Inthiqaalee insaafuge bill ah aanmunge khiyaalu hoadhumah Majlis in bahdhaluvumeh baavvanee - AO News
English Edition
Dhivehi Edition

Worldwide

  • 32,101,060confirmed
  • 23,682,042recovered
  • 7,436,998active
  • 982,020deaths

Maldives

  • 9,885confirmed
  • 8,530recovered
  • 1,315active
  • 34deaths

ކޮވިޑް 19 ކަވަރޭޖް

7 މަސް ކުރިން
03 މާރިޗު 2020ގައި ބޭއްވި 19 ވަނަ މަޖިލީހުގެ 2020 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 14 ވަނަ ޖަލްސާ - ފޮޓޯ: މަޖިލިސް

ފާއިތުވި ފަސް އަހަރު ދުވަހުގެ ތެރޭގައި ހިނގައިދިޔަ ކަންތައްތައް ބަލައި، ރައްޔިތުންނަށް އިންސާފު ހޯދައިދިނުމުގެ ގޮތުން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އިންތިޤާލީ އިންސާފުގެ ބިލަށް އާންމުންގެ ޚިޔާލު ހޯދުމަށް ބައްދަލުވުމެއް ބާއްވަން ރައްޔިތުންގެ މަޖިލީހުން ނިންމައިފި އެވެ.

އެ ބައްދަލުވުން އޮންނާނީ މާރިޗު 11 ވާ ބުދަ ދުވަހުގެ 20:15 ގައި ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ހަތަރުވަނަ ފަންގިފިލާގައެވެ. އެ ބައްދަލުވުމުގައި އެޓަރނީ ޖެނެރަލް އަލްއުސްތާޛް އިބްރާހިމް ރިފްޢަތު އާއި ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީގެ މުޤައްރިރު ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަޙުމޫދާއި ޖުޑީޝަރީ ކޮމިޓީގެ މުޤައްރިރު ކަމަށްވާ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީގެ އިތުރުން ތުޅާދޫ ދާއިރާގެ މެންބަރު ޙިސާން ހުސައިން އަދި ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު ރަޝީދުވެސް ބައިވެރިވެވަޑައިގަންނަވާނެ އެވެ.

ސަރުކާރުގެ ފަރާތުން އިންތިޤާލީ އިންސާފުގެ ބިލު މަޖިލީހަށް ހުށަހެޅުއްވީ އައްޑޫ ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު އެވެ. އެ ބިލު މަޖިލީހަށް ބަލައިގެނަ މިހާރު ވަނީ ދިރާސާ ކުރުމަށް ހިއުމަން ރައިޓްސް އެންޑް ޖެންޑާރ ކޮމިޓީއަށް ފޮނުވައިފަ އެވެ.

ސަރުކާރުން މި ބިލު ހުށަހެޅުމުގެ ބޭނުމެއްގެ ގޮތުގައި ވަނީ، 1 ޖަނަވަރީ 2012 އިން ފެށިގެން 17 ނޮވެމްބަރ 2018 އާ ދެމެދު ހިނގާދިޔަ މުއްދަތުގެ ތެރޭގައި، ނިޒާމީ ސިފައެއްގައި ރޭވިގެން، ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިއެއްގެ ފުށުން، ރައްޔިތުންގެ އިންސާނީ ޙައްޤުތަކާއި އަސާސީ މިނިވަންކަމާ ޚިލާފަށް ހިންގާފައިވާ ބޮޑެތި ޢަމަލުތައް ބަލައި، އެފަދަ ކަންކަމުގެ ސަބަބުން އަނިޔާ ލިބިފައިވާ ފަރާތްތަކަށް އިންޞާފު ހޯދައިދިނުމަށްޓަކައި އެކުލަވާލަންޖެހޭ ޤާނޫނީ އޮނިގަނޑު އެކުލަވާލުން ކަމަށެވެ.

އަދި މި ބިލުން ފަރުދުންގެ މެދުގައި ޞުލްޙަ މަސަލަސްކަން ޤާއިމުކޮށް، މުޖުތަމަޢު އެއްބައިވަންތަކުރުމަށް މަސައްކަތްކުރުމާއި؛ ޤައުމުގެ އަމަންއަމާންކަން ދަމަހައްޓައި، މަދަނީ މަސަލަސްކަމަށް ޖާގަދިނުމާއި، ޤާނޫނުގެ ވެރިކަމުގެ މައްޗަށް ބިނާވެފައިވާ ތަހުޒީބީ ދައުލަތެއް އާރާސްތުކޮށް، ރައްޔިތުންނަށް ޢަދުލު އިންޞާފަށް ވާޞިލުވެވޭނެ މަގު ތަނަވަސްކޮށްދޭނެ އެވެ.

އެ މަޤްޞަދުތައް ޙާޞިލުކުރުމަށްޓަކައި، އިންތިޤާލީ އިންޞާފުގެ އޮމްބަޑްސްމަންގެ އޮފީހެއް ޤާއިމުކޮށް، އެ އޮފީހާ މަސްއޫލިއްޔަތުތަކެއް މަތިކުރުމަށް އެ ބިލުގައި ކަނޑައަޅާފައިވެއެވެ.

