English Edition
Dhivehi Edition

ގދ ހޯނޑެއްދޫ ކައުންސިލުން ރާއްޖޭގެ ތިމާވެއްޓާބެހޭ ވަޒީރާއި ބައްދަލުކުރައްވައިފިއެވެ.

އިއްޔެ ހެނދުނު 9:30 ގައި އޮންލައިންކޮށް ބޭއްވުނު މިބައްދަލުވުމަކީ ހޯނޑެއްދޫގެ ތިމާވެށީގެ ޙާލަތު ސީދާ މިނިސްޓަރާ ހަމައަށް ފޯރުކޮށްދިނުމަށް ބޭއްވުނު ބައްދަލުވުމެކެވެ. ހޯނޑެއްދޫ ކައުންސިލްގެ 5 މެންބަރުންވެސް ބައިވެރިވެފައިވާ މިބައްދަލުވުމުގައި ހޯނޑެއްދޫ ކައުންސިލްގެ ރައީސް ޙުސައިން ވާރިޝް މައިގަނޑު 3 ކަމަކަށް އަލި އަޅުވާލެއްވިއެވެ. އެއީ ރަށުގެ ގިރާ ސަރަހައްދު ޙިމާޔަތްކުރުމާއި، ރަށުގައި ގާއިމްކުރެވިފައިވާ ކުނި ގޮނޑު އޮޕަރޭޝަންއަށް ގެނައުމާއި މިހާރު ގޮނޑަކަށް ބޭނުންކުރާ ސަރަހައްދުގައި ހުރި ކުނި ނައްތާލުމާ ބެހޭގޮތުންނެވެ.

ކައުންސިލްގެ އިތުރުން މަޑަވެލި ދާއިރާގެ ޢިއްޒަތްތެރި މެމްބަރ ޙުސައިން ފިރުޝާން ބައިވެރިވި މިބައްދަލުވުމުގައި މަޑަވެލި ހޯނޑެއްދޫ ކޯޒްވޭ އާއި، އެ ކޯޒްވޭގެ ސަބަބުން ދެރަށުގެ ރައްޔިތުންނަށާއި ދެރަށަށް ލިބޭ ގެއްލުމާ ގުޅޭގޮތުން ވާހަކަ ދެކެވުނެވެ. މިނިސްޓަރުގެ ވާހަކާގައި ހޯނދެއްދޫގެ މި މައްސަލަތަކަކީ އެ މިނިސްޓްރީން ވަރަށް ގާތުން ބަލަމުންދާ މައްސަލަ ތަކެއްކަމަށާއި، ޚާއްސަކޮށް ކޯޒްވޭގެ ސަބަބުން ރަށުގެ ތިމާވެއްޓަށްކުރާ އަސަރު މިނިސްޓްރީން ބަލަމުންދާކަމާއި، އަދި ވަރަށް އަވަސް މުސްތަގްބަލެއްގައި ކައުންސިލްގެ އެ ހުށަަހެޅުމަށް ހައްލެއްހޯއްދަވައި ދެއްވާނެކަމަށް ވިދާޅުވިއެވެ.