English Edition
Dhivehi Edition

ގދ. ކޮވިޑް ފެސިލިޓީގައި ނިޔާވި ދެ ބޭފުޅުންވެސް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައި ނުވާކަމަށް ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލުން ހާމަކޮށްފިއެވެ.

ގދ. ތިނަދޫގެ ކޮވިޑް-19ގެ މިވަގުތުގެ ހާލަތާއި ބެހޭގޮތުން އާންމުންނަށް މަޢުލޫމާތު ދިނުމަށް މިރޭ ބޭއްވި މަޢުލޫމާތު ދިނުމުގެ ސެޝަންގައި ވާހަކަފުޅު ދައްކަވަމުން، ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ މީޑިއާގެ ގޮތުގައި މަސައްކަތްކުރައްވާ ސީނިއަރ ކަސްޓަމަރ ރިލޭޝަން އޮފިސަރ ސާލިމް އަލީ ވިދާޅުވީ ފެސިލިޓީގައި މިހާތަނަށް ނިޔާވި ދެ ދިވެހިންގެ ތެރެއިން އެކަކު ކޮވިޑް-19ގެ ވެކްސިންގެ އެއް ޑޯޒް ފުރިހަމަކޮށްފައިވާއިރު އަނެއް ބޭފުޅާ އެއް ޑޯޒްވެސް ނަންގަވާފައިނުވާ ކަމަށެވެ.

ކޮވިޑް-19 އިން ދިފާއުވުމަށް މިހާތަނަށް ތިނަދޫގައި 3،796 މީހުން ވެކްސިންގެ ފުރަތަމަ ޑޯޒް އަދި 2،375 މީހުން ދެ ވަނަ ޑޯޒް ފުރިހަމަކޮށްފައިވާ ކަމަށް ސާލިމް ވަނީ ވިދާޅުވެފައެވެ.

ގދ. އަތޮޅުގައި މިއަދު ފައްސިވި 15 މީހުންނާއެކު ފަރުވާ ހޯދަމުންދާ މީހުންގެ ޖުމްލަ އަދަދު ވަނީ 283 ގައެވެ. އެ އަތޮޅުން މިހާތަނަށް 633 މީހަކު ބައްޔަށް ފައްސިވެ 350 މީހުން ވަނީ ބަލިން ފަސޭހަވެފައެވެ.