އެގޮތުން އެ އޮފީހުގެ ޒިންމާތަކުގެ ތެރޭގައި ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިއެއްގެ ގޮތުގައި މަސައްކަތްކޮށްފައިވާ ނުވަތަ ކުރަމުންދާ ފަރާތަކުން، ނިޒާމީ ސިފައެއްގައި ރާވައިގެން ހިންގި ޢަމަލެއްގެ ސަބަބުން މީހެއްގެ އިންސާނީ ޙައްޤެއް ނިގުޅައިގެންފައިވާނަމަ، އެފަދަ މައްސަލަތައް ދެނެގަނެ، އެކަމުގައި ޒިންމާވާ ދައުލަތުގެ މުއައްސަސާތަކާއި އެކަންކުރި ފަރާތްތަކުގެ މައްސަލަތައް ބަލައި، ޙަޤީޤަތާ ހަމައަށް ވާޞިލުވުން ހިމެނެއެވެ.

އަދި ނިޒާމީ ސިފައެއްގައި ރޭވިގެން އިންސާނީ ޙައްޤުތަކާ ޚިލާފު ޢަމަލުތައް ހިންގުމަށް މެދުވެރިވެފައިވާ ސަބަބުތައް ދެނެގަނެ އެ ޢަމަލުތަކުގެ ޒާތާއި އެކަން ހިނގާފައިވާ ފުޅާމިން ދެނެގަތުމަކީވެސް އެ އޮފީހުގެ ޒިންމާއެކެވެ.

މީގެ އިތުރުން، ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިއެއްގެ ގޮތުގައި މަސައްކަތްކުރި ފަރާތަކުން، ނިޒާމީ ސިފައެއްގައި ރާވައިގެން ހިންގި ޢަމަލެއްގެ ސަބަބުން މީހެއްގެ އިންސާނީ ޙައްޤެއް ނިގުޅައިގަނެފައިވާނަމަ، އެ ޢަމަލުތަކަށް ޒިންމާވާ ދައުލަތުގެ މުއައްސަސާތަކާއި ފަރާތްތައް މި ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ދެނެގަނެ، ޖަވާބުދާރީކުރުވުމަކީވެސް އެ އޮފީހުގެ މަސްއޫލިއްޔަތެއް ކަމުގައި އެ ބިލުގައި ބަޔާންކޮށްފައި ވެއެވެ.

އޮމްބަޑްސްމަންގެ އޮފީހުން ހިންގާ ތަޙްޤީޤަށްފަހު ޖިނާއީ ކުށެއް ކަމުގައިވާ ޢަމަލުތައް ހިންގި ފަރާތްތަކުގެ މައްޗަށް ޖިނާއީ ދަޢުވާ އުފުލުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލަށް އަދި މަދަނީ ދަޢުވާ އުފުލުމަށްޓަކައި ބަންޑާރަނައިބަށް ވެސް ފޮނުވަން ޖެހޭނެއެވެ.

އަދި އޮމްބަޑްސްމަންގެ އޮފީހުން ހިންގާ ތަޙްޤީޤުގެ އަލީގައި ނިޒާމީ ގޮތެއްގައި ހިންގާފައިވާ އިންސާނީ ޙައްޤުތަކާ ޚިލާފު ޢަމަލުތަކާއި، ޒިންމާ އުފުލަންޖެހޭ ފަރާތްތައް ދެނެގަނެ، އަނިޔާ ލިބިފައިވާ ފަރާތްތަކަށް މި ޤާނޫނުގެ ދަށުން ބަދަލުހޯދައިދީ، އެހީތެރިކަން ފޯރުކޮށްދިނުމަކީވެސް އެ އޮފީހުގެ ޒިންމާއެކެވެ.

މީގެ އިތުރުން، ނިޒާމީ ސިފައެއްގައި ރާވައިގެން މީހެއްގެ ނުވަތަ ބައެއްގެ އިންސާނީ ޙައްޤުތައް ނިގުޅައިގަތުމުގައި ބައިވެރިވެފައިވާ ދައުލަތުގެ މުއައްސަސާތައް އިޞްލާޙުކުރުމަށްޓަކައި ގެންނަންޖެހޭ ބަދަލުތައް ދެނެގަތުމުގެ އިތުރުން ކުރިއަށް އޮތް ތާނގައި، އެފަދަ ޢަމަލެއް ނުހިނގާނެކަން ކަށަވަރުކުރުމަށްޓަކައި އެޅޭނެ ފިޔަވަޅުތައް ދެނެގަތުމާއި، ކަމާގުޅޭގޮތުން ގެންނަންޖެހޭ އިޞްލާޙުތައް ފާހަގަކުރުމަކީވެސް އެ އޮފީހުގެ މަސްއޫލިއްޔަތްތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.