ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ރޭ ކުޅުނު ގްރޫޕް ސްޓޭޖުގެ ފަހު މެޗުތަކަށްފަހު ނެދަލެންޑްސް، ބެލްޖިއަމް، އޮސްޓްރިއާ އަދި ޑެންމާކުން އެ މުބާރާތުގެ ދެވަނަ ބުރުން ޖާގަ ހޯދައިފިއެވެ.
ނެދަލެންޑްސް އިން ނޯތު މެސެޑޯނިއާގެ މައްޗަށް 3-0 އިން ކުރިހޯދިއިރު، އޮސްޓްރިއާ އިން ވަނީ 1-0 ގެ ހަނި ނަތީޖާއަކުން ޔޫކްރޭން ބަލިކޮށްފައެވެ. ގްރޫޕް ބީ ގައި ހިމެނޭ ބެލްޖިއަމުން ފަހު ހާފުގައި ކާމިޔާބުކުރި ގޯލްތަކާއެކު 2-0 އިން ފިންލެންޑް ބަލިކުރިއިރު، ޑެންމާކުން ރަޝިޔާގެ މައްޗަށް ކުރިހޯދީ 4-1 އިންނެވެ.
ރޭގެ ނަތީޖާއާއެކު ނެދަލެންޑްސް ހިމެނޭ ގްރޫޕުގެ އެއްވަނަ އެ ޓީމުން ހޯދީ ސައްތައިން ސައްތަ ރެކޯޑަކާއެކު ކުޅުނު ތިން މެޗުން ނުވަ ޕޮއިންޓް ހޯދައިގެންނެވެ. އޭގެ ތިން ޕޮއިންޓް ފަހަތުން ދެވަނައިގައި އޮތީ އޮސްޓްރިއާ އެވެ. ތިންވަނައިގައި އޮތް ޔޫކްރޭނަށް ތިން ޕޮއިންޓް ލިބިފައިވާއިރު، އެންމެ ފުލުގައި އޮވެ ނިންމާލި ނޯތު މެސެޑޯނިއާ އަށް ޕޮއިންޓެއް ނުލިބެއެވެ.
އެމްސްޓެޑަމްގެ ޔޯހަން ކްރައިފް އެރީނާގައި ރޭ ކުޅުނު މެޗުގައި ނެދަލެންޑްސް އިން ލީޑްނެގީ 24 ވަނަ މިނެޓުގައި ޑޮންޔެލް މާލެން ދިން ބޯޅައަކުން މެމްފިސް ޑިޕާއީ ކާމިޔާބުކުރި ގޯލުންނެވެ. ރެފްރީ މި ލަނޑު ބަލައިގަތީ ވީއޭއާރްގެ އެހީ ހޯދުމަށްފަހު އެވެ. މި މެޗުގައި ނެދަލެންޑްސް އިން ޖެހި ދެވަނަ ލަނޑު، ފަހު ހާފު ފެށިގެން ހަވަނަ މިނެޓުގައި ޑިޕާއީ ދިން ބޯޅައަކުން ކާމިޔާބުކޮށްދިނީ އެ ޓީމުގެ ކެޕްޓަން ޖޯޖީނިއޯ ވައިނަލްޑަމް އެވެ. އޭގެ ހަތް މިނެޓުފަހުން، ނެދަލެންޑްސްގެ ތިންވަނަ ލަނޑުޖަހައިދިނީ ވެސް ވައިނަލްޑަމް އެވެ.
އޮސްޓްރިއާ އިން ރޫމޭނިއާގެ ބުކަރެސްޓްގައި ރޭ ޔޫކްރޭނާ ދެކޮޅަށް ކުޅުނު މެޗުގައި ޖެހި ހަމައެކަނި ލަނޑު، ފުރަތަމަ ހާފުގެ 21 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ކްރިސްޓޯފް ބައުމްގާޓްނާ އެވެ. މިއީ އެ ޓީމުގެ ކެޕްޓަން ޑޭވިޑް އަލަބާ ނަގައިދިން ކޯނަރަކުން ބައުމްގާޓްނާ ކާމިޔާބުކުރި ގޯލެކެވެ.
މި މުބާރާތުގައި ރޭ ގްރޫޕް ބީ ގައި ހިމެނޭ ބެލްޖިއަމުން 2-0 ގެ ނަތިޖާއަކުން ފިންލެންޑް ބަލިކޮށް ދެވަނަ ބުރުން ޖާގައެއް ހޯދީ ވެސް ސައްތައިން ސައްތައިގެ ރެކޯޑަކާއެކު އެވެ. ރަޝިޔާގެ ސެއިންޓް ޕީޓަސްބާގުގެ ކްރެޓޯސްވްސްކީ ސްޓޭޑިއަމްގައި ރޭ ކުޅުނު މި މެޗުގައި ބެލްޖިއަމުން ޖެހި ދެލަނޑުވެސް ކާމިޔާބުކުރީ ފަހު ހާފުގައެވެ.
