ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ ޗެކް ރިޕަބްލިކް އަތުން 1-0 އިން ހޯދީ މޮޅާއެކު އިންގްލެންޑުން ގްރޫޕް ޑީ ގެ އެއްވަނަ ކަށަވަރުކުރިއިރު، މި މެޗުން ބަލިވި ނަމަވެސް ޗެކް ރިޕަބްލިކުން ތިންވަނަ ޓީމުގެ ގޮތުގައި އަނެއް ބުރަށް ދަތުރުކޮށްފިއެވެ.
މިއީ އިންގްލެންޑުން މި މުބާރާތުގެ ގްރޫޕް ސްޓޭޖުގެ އެއްވަނަ ހޯދި ތިންވަނަ ފަހަރެވެ. މީގެކުރީން، 1996 އާއި 2012 ވަނަ އަހަރުގެ ޔޫރޯގައި ވެސް އެ ޓީމުން ގްރޫޕް ސްޓޭޖު ނިންމާލީ އެއްވަނަ މަގާމު ހޯދައިގެންނެވެ. އަދި އިންގްލެންޑުން އެންމެ ފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން ހަތަރު މެޗު ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ.
މިނަތީޖާއާއެކު އިންގްލެންޑުން ކުޅުނު ތިން މެޗުން ހަތް ޕޮއިންޓް ހޯދާފައިވާއިރު، ކްރޮއޭޝިއާ ދެވަނައިގައި އޮތީ ހަތަރު ޕޮއިންޓާއެކު އެވެ. ތިންވަނައިގައި އޮތް ޗެކް ރިޕަބްލިކަށް ވެސް މި އަދަދަށް ޕޮއިންޓް ލިބިފައިވާއިރު، ކްރޮއޭޝިއާ އަށް ކުރިލިބެނީ ޖެހި ގޯލުންނެވެ. އެންމެ ފުލުގައި އޮތް ސްކޮޓްލެންޑަށް ލިބިފައިވަނީ އެއް ޕޮއިންޓެވެ.
އިންގްލެންޑުން މިރޭގެ މެޗަށް ނިކުތީ އެންމެ ފަހުން މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ސްކޮޓްލެންޑާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ އެގާރައަށް ހަތަރު ބަދަލެއް ގެނެސްގެންނެވެ. އެގޮތުން، އެ މެޗުގައި އެ ޓީމުގެ ފުރަތަމަ އެގާރައިގައި ހިމެނުނު ޓައިރޮން މިންގްސް އާއި ރީސް ޖޭމްސްގެ އިތުރުން މޭސަން މައުންޓް އަދި ފިލް ފޯޑެންގެ ބަދަލުގައި ހެރީ މެގުއާ، ކައިލް ވޯކާ އާއި ބުކާޔޯ ސާކާ އަދި ޖެކް ގްރީލިޝް އަށް ކޯޗު ގަރެތު ސައުތުގޭޓް ވަނީ ފުރުޞަތުދީފައެވެ.
ވެމްބްލީ ސްޓޭޑިއަމްގައި މިރޭ ކުޅުނު މި މެޗުގެ ކުރީކޮޅު އިންގްލެންޑްގެ ރަހީމް ސްޓާލިން އަށް ލަނޑުޖަހާނެ ރަނގަޅު ފުރުޞަތެއްލިބި ވަނީ ބޭކާރުވެފައެވެ. ޕެނަލްޓީއޭރިޔާތެރެއިން ޗެކް ރިޕަބްލިކްގެ ކީޕަރު ތޯމަސް ވަސްލިކްގެ ބޯމަތިން ގޯލްގެ ތެރެއަށް އޮއްސާލަން މަސައްކަތްކުރި ބޯޅަ އަމާޒުވީ ގޯލްގެ އަރިމަތީދަނޑިއަށެވެ.
އޭގެ ދިހަ މިނެޓު ފަހުން، މި މެޗުގައި އިންގްލެންޑުން ކާމިޔާބުކުރި ހަމައެކަނި ލަނޑުޖަހައިދިނީ ސްޓާލިން އެވެ. މިއީ އެ ޓީމުގެ ޖެކް ގްރީލިޝް ނަގައިދިން ހުރަހަކުން ލިބުނު ބޯޅައެއް ސްޓާލިން ބޮލުން ފޮނުވާލައިގެން ކާމިޔާބުކުރި ގޯލެކެވެ. މިއީ މި ފަހަރުގެ ޔޫރޯގައި ސްޓާލިން ޖެހި ދެވަނަ ލަނޑެވެ. އަދި މިއީ އިންގްލެންޑްގެ ޖާޒީގައި އޭނާ އެންމެ ފަހުން ކުޅުނު 19 މެޗުގައި ޖެހި 14 ވަނަ ގޯލެވެ.
ފުރަތަމަ ހާފުގެ 28 ވަނަ މިނެޓުގައި ޕެނަލްޓީއޭރިޔާ ބޭރުން ޗެކް ރިޕަބްލިކްގެ ތޯމަސް ހޮލެޝް ފޮނުވާލި ބާރު ހަމަލާ އިންގްލެންޑްގެ ކީޕަރު ޖޯޑަން ޕިކްފޯޑް މަތަކުރިއިރު، އޭގެފަހުން މި ހާފު ނިމެން ދިހަ މިނެޓަށްވެފައިވަނިކޮށް ޕެނަލްޓީއޭރިޔާ ތެރެއިން އެ ޓީމުގެ މިޑްފީލްޑަރު ތޯމަސް ސޯޗެކް ފޮނުވާލި ބޯޅަ ދިޔައީ ގޯލްގެ ދަނޑިކައިރިން ބޭރަށެވެ.
ދެވަނަ ހާފުގައި، ޗެކް ރިޕަބްލިކުން އެއްވަރުކުރުމަށް ކުރި މަސައްކަތުގެ ތެރެއިން އެ ޓީމުގެ ފުލްބެކް ވްލަޑިމިރް ސޯފަލް ނަގައިދިން ހުރަހަކުން ޕެނަލްޓީއޭރިޔާތެރެއިން ހުރަސްވީ ބޯޅަ އެ ޓީމުގެ ޕެޓްރިކް ޝިކް އާއި ސޯޗެކް އަށް ލިބުމުގެ ކުރީން އިންގްލެންޑްގެ ކީޕަރު ޕިކްފޯޑް ވަނީ ސަލާމަތްކޮށްފައެވެ.