English Edition
Dhivehi Edition

ތިނަދޫ ސިޓީ ކައުންސިލުގެ ޑިރެކްޓަރަކާއި ކައުންސިލްގެ ތިން މުވައްޒަފަކު ގޭގައި މަޑު ކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު އަންގައިފިއެވެ.

އޭސީސީން ކުރާ ތަހުގީގާ ގުޅިގެން ގޭގައި މަޑުކުރަން އަންގާފައިވަނީ ތިނަދޫ ކައުންސިލްގެ ބަޖެޓާ ގުޅުން ހުރި ކަންކަމުގައި ވެސް އެންމެ އިސްކޮށް އުޅުއްވާފަރާތް ކަމަށްވާ ކައުންސިލުގެ ޑިރެކްޓަރެއްގެ މަގާމުގައި ހުންނެވި އަޙްމަދު ނާޝިދާއި އިތުރު ތިން މުވައްޒަފެކެވެ.

މިއަދު ހެނދުނު އޭސީސީގެ މުވައްޒަފުންތަކެއް ތިނަދޫ ކައުންސިލަށް ވަދެފައި ވާއިރު މިއީ ތިނަދޫގެ މޭޔަރު ސައުދު އަލީގެ މައްޗަށް ކުރެވޭ ކޮރަޕްޝަންގެ ތުހުމަތުތަކާ ގުޅިގެން ތަހުގީގަށް ބޭނުންވާ މައުލޫމާތު ހޯދުމަށް ކަމަށް މައުލޫމާތު ލިބެއެވެ.

އާންމު ފަރާތަކުން އޭސީސީއަށް ހުށަހެޅި މައްސަލައިގައި ސައުދު އަލީއަށް ކުރަމުންދާ ތުހުމަތުތަކަކީ އެހެން ކުންފުންޏެއްގެ ނަމުގައި ބިލްތައް ހަދައިގެން ތިނަދޫ ބަނދަރުމަތީގައި ބަހައްޓާފައި ހުރި ދެ މޮނިއުމަންޓު ހެދުމުގައި ކޮރަޕްޝަނުގެ އަމަލު ހިންގާފައިވާ ކަމުގެ ތުހުމަތެވެ. އަދި އެ ކުންފުނީގެ ނަމުގައި ބިލް ހެދި ނަމަވެސް އެ މަސައްކަތުގެ ފައިސާ ސައުދު އަލީގެ އަމިއްލަ ކުންފުނީގެ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށް އެ ފަރާތުން ވަނީ ތުހުމަތުކޮށްފައެވެ.

މި މައްސަލަ އޭސީސީން މިހާރު ދަނީ ބަލަމުންނެވެ.