English Edition
Dhivehi Edition
ރޭގެ މެޗުގައި ލަނޑުޖެހުމަށްފަހު ކްރޮއޭޝިއާގެ ލޫކަ މޮޑްރިޗް (ކ) އާއި އިވާން ޕެރިސިޗް އުފާ ފާޅުކުރަނީ. --ފޮޓޯ: ޓުވިޓާ

މިހާރު ކުރިއަށްދާ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ރޭ ސްކޮޓްލެންޑްގެ މައްޗަށް 3-1 އިން ކުރިހޯދައި، ކްރޮއޭޝިއާ އިން ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.

ރޭގެ ނަތީޖާއާއެކު މި ގްރޫޕުގެ އެއްވަނަ ހޯދީ އިންގްލެންޑުންނެވެ. އެ ޓީމަށް ކުޅުނު ތިން މެޗުން ހަތް ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އޮތް ކްރޮއޭޝިއާ އާއި ތިންވަނައިގައި އޮތް ޗެކް ރިޕަބްލިކަށް ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ. ކްރޮއޭޝިއާ އަށް ކުރިލިބެނީ ޖެހި ގޯލްގެ ތަފާތުންނެވެ. އެންމެ ފުލުގައި އޮތް ސްކޮޓްލެންޑަށް ލިބުނީ އެއް ޕޮއިންޓެވެ.

މިއީ ޔޫރޯގެ މެޗެއްގައި ކްރޮއޭޝިއާ އިން ތިން ލަނޑުޖެހި ތިންވަނަ ފަހަރެވެ. މީގެކުރީން، އެ ޓީމުން 1996 ވަނަ އަހަރުގެ މުބާރާތުގައި ޑެންމާކް އަތުން 3-0 އިން މޮޅުވިއިރު، ޔޫރޯ 2012 ގައި ރިޕަބްލިކް އޮފް އަޔާލެންޑް ބަލިކޮށްފައިވަނީ 3-1 އިންނެވެ.

ސްކޮޓްލެންޑުން ރޭގެ މެޗަށް ނިކުތްއިރު ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ އަކީ އެންމެ ފަހުން އިންގްލެންޑާ ދެކޮޅަށް ކުޅުނު މެޗުގައި މޮޅު ކުޅުމެއް ދެއްކި ޒުވާން މިޑްފީލްޑަރު ބިލީ ގިލްމޯ އަށް ނުކުޅެވުމެވެ. އޭނާ ކޮވިޑް-19 އަށް ޕޮޒިޓިވްވުމުން ހުރީ ކަރަންޓީނުގައެވެ.

ސްކޮޓްލެންޑާ ދެކޮޅަށް ކްރޮއޭޝިއާ ކުޅުނު މެޗުގައި ލޫކަ މޮޑްރިޗް އެ ޓީމުގެ ގޯލަށް ބޯޅަ ފޮނުވާލަނި. –ފޮޓޯ: ޓުވިޓާ

ގްލާސްގޯގެ ހެމްޕްޑަން ޕާކްގައި ކުޅުނު ރޭގެ މެޗުގައި ކުރީން ލީޑްނެގީ ވެސް ކްރޮއޭޝިއާ އިންނެވެ. މެޗުގެ 17 ވަނަ މިނެޓުގައި އެ ޓީމަށް މިލަނޑުޖަހައިދިނީ ނިކޮލާ ވްލަސިޗް އެވެ. މިއީ އެ ޓީމުގެ ފޯވާޑް ބްރޫނޯ ޕެޓްކޮވިޗް ބޮލުން ޖައްސާލި ޕާހަކުން ވްލަސިޗް ކާމިޔާބުކުރި ގޯލެކެވެ. ފުރަތަމަ ހާފު ނިމެން ތިން މިނެޓަށްވެފައިވަނިކޮށް، ސްކޮޓްލެންޑަށް އެއްވަރުކޮށްދިނީ ކެލުމް މެގްރެގާ އެވެ.

ކްރޮއޭޝިއާ އިން ދެވަނަ ފަހަރަށް ލީޑްނެގީ މެޗުގެ 62 ވަނަ މިނެޓުގައި އެ ޓީމުގެ ކެޕްޓަން ލޫކަ މޮޑްރިޗް ކާމިޔާބުކުރި ގޯލުންނެވެ. މިއީ ޕެނަލްޓީއޭރިޔާތެރެއިން މޮޑްރިޗް ކާމިޔާބުކުރި ހިތްގައިމު ގޯލެކެވެ. އޭގެފަހުން، މެޗު ނިމެން 13 މިނެޓަށްވެފައިވަނިކޮށް މޮޑްރިޗް ނަގައިދިން ކޯނަރަކުން ކްރޮއޭޝިއާގެ ތިންވަނަ ލަނޑުޖަހައިދިނީ އިވާން ޕެރިސިޗް އެވެ. މިއީ މި މުބާރާތުގައި އޭނާ ޖެހި ދެވަނަ ލަނޑެވެ.

ރޭގެ މެޗުގައި ޖެހި ލަނޑާއެކު ކްރޮއޭޝިއާގެ މޮޑްރިޗް ވަނީ ޔޫރޯގެ މުބާރާތެއްގައި އެ ޓީމަށް ލަނޑުޖަހައިދިން އެންމެ ދުވަސްވީ ކުޅުންތެރިޔާގެ އިތުރުން އެންމެ ހަގު ކުޅުންތެރިޔާގެ ޝަރަފު ވެސް ހޯދާފައެވެ. ރޭގެ މެޗުގައި ލަނޑުޖެހިއިރު އޭނާގެ އުމުރަކީ 35 އަހަރާއި 286 ދުވަހެވެ. އަދި އޭގެކުރިން، 2008 ވަނަ އަހަރުގެ ޔޫރޯގައި އޮސްޓްރިއާ ކޮޅަށް ލަނޑުޖެހިއިރު މޮޑްރިޗްގެ އުމުރަކީ 22 އަހަރާއި 273 ދުވަހެވެ.