English Edition
Dhivehi Edition

ވިމެން އެންޓަރޕްރިނިއަރސް ޑޭއި އޯގަނައިޒޭޝަން އަދި #ChooseWomen ގެ ދިވެހިރާއްޖޭގެ އެމްބެސެޑަރަކަށް ސ.ހިތަދޫ، ނޮވެމްބަރގެ، އާމިނަތު ޢަލީ (އައިންތު) އައްޔަންކޮށްފިއެވެ. މިމަގާމަށް އައިންތު އައްޔަންކޮށްފައިވަނީ ޖޫން 2021 އިން ފެށިގެން 3 އަހަރު ދުވަހުގެ މުއްދަތަށެވެ.

ވީޑޯ އަކީ އަންހެން ވިޔަފާރިވެރިން ބާރުވެރިކުރުވުމާއި، ކުރާ މަސައްކަތްތައް ފާހަގަ ކުރުމާއި އަދި މިފަދަ މީހުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާ ޖަމިއްޔާއެކެވެ. މިޖަމިއްޔާގެ ހަރަކާތްތައް އެކުވެރި ދައުލަތްތައް (އަދ) ގެ އިތުރުން ދުނިޔޭގެ 144 ގައުމެއްގައި، 110 ޔުނިވަރސިޓީ / ކޮލެޖެއްގައި ކުރިއަށް ގެންދެއެވެ. މިހަރަކާތުގެ އަމާޒަކީ ދުނިޔޭގެ އާބާދީގެ ދެބައިކުޅަ އެއްބައި ކަމުގައިވާ 4 ބިލިއަން އަންހެނުންނަކީ ބާރުވެރިވެފައިވާ ބަޔަކަށް ހަދައި، މުޖުތަމައަށް ބޭނުންތެރި ބަދަލުތަކެއް ގެންނަ ބަޔަކަށް ހެދުމާއި އެކު، ދުނިޔޭގެ ފަގީރު ކަމުގައި ދިރިއުޅެމުން އަންނަ 250 މިލިއަން އަންހެން ކުދިންގެ ހާލަތު ބަދަލުކުރުމަށް މަސައްކަތް ކުރުމުވެ.

އައިންތު ވިދާޅުވީ އެމްބެސެޑަރެއްގެ ހައިސިއްޔަތުން ދުނިޔޭގެ އަންހެން ވިޔަފާރިވެރިންގެ ދުވަސް ކަމުގައިވާ ނޮވެމްބަރ މަހުގެ 19 ވަނަ ދުވަހާއި ގުޅިގެން އެކި އެކި ހަރަކާތްތައް ކުރިއަށް ގެންދާނެކަމަށާއި އިގްތިސާދީ ގޮތުން އަންހެނުން ބާރުވެރިކުރުމަށްޓަކައި އެކި އެކި ޕްރޮގްރާމްތައް ‘ވީޑޯ’ އާއި ގުޅިގެން ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވާ ކަަމަށެވެ.

އާމިނަތު ޢަލީ އަކީ ރާއްޖޭގެ އެންމެ ފުރަތަމަ ރަޖިސްޓަރ ކޮށް ހިންގަން ފެށި ސަރަހައްދީ ޖަމިއްޔާ ކަމުގައިވާ ސަދަން ކޮމިއުނިޓީ އެމްޕަވަރމަންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ސްކީމް) ގެ ފައުޑަރ މެމްބަރެއްގެ އިތުރުން މިޖަމިއްޔާގެ ނައިބު ރައީސާއެވެ. ބިޒްނަސް އެޑްމިނިސްޓްރޭޝަން ދާއިރާއިން އޯޕަން ޔުނިވަރސިޓީ މެލޭޝިއާގެ މާސްޓާސް ފުރިހަމަ ކޮށްފައިވާ އައިންތު އަކީ ސަޓިފައިޑް އޮންޓްރޮޕްރިނިއާޝިޕް އަދި ބިޒްނަސް ކޯޗެކެވެ. މިވަގުތު އައިންތު މަސައްކަތް ކުރަމުން ގެންދަނީ އައްޑޫ ސިޓީގައި ގާއިމްކުރެވިފައިވާ ބިޒްނަސް ސެންޓަރ ކޯޕަރޭޝަންގެ ހިތަދޫ ބްރާންޗުގެ މެނޭޖަރެއްގެ މަގާމުގައެވެ. އައިންތު އަކީ މުޖުތަމައަށް ފައިދާ ހުރި ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންގެންދާ، އަދި އެކި ދާއިރާތަކުން މީހުން ބިނާކުރުމުގައި އަމަލީގޮތުން މަސައްކަތް ކުރަމުންގެންދާ މީހެއްކަން ފާހަގަ ކުރެވެއެވެ.