ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގައި ރޭ ކުޅުނު މެޗުގައި އެކުއޭޑޯއާ 1-1 އިން އެއްވަރުވެ، ބްރެޒިލުން ދަމަހައްޓަމުންއައި މޮޅުވުމުގެ ސިލްސިލާ ނިމުމަކަށް އަތުވެއްޖެއެވެ.
ރޭގެ މެޗާ ހަމައަށް އައިއިރު ބްރެޒިލް އެންމެ ފަހުން ކުޅުނު 10 މެޗު ވަނީ ކާމިޔާބުކޮށްފައެވެ. އަދި އެ ޓީމުން މި މުބާރާތުގެ ގްރޫޕް ސްޓޭޖުގައި އެންމެ ފުރަތަމަ ކުޅުނު ތިން މެޗުން ވެސް ވަނީ މޮޅުވެފައެވެ.
މިނަތީޖާއާއެކު ބްރެޒިލުން ގްރޫޕް ސްޓޭޖުގައި ކުޅުނު ހަތަރު މެޗުން 10 ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އޮތް ޕެރޫ އަށް ލިބިފައިވަނީ ހަތް ޕޮއިންޓެވެ. ތިންވަނައިގައި އޮތް ކޮލަމްބިއާ އަށް ހަތަރު ޕޮއިންޓް ލިބިފައިވާއިރު، އޭގެ އެއް ޕޮއިންޓް ފަހަތުން ހަތަރުވަނައިގައި އޮތީ އެކުއޭޑޯ އެވެ. އެންމެ ފުލުގައި އޮތް ވެނެޒުއޭލާ އަށް ލިބުނީ ދެ ޕޮއިންޓެވެ.
ގޮޔާނާގައި ހުންނަ އެސްޓާޑިއޯ އޮލިމްޕިކޯ ޕެޑްރޯ ލުޑޮވީކޯގައި ރޭ ކުޅުނު މި މެޗުގައި ކުރީން ލީޑްނެގީ ވެސް ބްރެޒިލުންނެވެ. ފުރަތަމަ ހާފުގެ 37 ވަނަ މިނެޓުގައި އެ ޓީމަށް މިލަނޑުޖަހައިދިނީ ރެއާލް މެޑްރިޑްގެ ޑިފެންޑަރު އެޑާ މިލިޓާއޯއެވެ.
އޭގެކުރީން، އެ ޓީމުގެ ފޯވާޑް ގެބްރިއެލް ބާބޯސާ އަށް ލިބުނު ފުރުޞަތުގައި ފޮނުވާލި ބޯޅަ އެކުއޭޑޯގެ ކީޕަރު ހެރްނާން ގަލިންޑޭޒް މަތަކުރިއެވެ.
މި މެޗުގައި އެކުއޭޑޯ އިން އެއްވަރުކުރި ލަނޑު، ދެވަނަ ހާފުގެ ކުޅުން ފެށިގެން ހަވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެންހެލް މެނާ އެވެ. މިއީ ކުރީން ޕްރިމިއާ ލީގުގައި ވެސްޓް ހޭމް ޔުނައިޓެޑަށް ކުޅުނު އެނާ ވެލެންސިއާ ދިން ބޯޅައަކުން މެނާ ކާމިޔާބުކުރި ގޯލެކެވެ.
އޭގެފަހުން، ބްރެޒިލަށް އަލުން ލީޑްނަގައިދޭން ލިބުނު ފުރުޞަތުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ރެއާލްގެ ހަލުވި ވިންގާ ވިނީޝަސް ޖޫނިއާ ފޮނުވާލި ބޯޅަ ގޯލަށް އަމާޒުވާގޮތެއްނުވިއެވެ.
މި ގްރޫޕުގައި ހިމެނޭ ވެނެޒުއޭލާގެ މައްޗަށް ޕެރޫ އިން ކުރި ހޯދީ 1-0 އިންނެވެ. މި މެޗުގައި ޕެރޫ އިން ޖެހި ހަމައެކަނި ލަނޑު، ދެވަނަ ހާފުގެ ކުރީކޮޅު ކާމިޔާބުކޮށްދިނީ ސައުދީ އަރަބިއާގެ އަލް ހިލާލް އަށް ކުޅެމުން އަންނަ ވިންގާ އަންދްރޭ ކަރީލޯ އެވެ. މިއީ މި މުބާރާތުގައި އޭނާ ޖެހި ދެވަނަ ލަނޑެވެ.
މި މުބާރާތުގައި މިރޭ ކުޅޭ މެޗުތަކުގައި އުރުގުއޭއާ ދެކޮޅަށް ޕެރަގުއޭ ނިކުންނައިރު، އާޖެންޓީނާ ނިކުންނާނީ ބޮލީވިއާ އާ ދެކޮޅަށެވެ. މި ދެ މެޗު ވެސް ފަށާނީ ރާއްޖޭގަޑިން މިރޭ ފަތިހު 5 ޖަހާއިރު އެވެ.