުވިއެވެ.

ދެވަނަ ހާފުގައި ޕޯޗުގަލްގެ ޑިފެންޑަރު ރުބެން ޑިއާޒް އާއި ރަފައެލް ގަރޭރޯ އަށް ވަނީ ރަނގަޅު ފުރުޞަތުތަކެއްލިބި ބޭކާރުވެފައެވެ. ޕެނަލްޓީއޭރިޔާތެރެއިން ޑިއާޒް ބޮލުން ފޮނުވާލި ބޯޅަ ބެލްޖިއަމްގެ ކީޕަރު ކޯޓުއާ މަތަކުރިއިރު، އެ ޓީމުގެ ފުލްބެކް ގަރޭރޯ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލްގެ އަރިމަތީދަނޑިއަށެވެ.

މި މުބާރާތުގެ ދެވަނަ ބުރުގައި ރޭ ކުޅުނު އަނެއް މެޗުގައި ގްރޫޕް ސްޓޭޖުގައި މޮޅު ކުޅުމެއްދެއްކި ނެދަލެންޑްސް ސިއްސުވާލުމަށްފަހު ޗެކް ރިޕަބްލިކުން ކުއާޓާ އަށް ދަތުރުކުރީ ދެވަނަ ހާފުގައި ވައްދާލި ލަނޑުތަކުންނެވެ.

ހަންގޭރީގެ ބުޑަޕެސްޓްގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ޗެކް ރިޕަބްލިކަށް ލީޑްނަގައިދޭން ޕެޓްރިކް ޝިކް އާއި އެންޓޮނިން ބަރަކް ފޮނުވާލި ބޯޅަތަކުގައި ގޯލެއް ކާމިޔާބުކުރެވޭ ގޮތެއްނުވިއެވެ. ދެވަނަ ހާފުގެ ކުރީކޮޅު ނެދަލެންޑްސްގެ މެމްފިސް ޑިޕާއީ ތަނަވަސްކުރި ފުރުޞަތަކުން ޑޮންޔެލް މާލެން ފޮނުވާލި ބޯޅަ ޗެކް ރިޕަބްލިކްގެ ކީޕަރު ތޯމަސް ވަސްލިޗް މަތަކުރިއެވެ.

ރޭގެ މެޗުގައި ޗެކް ރިޕަބްލިކްގެ ތޯމަސް ހޮލޭޝް (ވ) ނެދަލެންޑްސްގެ ގޯލަށް އަމާޒުކޮށް ބޯޅަ ފޮނުވާލަނީ. –ފޮޓޯ: ޓުވިޓާ

އޭގެ މިނެޓެއްފަހުން، ނެދަލެންޑްސްގެ ޑިފެންޑަރު މަތައިސް ޑި ލިޓް އަތުން ގެއްލުނު ބޯޅައެއް ހޯދަން ކުރި މަސައްކަތުގެ ތެރެއިން ޗެކް ރިޕަބްލިކްގެ ފޯވާޑް ޝިކް އަށް ހުރަސްއެޅުމުގެ ގޮތުން ބޯޅައިގައި އަތްލުމުން ރެފްރީ ވަނީ ޑި ލިޓަށް ރީނދޫ ކާޑެއް ދައްކާފައެވެ. އެކަމަކު، ފަހުން ވީއޭއާރްގެ އެހީ ހޯދުމަށްފަހު ރެފްރީ ވަނީ ނިންމުން ބަދަލުކޮށް، ޑި ލިޓަށް ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލާފައެވެ.

ނެދަލެންޑްސްގެ ކުޅުންތެރިއަކު މަދުވުމުގެ ފައިދާނަގައި ޗެކް ރިޕަބްލިކުން ޖެހި ފުރަތަމަ ލަނޑު، މެޗުގެ 68 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ތޯމަސް ހޮލޭޝް އެވެ. އަދި އޭގެ 12 މިނެޓުފަހުން، ހޮލޭޝް ދިން ބޯޅައަކުން ޝިކް ވަނީ ޗެކް ރިޕަބްލިކުގެ ދެވަނަ ލަނޑުޖަހައިދީ އެ ޓީމަށް ކުއާޓާ ފައިނަލުން ޖާގަ ކަށަވަރުކޮށްދީފައެވެ. މިއީ މި މުބާރާތުގައި ޝިކް ޖެހި ހަތަރުވަނަ ލަނޑެވެ.

މިއާއެކު، ޝިކް ވަނީ ޔޫރޯގެ އެއް މުބާރާތެއްގައި ޗެކް ރިޕަބްލިކަށް ހަތަރު ލަނޑުޖަހައިދިން ދެވަނަ ކުޅުންތެރިޔާގެ ޝަރަފު ހޯދާފައެވެ. މީގެކުރީން، މި ރެކޯޑް އޮންނަނީ 2004 ވަނަ އަހަރުގެ މުބާރާތުގައި ފަސް ގޯލްޖަހައިގެން ޓޮޕް ސްކޯރާގެ މަގާމު ހޯދި ކުރީގެ ފޯވާޑް މިލާން ބަރޮސް އަތުގައެވެ.

ރޭގެ މެޗުތަކަށްފަހު މި މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދާފައިވާ ޓީމުތަކަކީ، ބެލްޖިއަމާއި، ޗެކް ރިޕަބްލިކްގެ އިތުރުން އިޓަލީ އާއި ޑެންމާކެވެ.