English Edition
Dhivehi Edition
9 ޖޫން 2021 - އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީސް (އޯޓީޖޭ) އަށް މިދިޔަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ނުވަ މައްސަލައެއް ހުށަހެޅިފައިވާ ކަމަށް އެ އޮފީހުން ބުނެފިއެވެ.

އޯޓީޖޭގެ ޕަބްލިކް ރިލޭޝަންސް އެގްޒެކެޓިވް މިއަދު “އޭއޯ ނިއުސް” އަށް ވިދާޅުވީ، 13 ޖޫން 2021 އިން ފެށިގެން އެ އޮފީހަށް މައްސަލަ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުމާ ގުޅިގެން، މިދިޔަ ހަފުތާގެ ނިޔަލަށް ޖުމުލަ 9 މައްސަލައެއް ލިބިފައިވާ ކަމަށެވެ. ނަމަވެސް، އެ މައްސަލަތަކާ ގުޅޭ އިތުރު އެއްވެސް ތަފްޞީލެއް އޭނާ ނުދެއްވައެވެ.

އެ އޮފީހުން ވަނީ 13 އޮގަސްޓް 2021 ވަނަ ދުވަހުގެ ނިޔަލަށް މައްސަލަތައް ހުށަހެޅުމަށް އާއްމުކޮށް ހުޅުވާލައިފައެވެ. އެހެންނަމަވެސް އެންމެ ފަހު ވަގުތާ ޖެހެންދެން މަޑުނުކޮށް، ވީހާވެސް އަވަހަށް މައްސަލަތައް ހުށަހެޅުމަށް އެދޭ ކަމުގައި އެ އޮފީހުގެ ފަރާތުން “އޭއޯ ނިއުސް” އާ ވާހަކަދެއްކެވި ބޭފުޅާ ވިދާޅުވިއެވެ.

އެ އޮފީހުން މިދިޔަ ހަފުތާގައި ކުރި އިޢުލާނުގައި ބުނެފައި ވަނީ މައްސަލައެއް ހުށަހަޅުއްވަން ބޭނުންވާނަމަ އޮފީހުގެ މައްސަލަ ހުށަހަޅާ ފޯމް އަދި ބަދަލު ހޯދުމަށް އެދޭނަމަ، ބަދަލު ހޯދުމަށް އެދި ހުށަހަޅާ ފޯމް ފުރިހަމަކޮށް، އެ ފޯމްތަކުގައި ބަޔާންކޮށްފައިވާ މަޢުލޫމާތުތަކާއެކު، އެ އޮފީހުގެ އީމެއިލް އެޑްރެސް[email protected] އަށް ނުވަތަ އޮފީސް ހުޅުވިފައިވާ ހުންނަ ވަގުތުތަކުގައި އޮފީހުގެ ކައުންޓަރަށް ހުށަހެޅޭނެ ކަމަށެވެ.

މީގެ އިތުރުން، މައްސަލަ ހުށަހަޅާ ފޯމާއި ބަދަލު ހޯދުމަށް އެދި ހުށަހަޅާ ފޯމް މި އޮފީހުގެ ވެބްސައިޓު www.otj.gov.mv އަދި އޮފީސް ހުޅުވިފައި ހުންނަ ގަޑިތަކުގައި އޮފީހުގެ ކައުންޓަރުން ލިބޭނެއެވެ.

17 ޑިސެންބަރު 2020 ވަނަ ދުވަހު އުފެއްދެވި އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހަކީ އިންތިޤާލީ އިންސާފުގެ ޤާނޫނު (ޤާނޫނު ނަންބަރު 2020/28) ގެ 4 ވަނަ މާއްދާގެ (ހ)ގެ ދަށުން އުފެއްދުމަށް ލާޒިމުކޮށްފައިވާ އޮފީހެކެވެ.

އިންތިޤާލީ އިންސާފުގެ ޤާނޫނަކީ، 1953 ޖަނަވަރީ 1 އިން ފެށިގެން 2018 ނޮވެންބަރު 17 އާ ދެމެދު ހިނގާދިޔަ މުއްދަތުގެ ތެރޭގައި ނިޒާމީ ސިފައެއްގައި ރޭވިގެން، ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިއަކު، ރައްޔިތުންގެ އިންސާނީ ޙައްޤުތަކާއި އަސާސީ މިނިވަންކަމާ ޚިލާފަށް ހިންގާފައިވާ ޢަމަލުތައް ބަލައި، ތަޙްޤީޤުކޮށް، ޙަޤީޤަތް ހާމަކޮށް، އެފަދަ ކަންކަމުގެ ސަބަބުން އަނިޔާ ލިބިފައިވާ ފަރާތްތަކަށް މި ޤާނޫނުގެ ދަށުން ފޯރުކޮށްދޭ ޙައްލުތައް މެދުވެރިކޮށް އިންސާފު ހޯދައިދިނުމުގެ ނިޒާމެއް އެކަށައެޅުމުގެ ޤާނޫނެވެ.

މި ޤާނޫނުގެ މަޤްޞަދުތަކުގެ ތެރޭގައި، ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިއެއްގެ ގޮތުގައި މަސައްކަތްކުރި ފަރާތަކުން، ނިޒާމީ ސިފައެއްގައި ރާވައިގެން ހިންގި ޢަމަލެއްގެ ސަބަބުން މީހެއްގެ ނުވަތަ ބައެއްގެ އިންސާނީ ޙައްޤެއް ނުވަތަ އަސާސީ މިނިވަންކަމެއް ނިގުޅައިގެންފައިވާނަމަ، އެ ޢަމަލުތަކަށް ޒިންމާވާ ފަރާތްތައް މި ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ޖަވާބުދާރީކުރުވައި، އެފަރާތްތަކުގެ ޢަމަލުތަކުގެ ސަބަބުން އަނިޔާ ލިބުނު ފަރާތްތަކަށް މި ޤާނޫނުގެ ދަށުން ފޯރުކޮށްދޭ ޙައްލުތަކުގެ ޒަރީއާއިން އިންސާފު ހޯދައިދިނުމާއެކު، ކުރިއަށް އޮތް ތަނުގައި އެފަދަ ކަންކަން ނުވާނެކަން ކަށަވަރުކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް ފާހަގަކޮށް، ޤާނޫނުގެ ވެރިކަމުގެ މައްޗަށް ބިނާވެފައިވާ ތަހުޒީބީ ދައުލަތެއް އާރާސްތުކުރުން ހިމެނެއެވެ.