އެ ޓީމުން ޖެހި ފުރަތަމަ ގޯލަކީ މެޗުގެ 74 ވަނަ މިނެޓުގައި ފިންލެންޑްގެ ކީޕަރު ލޫކަސް ރަޑޭޗީ އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ. އޭގެ ހަތް މިނެޓުފަހުން، ބެލްޖިއަމްގެ ދެވަނަ ލަނޑުޖަހައިދިނީ މި ފަހަރުގެ މުބާރާތުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ރޮމެލޫ ލުކާކޫ އެވެ. މިއީ ކެވިން ޑި ބްރޭނާ ދިން ބޯޅައަކުން ލުކާކޫ ކާމިޔާބުކުރި ގޯލެކެވެ. މިއީ މި ފަހަރުގެ ޔޫރޯގައި ލުކާކޫ ޖެހި ތިންވަނަ ގޯލެވެ. މި ގޯލާއެކު ލުކާކޫ ވަނީ ޔޫރޯގެ އެއް މުބާރާތުގައި ބެލްޖިއަމަށް ތިން ލަނޑުޖަހައިދިން ފުރަތަމަ ކުޅުންތެރިންޔާގެ ޝަރަފު ހޯދާފައެވެ.
މި ގްރޫޕުގައި ހިމެނޭ އަނެއް ދެ ޓީމުގެ ކުރިމަތިލުމުގައި ޔޫކްރޭން އަތުން ޑެންމާކުން މޮޅުވީ 4-1 އިންނެވެ. އެ ގައުމުގެ ވެރިރަށް ކޯޕަންހޭގަންގައި ކުޅުނު މި މެޗުގައި އެ ޓީމަށް ލަނޑުތައް ޖަހައިދިނީ މިކޭލް ޑަމްސްގާޑް، ކްރިސްޓިއަން ޕޯލްސަން، އަންދްރެއަސް ކްރިސްޓެންސަން އަދި ޔޯކީމް މޭލާ އެވެ. ރަޝިޔާގައި ހަމައެކަނި ލަނޑުޖަހައިދިނީ އެ ޓީމުގެ ކެޕްޓަން އާޓެމް ޒޫބާ އެވެ. މިއީ ޕެނަލްޓީއަކުން ޒޫބާ ކާމިޔާބުކުރި ގޯލެކެވެ.
މި މެޗުގައި ޑެންމާކުގެ ފުރަތަމަ ލަނޑުޖަހައިދިން ޑަމްސްގާޑް ވަނީ ޔޫރޯގެ ތާރީޚުގައި އެ ޓީމަށް މިހާތަނަށް ލަނޑުޖެހި އެންމެ ހަގު ކުޅުންތެރިޔާގެ ޝަރަފު ހޯދާފައެވެ. ރޭގެ މެޗުގައި ލަނޑުޖެހިއިރު، އޭނާގެ އުމުރަކީ 20 އަހަރާއި 353 ދުވަހެވެ.
ރޭގެ މެޗުތަކަށްފަހު މި ގްރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައި ބެލްޖިއަމުން ދެވަނަ ބުރަށް ދަތުރުކުރީ ތިން މެޗުން ނުވަ ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި އޮތް ޑެންމާކާއި، ތިންވަނައިގައި އޮތް ފިންލެންޑްގެ އިތުރުން އެންމެ ފުލުގައި އޮތް ރަޝިޔާ އަށް ލިބުނީ ތިން ޕޮއިންޓެވެ. ޑެންމާކަށް ކުރިލިބުނީ ފައިދާ ގޯލްގެ ތަފާތުންނެވެ.
މީގެއިތުރުން، މި މުބާރާތުގައި ރޭ ކުޅުނު މެޗުތަކުގެ ނަތީޖާތައް ނިކުތް ގޮތުން ގްރޫޕް ސްޓޭޖުގެ ފަހު މެޗުތައް ނުކުޅެ އޮތް ފްރާންސާއި އިންގްލެންޑާއި ޗެކް ރިޕަބްލިކް އަދި ސްވިޑެން ވަނީ ދެވަނަ ބުރުން ފުރުޞަތު ހޯދާފައެވެ. މި ޓީމުތަކުގެ އިތުރުން ގްރޫޕު އޭގެ ތިންވަނަ މަގާމުގައި އޮތް ސްވިޒަލޭންޑުން ވެސް ވަނީ މި މުބާރާތުގެ ދެވަނަ ބުރުން ޖާގައެއް ހޯދާފައެވެ.
މި ފަސް ޓީމަށް އަނެއް ބުރުގެ ޖާގަ ކަށަވަރުވީ ވާދަކުރާ ގްރޫޕްގެ ގަދަ ދެ ޓީމުގެ ތެރޭގައި ނުހިމެނުނު ނަމަވެސް އެންމެ ރަނގަޅު ނަތީޖާ ނެރޭ ތިންވަނަ ޓީމުގެ ގޮތުގައި ދާ ހަތަރު ޓީމުގެ ތެރޭގައި ރޭންކިންގެ ތެރެއިން ނޮކައުޓް ބުރުގެ ޖާގައެއް ކަަށަވަރުވާތީ އެވެ.