މިހާރު ކުރިއަށްދާ ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގައި މިއަދު ކުޅުނު މެޗުގައި ކޮލަމްބިއާ އަތުން ފަހުވަގުތު 2-1 އިން މޮޅުވެ ބްރެޒިލުން ތާވަލްގެ އެންމެ ކުރީގައި ލީޑް ފުޅާކޮށްފިއެވެ.
މިއީ ބްރެޒިލުން ޖެހިޖެހިގެން މޮޅުވި 10 ވަނަ މެޗެވެ. އެ ޓީމު އެންމެ ފަހުން މެޗަކުން ބަލިވީ 2019 ވަނަ އަހަރުގެ ނޮވެންބަރު މަހު ވާދަވެރި އާޖެންޓީނާއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗެއްގައެވެ.
މި ނަތީޖާއާއެކު ގްރޫޕް ބީ ގެ އެއްވަނައިގައި ބްރެޒިލް އޮތީ ކުޅުނު ތިން މެޗުން ސައްތައިން ސައްތަ ރެކޯޑަކާއެކު ނުވަ ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި އޮތް ކޮލަމްބިއާ އަށް ހަތަރު މެޗުން ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ. ތިންވަނައިގައި އޮތް ޕެރޫ އަށް ތިން މެޗު ކުޅެގެން ހަމަ އެ އަދަދަށް ޕޮއިންޓް ލިބިފައިވާއިރު، ކޮލަމްބިއާ އަށް ކުރިލިބެނީ ފައިދާ ގޯލްގެ ތަފާތުންނެވެ. ހަތަރުވަނައިގައި އޮތް އެކުއޭޑޯ އާއި އެންމެ ފުލުގައި އޮތް ވެނެޒުއޭލާ އަށް ލިބިފައިވަނީ ދެ ޕޮއިންޓެވެ.
ރިއޯ ޑި ޖެނެއިރޯ ގައި ހުންނަ އޮލިމްޕިކް ސްޓޭޑިއަމްގައި ކުޅުނު މެޗު ފެށިގެން 10 ވަނަ މިނެޓުގައި ކުރީން ލީޑްނެގީ ކޮލަމްބިއާ އިންނެވެ. އެ ޓީމަށް މިލަނޑުޖަހައިދިނީ ލުއިސް ޑިއާޒް އެވެ. މިއީ އެ ޓީމުގެ ހުއާން ކުއަޑްރާޑޯ ދިން ބޯޅައަކުން ޕެނަލްޓީއޭރިޔާތެރެއިން އޯވަހެޑް ކިކަކުން ޑިއާޒް ކާމިޔާބުކުރި ގޯލެކެވެ.
ބްރެޒިލުން އެއްވަރުކުރީ މެޗު ނިމެން 12 މިނެޓަށްވެފައިވަނިކޮށް ލިވަޕޫލްގެ ފޯވާޑް ރޮބާޓޯ ފިރްމީނޯ ކާމިޔާބުކުރި ލަނޑުންނެވެ. މިއީ އެ ޓީމުގެ ފުލްބެކް ރެނާން ލޯޑީ ނަގައިދިން ހުރަހަކުން ލިބުނު ބޯޅައެއް ފިރްމީނޯ ބޮލުން ފޮނުވާލައިގެން ކާމިޔާބުކުރި ގޯލެކެވެ.
މި މެޗުން ބްރެޒިލް މޮޅުވި ލަނޑު، އިތުރުވަގުތުގެ ގޮތުގައި ދެއްކި 10 މިނެޓުގެ ތެރެއިން އެންމެ ފަހު މިނެޓުގައި ކާމިޔާބުކޮށްދިނީ ރެއާލް މެޑްރިޑްގެ މިޑްފީލްޑަރު ކަސެމީރޯ އެވެ. މިއީ ޕީއެސްޖީގެ ތަރި ނޭމާ ނަގައިދިން ކޯނަރަކުން ލިބުނު ބޯޅައެއް ބޮލުން ފޮނުވާލައިގެން ކަސެމީރޯ ކާމިޔާބުކުރި ގޯލެކެވެ.
މި ގްރޫޕުގައި ހިމެނޭ އެކުއޭޑޯއާ ދެކޮޅަށް ޕެރޫ ކުޅުނު މެޗު ނިމުނީ 2-2 އިން ދެ ޓީމު އެއްވަރުވެގެންނެވެ. ފުރަތަމަ ހާފުގައި އެކުއޭޑޯ އިން ޖެހި ދެލަނޑުގެ ތެރެއިން ފުރަތަމަ ގޯލަކީ ޕެރޫގެ ރެނާޓޯ ޓާޕިއާ އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ. މި ހާފުގެ އިތުރުވަގުތުގައި އަނެއް ލަނޑުޖެހީ އައިރްޓަން ޕްރެސިއާޑޯ އެވެ. މި މެޗުގެ ދެވަނަ ހާފުގައި ޕެރޫ އިން ޖެހި ލަނޑު ކާމިޔާބުކޮށްދިނީ ޖިއަންލޫކާ ލަޕަޑިއުލާ އާއި އަންދްރޭ ކަރީލޯ އެވެ.
މި މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ބްރެޒިލް ކުޅޭ ފަހު މެޗުގައި އަންނަ އާދީއްތަ ދުވަހު ނިކުންނާނީ އެކުއޭޑޯއާ ދެކޮޅަށެވެ. ހަމަ އެ ދުވަހު ކުޅޭ އަނެއް މެޗުގައި ޕެރޫ ނިކުންނާނީ ވެނެޒުއޭލާއާ ދެކޮޅަށެވެ.