English Edition
Dhivehi Edition

ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ހުރިހާ މެޗުތަކެއް ރޭ ނިމުނުއިރު، ދެވަނަ ބުރުގައި ބެލްޖިއަމާއި އެންމެ ފަހުގެ ޗެމްޕިއަން ޕޯޗުގަލް ބައްދަލުކުރާން ޖެހިއްޖެއެވެ.

މިއާއެކު، މި ފަހަރުގެ މުބާރާތުގެ ‘ގްރޫޕް އޮފް ޑެތު’ ގެ ނަން ދެވިފައިވާ ގްރޫޕް އެފްގެ ތިންވަނަ މަގާމު ޕޯޗުގަލް އަށް ލިބުމުން އެ ޓީމަށް ކުރިއަށް ދެން އޮތީ ވެސް އުނދަގޫ މެޗެކެވެ. ފީފާގެ ރޭންކިންގެ އެއްވަނައިގައި އުޅޭ ބެލްޖިއަމާއި ދެކޮޅަށް އެ ޓީމު ނިކުންނައިރު ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ހުރީ ރަނގަޅު ފޯމެއްގައެވެ.

މިހާރު އުމުރުން 36 އަހަރުގެ ރޮނާލްޑޯ ވަނީ ރޭ ކުޅެވުނު ގްރޫޕުގެ ފަހު މެޗުގައި ފްރާންސާއި 2-2 އިން އެއްވަރުވި މެޗުގައި ދެލަނޑުޖަހައި، ގައުމީ ޓީމަށް މިހާތަނަށް އެންމެ ގިނަ ލަނޑުޖަހައިދީފައިވާ އީރާންގެ ފޯވާޑް އަލީ ދާއީ ހަދާފައިވާ ރެކޯޑާ އަރާ ހަމަކޮށްފައެވެ. އީރާންގެ ގައުމީ ޓީމަށް ކުޅެދިން 149 މެޗުގައި 109 ލަނޑުޖަހައިގެން އަލީ ދާއީ ހަދާފައިވާ ރެކޯޑާ ރޮނާލްޑޯ އެއްވަރުކުރީ 177 މެޗުންނެވެ.

ގަދަ 16 ގެ ބުރުގައި ކުޅެވޭ ފާހަގަކޮށްލެވޭ އިތުރު މެޗުތަކުގެ ތެރޭގައި، މި މުބާރާތުގެ އެންމެ ކާމިޔާބު އެއް ޓީމު ކަމަށްވާ ޖަރުމަނުން ވާދަވެރި އިންގްލެންޑާ ދެކޮޅަށް ކުޅޭ މެޗާއި، އެންމެ ފަހުގެ ފީފާ ވޯލްޑް ކަޕްގެ ރަނަރަޕް މަގާމު ހޯދި ކްރޮއޭޝިއާ އިން ސްޕެއިނާ ދެކޮޅަށް ކުޅޭ މެޗު ހިމެނެއެވެ.

މީގެއިތުރުން، މި ފަހަރުގެ ޔޫރޯގައި ގިނަ ބައެއްގެ ސަމާލުކަން ހޯދައި، ފޭވަރިޓެއްގެ ދަރަޖަ ލިބިފައިވާ އިޓަލީ އިން އޮސްޓްރިއާއާ ދެކޮޅަށް ނިކުންނައިރު، 1988 ވަނަ އަހަރުގެ ޗެމްޕިއަން ނެދަލެންޑްސް ނިކުންނާނީ މީގެ 25 އަހަރު ކުރީން މި މުބާރާތުގެ ފައިނަލްގައި ކުޅެ ބަލިވި ޗެކް ރިޕަބްލިކާ ދެކޮޅަށެވެ. ދުނިޔޭގެ ޗެމްޕިއަން ފްރާންސުން ނިކުންނާނީ އަވައްޓެރި ސްވިޒަލޭންޑާ ދެކޮޅަށެވެ.

ގަދަ 16 ގެ ބުރުގައި ކުޅޭ މެޗުތައް:

ވޭލްސް – ޑެންމާކް

އިޓަލީ – އޮސްޓްރިއާ

ނެދަލެންޑްސް – ޗެކް ރިޕަބްލިކް

ބެލްޖިއަމް – ޕޯޗުގަލް

ކްރޮއޭޝިއާ – ސްޕެއިން

ފްރާންސް – ސްވިޒަލޭންޑް

އިންގްލެންޑް – ޖާމަނީ

ސްވިޑެން – ޔޫކްރޭން