English Edition
Dhivehi Edition
ރޭގެ މެޗަށްފަހު އިޓަލީގެ ކުޅުންތެރިން އުފާ ފާޅުކުރަނީ. --ފޮޓޯ: ޔުއެފާ ޓުވިޓާ

ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ރޭ ކުޅުނު މެޗުތަކަށްފަހު އިޓަލީ އާއި ޑެންމާކުން އެ މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފިއެވެ.

އިޓަލީ އިން އޮސްޓްރިއާގެ މައްޗަށް މެޗުގެ އިތުރުވަގުތުގެ ދެ ހާފުގައި ކުޅެގެން 2-1 އިން ކުރިހޯދިއިރު، ޑެންމާކުން ވަނީ 4-0ގެ ތަފާތު ބޮޑު ނަތީޖާއަކުން ވޭލްސް ބަލިކޮށްފައެވެ.

ރޭގެ މެޗަކީ އިޓަލީ އިން ޖެހިޖެހިގެން މޮޅުވި 12 ވަނަ މެޗެވެ. އަދި އެ ޓީމު އެންމެ ފަހުން ކުޅުނު 31 މެޗުން ވެސް ބަލިވެފައެއްނުވެއެވެ.

އިންގްލެންޑްގެ ވެމްބްލީ ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި އިޓަލީ އިން ތަނަވަސްކުރި ފުރަތަމަ ފުރުޞަތުގައި އެ ޓީމުގެ ލިއޮނާޑޯ ސްޕިނަޒޯލާ ދިން ބޯޅައަކުން ނިކޯލޯ ބަރެއްލާ ފޮނުވާލި ބޯޅަ އޮސްޓްރިއާގެ ކީޕަރު ޑެނިއެލް ބަކްމަން މަތަކުރިއެވެ. އޮސްޓްރިއާގެ ކައުންޓާ އެޓޭކެއްގައި މާކޯ އާނައުޓޮވިޗް ފޮނުވާލި ބޯޅަ ދިޔައީ ގޯލަށް ވުރެ މާ މަތިންނެވެ. މި ހާފުގައި އިޓަލީ އަށް ލިބުނު އެންމެ ރަނގަޅު ފުރުޞަތުގައި ލާޒިއޯގެ ފޯވާޑް ޗީރޯ އިމޯބިލޭ ޕެނަލްޓީއޭރިޔާބޭރުން ފޮނުވާލި ބާރު ހަމަލާ އަމާޒުވީ ގޯލްގެ ހުރަސްދަނޑިއަށެވެ.

އިޓަލީއާ އޮސްޓްރިއާ ބައްދަލުކުރި މެޗުގެ ތެރެއިން. –ފޮޓޯ: ޓުވިޓާ

ދެވަނަ ހާފުގައި އިޓަލީ އަށް އޮސްޓްރިއާގެ ގޯލަށް މާ ނުރައްކާކުރެވިފައެއްނުވެއެވެ. އެކަމަކު، މި ހާފުގައި އޮސްޓްރިއާ އަށް ވަނީ ލީޑްނެގުމަށް ރަނގަޅު ދެ ފުރުޞަތެއްލިބިފައެވެ. އެގޮތުން، އެ ޓީމުގެ މިޑްފީލްޑަރު މާސެލް ސަބިޓްޒާ ފޮނުވާލި ބޯޅައެއް ގޯލްގެ ދަނޑިކައިރިން ބޭރަށް ދިޔައިރު، އާނައުޓޮވިޗް ކާމިޔާބުކުރި ގޯލް ރެފްރީ ގަބޫލުނުކުރީ ވީއޭއާރް އިން ބެލުމަށްފަހު އޮފްސައިޑް ކަމަށް ނިންމާފައެވެ.

މި މެޗުގައި އިޓަލީ އިން ޖެހި ފުރަތަމަ ލަނޑު، އިތުރުވަގުތުގެ 15 މިނެޓުގެ ދެ ހާފުގެ ތެރެއިން ފުރަތަމަ ހާފުގެ ކުޅުން ފެށިތާ ފަސްވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ފެޑެރީކޯ ޗިއޭސާ އެވެ. އޭނާ މި ލަނޑުޖެހީ ސްޕިނަޒޯލާ ތަނަވަސްކުރި ފުރުޞަތަކުންނެވެ. އިޓަލީގެ ދެވަނަ ލަނޑު، މި ހާފުގެ އެންމެ ފަހު މިނެޓުގައި ކާމިޔާބުކޮށްދިނީ މަޓެއޯ ޕެސީނާ އެވެ. ޕެސީނާ ކުޅެން ނިކުތީ ވެސް މެޗުގެ ދެވަނަ ހާފުގައެވެ. އޭނާ މި ލަނޑުޖެހީ ޓޮރީނޯގެ އިތުބާރު ފޯވާޑް އަންދްރެއާ ބެލޮއްޓީ ދިން ބޯޅައަކުންނެވެ. މިއީ މި މުބާރާތުގައި އޭނާ ޖެހި ދެވަނަ ގޯލެވެ.

