ތިނަދޫ ކައުންސިލުން އެޗް.ޕީ.އޭ ގައި ދަންނަވައިގެން ފުލް ލޮކްޑައުން އަކަށް ނުގޮސް ތިނަދޫ ރައްޔިތުންގެ ސިއްޙީ ރައްކާތެރިކަން ކަށަވަރާއި ގާތަށް ގެނެސްފިއެވެ.
ކޮވިޑް-19 ވައިރަސް ފެތުރުން ހުއްޓުވާ އާންމުންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ގދ. ތިނަދޫގައި އަޅާ ހާއްސަ ފިޔަވަޅެއްގެ ގޮތުން ކާފިއު ނޫން ވަގުތުތަކުގައި ޒަރޫރީ ބޭނުންތަކަށް ގެއިން ބޭރަށް ނުކުތުމުގައި ތިނަދޫ އީ.އޯ.ސީ އިން ކަނޑައަޅާ ގޮތެއްގެ މަތިން ހާއްސަ ހުއްދައަކާއި އެކުގައި ބޭރަށް ނުކުތުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ) އިން ހަމަޖައްސައިފިއެވެ. ހުއްދަ ނެތި ގެއިން ބޭރުގައި އުޅޭ ފަރާތްތަކާމެދު ފިޔަވަޅު އަޅައި ޖޫރިމަނާ ކުރެވޭނެއެވެ.
ތިނަދޫ އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރ (އީ.އޯ.ސީ) އިން ގދ. ތިނަދޫ ފުލް ލޮކްޑައުން އަކަށް ގެންދިއުމަށް ނިންމާފައިވީ ނަމަވެސް މިއީ އެޗް.ޕީ.އޭ ގައި ދަންނަވައިގެން އެ އެޖެންސީއިން ނިންމެވި ނިންމެވުމެކެވެ. އެޗް.ޕީ.އޭ ގެ މި ނިންމުމާއި ގުޅިގެން ހާއްސަ ހުއްދަ ދިނުމުގައި އަމަލުކުރާނެ ގޮތެއް ނިންމާނީ ތިނަދޫ އީ.އޯ.ސީ ގައި މަޝްވަރާކޮށްގެން މެންބަރުންގެ ލަފައާއި އިރުޝާދާއި އެއްގޮތަށް ކަމުގައި ތިނަދޫ ކައުންސިލްގެ ރައީސް ސަޢުދު އަލީ ވަނީ “އޭ.އޯ ނިއުސް” އަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވެފައެވެ.
ތިނަދޫގައި ކޮވިޑް-19 އާއި ގުޅިގެން ފުރަތަމަ ކާފިއު އިއުލާންކޮށްފައި ވަނީ ރޭގަނޑު 09:00 އިން ފެށިގެން ފަތިހު 04:00 އަށެވެ. އަދި އެފަހުން ވެސް ބަލި ފެތުރުން ކޮންޓްރޯލްކުރުމަށް އަޅާ ފިޔަވަޅުތައް ހަރުކަށިކޮށް، ހަވީރު 04:00 އިން ފަތިހުގެ 04:00 އަށް ކާފިއުގެ ވަގުތު ވަނީ އިތުރުކޮށްފައެވެ.
ގދ. ތިނަދޫ ކައުންސިލުން ދަނީ ރައްޔިތުންގެ އާންމު ސިއްހީ ހާލަތު ރައްކާތެރިކުރުމަށް ކޮވިޑް-19 އާއި ގުޅިގެން ހަރުދަނާ ފިޔަވަޅުތައް އަޅާ، އެ ފިޔަވަޅުތައް ތަންފީޒުކުރުމަށް ދިވެހި ފުލުހުންނާއި ކަމާބެހޭ އެހެނިހެން މުއައްސަސާތަކާއި ގުޅިގެން ކެނޑިނޭޅި މަސައްކަތްތަކެއް ކުރަމުންނެވެ.
މީގެ ކުރިން ތިނަދޫގައި އަޅާފައިވާ ފިޔަވަޅުތަކަށް ބަލާއިރު، ކާފިއު އިއުލާންކުރުމުގެ އިތުރުން މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ނުކުރުމާއި ފިހާރަތަކަށް އެއް ކަސްޓަމަރަށް ވުރެ ގިނަ ކަސްޓަމަރުން އެއްފަހަރާ ނުވަދެވޭގޮތް ހެދުމާއި ގޭގޭގައި ބިދޭސީން ލައްވާ ކުރުވާ މަސައްކަތްތައް ނުކުރުމަށް އެންގުން ހިމެނެއެވެ.