English Edition
Dhivehi Edition

ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމަށް ކޮލަމާފުށީގައި ކާފިއު އިއުލާންކޮށް، ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކޮށްފިއެވެ.

ގއ. ކޮލަމާފުށި ކައުންސިލުން ކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ ގއ. ކޫއްޑޫ، ރަންދީ – 26 ގެ ކޮވިޑް ކޭސްއާއި ގުޅިގެން ގއ. ކޮލަމާފުށިން މީހަކު ފައްސިވެ ރަށް މޮނީޓަރިންއަށް ލާފައިވާތީ، ކޮވިޑާއި ގުޅިގެން އެރަށުގައި އަޅާފައިވާ ފިޔަވަޅުތައް، މޮނީޓަރިންގް އުވާލަންދެން އިތުރަށް ހަރުދަނާ ކުރުމަށް، މިއަދު ބޭއްވި ޓާސްކްފޯހުގެ ކުއްލި ބައްދަލުވުމުގައި ނިންމާފައިވާ ކަމަށެވެ.

އެގޮތުން ރޭގަނޑު 9:00 އިން ފެށިގެން ފަތިހު 4:00 އަށް، އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން މިހާރު ވަނީ މަނާކޮށްފައެވެ. އަދި ޒަރޫރީ ބޭނުންތަކުގައި މެނުވީ ގެއިން ބޭރަށް ނުނިކުތުމާއި ޕާޓީތަކާއި، ހަފްލާތަކާއި، ރަސްމިއްޔާތުތައް ބޭއްވުން ހުއްޓާލުމަށް ވެސް ވަނީ އަންގާފައެވެ.

މީގެ އިތުރުން އެއްގެއިން އަނެއްގެއަށް ޒިޔާރަތްކުރުން ހުއްޓާލުމާއި އެއްފަހަރާ 3 (ތިނެއް) މީހުންނަށްވުރެ ގިނަމީހުން މަގުމައްޗާއި އާންމު ތަންތާނގައި އެއްވެއުޅުން ހުއްޓައިލުމުގެ އިތުރުން މަދަރުސާއަށް ދަރިވަރުން ހާޒިރުވެގެން ކްލާސްތައް ކުރިޔަށް ގެންދިޔުން ހުއްޓައިލުމަށް ވެސް ވަނީ އަންގާފައެވެ.

އަދި ބޯކޮށާ ތަންތަން ބަންދުކުރުމާއި ޖިމްތަކާއި، ހުރިހާ ކުޅިވަރު ހަރަކާތްތަކާއި، ކަސްރަތުގެ ހަރަކާތްތައް ހިންގުން ހުއްޓާލުމާއި ފިހާރަތަކުން ޙިދުމަތް ދޭއިރު، ހެލްތް ޕްރޮޓެކްޝަން އެޖެންސީން އާންމުކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް ޚިދުމަތް ދިނުމަށްވެސް ކޮލަމާފުށި ކައުންސިލުން ވަނީ އަންގާފައެވެ.

ހޮޓާތަކާއި، ކެފޭތައް، ކާބޯތަކެތީގެ ޚިދުމަތްދޭ އެހެނިހެން ތަންތަނުން ދެމުންގެންދާ ޚިދުމަތްތައް ހުއްޓައިލުން، މީހުން އެއްތަނަކަށް އެއްކޮށްގެން ބާއްވާ ބައްދަލުވުންތައް ކޮންމެހެން ބާއްވަންޖެހިއްޖެ ކަމުގައި މެނުވީ ނުބޭއްވުން. އަދި މިސްކިތްތަކުގެ ވުޟޫކުރާ ބައި ބަންދުކޮށް، ގެއިން ވުޟޫކޮށްގެން އަމިއްލަ މުސައްލައެއް ހިފައިގެން މިސްކިތަށް ދިޔުމަށްވެސް ކައުންސިލުން ވަނީ އެދިފައެވެ.

ކޮލަމާފުށީ ކައުންސިލުން ވަނީ މި ޙައްސާސް ދަނޑިވަޅުގައި މަތީގައި ދެންނެވިފައިވާ ކަންތައްތަކަށް ސަމާލުކަންދީގެން ޢަމަލުކުރުމަށް އާންމުންނަށް ދަންނަވާފައެވެ. އަދި މިހާލަތުގައި ޓާސްކްފޯހުން އަޅަމުންދާ ފިޔަވަޅުތަކާއި ގުޅިގެން ދިމާވާ ދަތިތަކާއި އެކު، މިޙާލަތުން އަރައިގަތުމަށް ހުރިހާ ރައްޔިތުންގެ އެއްބާރުލުން ދެއްވުމަށް އެ ރަށު ކައުންސިލުން ވަނީ އެދިފައެވެ.