އިތުރުވަގުތުގެ ދެވަނަ ހާފުގައި އޮސްޓްރިއާ އިން ލަނޑެއްޖެހުމަށް ކުރި މަސައްކަތްތައް ހުއްޓުވުމުގައި އިޓަލީގެ ޒުވާން ކީޕަރު ޖިއަންލުއިޖީ ޑޮންނަރުއްމާ މޮޅު ސޭވްތަކެއް ކުރިއިރު މެޗުގެ 114 ވަނަ މިނެޓުގައި އޮސްޓްރިއާގެ ލުއީސް ޝައުބް ނަގައިދިން ކޯނަރަކުން ސާސާ ކަލައިޗިޗް ވެއްޓިގެންފައި ބޮލުން ގޯލްގެ ތެރެއަށް ވައްދާލި ބޯޅަ ހުއްޓުވުމަށް ޑޮންނަރުއްމާ އަށް މާބޮޑު ކަމެއް ނުކުރެވުނެވެ.

ވޭލްސްއާ ދެކޮޅަށް ޑެންމާކް ކުޅުނު މެޗުގެ ތެރެއިން. –ފޮޓޯ: ޓުވިޓާ

އިޓަލީގެ އިތުރުން މިހާތަނަށްއައިއިރު މި މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދާފައިވަނީ ޑެންމާކުންނެވެ. އެ ޓީމުން ވަނީ 4-0ގެ ތަފާތު ބޮޑު ނަތީޖާއަކުން ވޭލްސް ބަލިކޮށްފައެވެ. ރޭގެ މެޗުގައި ޑެންމާކުން ޖެހި ހަތަރު ލަނޑުގެ ތެރެއިން ދެ ގޯލްޖެހީ ކެސްޕާ ޑޮލްބާގް އެވެ. މިއީ ވޭތުވެދިޔަ 17 އަހަރުގެ ތެރޭގައި އެ ޓީމުން ޔޫރޯގެ ކުއާޓާ ފައިނަލުން ޖާގަ ހޯދި ފުރަތަމަ ފަހަރެވެ.

އެމްސްޓެޑަމްގެ ޔޯހަން ކްރައިފް އެރީނާގައި ރޭ ކުޅުނު މި މެޗުގައި ޑެންމާކުން ޖެހި ފުރަތަމަ ލަނޑު، ޑޮލްބާގް ކާމިޔާބުކުރީ ޕެނަލްޓީއޭރިޔާބޭރުން ފޮނުވާލި ހަމަލާއަކުންނެވެ. މިއީ މެޗުގެ 27 ވަނަ މިނެޓުގައި އެ ޓީމުގެ ޒުވާން ވިންގާ މިކޭލް ޑަމްސްގާޑް ތަނަވަސްކުރި ފުރުޞަތަކުން ޑޮލްބާގް ކާމިޔާބުކުރި ގޯލެކެވެ. މި މެޗުގައި ޑެންމާކުން ޖެހި ދެވަނަ ލަނޑު، ދެވަނަ ހާފުގެ ކުރީކޮޅު ޑޮލްބާގް ކާމިޔާބުކޮށްދިނީ ވޭލްސްގެ ޑިފެންޑަރަކަށް ހެދުނު ގޯހެއްގެ ފައިދާނަގައިގެންނެވެ.

ޑެންމާކުން ރޭގެ މެޗުގައި ޖެހި ތިންވަނަ ލަނޑު، މެޗު ނިމެން ދެ މިނެޓަށްވެފައިވަނިކޮށް ކާމިޔާބުކޮށްދިނީ ޔޯކިމް މޭލާ އެވެ. އަދި މެޗުގެ އިތުރުވަގުތުގައި އެ ޓީމުގެ ހަތަރުވަނަ ލަނޑުޖަހައިދިނީ ބާސެލޯނާގެ ފޯވާޑް މާޓިން ބްރެއިތުވެއިޓް އެވެ. ރެފްރީ މި ލަނޑު ބަލައިގަންނަން ނިންމީ ވީއޭއާރް އިން ބެލުމަށްފަހު އެވެ. މި މެޗުގެ ފަހުވަގުތު ކޮޅުގެ ތެރޭގައި ވޭލްސްގެ ހެރީ ވިލްސަން އަށް ދެއްކި ރަތް ކާޑާއެކު އެ ޓީމުން މެޗު ނިންމާލީ 10 ކުޅުންތެރިންނާއެކު އެވެ. މިއީ މި ފަހަރުގެ ޔޫރޯގައި އެ ޓީމުގެ ކުޅުންތެރިއަކަށް ރަތް ކާޑު ދެއްކި ދެވަނަ ފަހަރެވެ. މީގެކުރީން، އެ ޓީމުގެ ޑިފެންޑަރު އީތަން އަމްޕަޑޫ އަށް ވެސް ވަނީ ރަތް ކާޑު ދައްކާފައެވެ.