ގއ ކޮލަމާފުށިން މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވުމާއި ގުޅިގެން އެރަށް މޮނިޓަރިންގެ ޙާލަތަށް ގެނެސް ރަށަށް އަރާ ފޭބުން މަނާކޮށްފިއެވެ.
ގއ އަތޮޅު ފޯކަލް ޕޮއިންޓް އަސްމާ އަބްދުﷲ އެއޯ ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، ޕޮޒިޓިވްވެފައިވަނީ ކޫއްޑޫ “ރަންދި 26” މަސްކިރާ ބޯޓުގެ ކޭސް އަކާއި ގުޅިގެން ޑައިރެކްޓް ކޮންޓެކްޓްވެ ކަރަންޓީން ކުރެވިފައިވާ ފަރާތެއް ކަމަށާއި އަދި މިވަގުތު ކޮންޓެކްޓް ޓްރެސިންގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.
އެރަށް މޮނިޓަރިންގ ޙާލަތަށް ގެނެސްފައިވާކަމަށް ހާމަކޮށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެރަށު ކައުންސިލަށް ފޮނުވި އެންގުމެއްގައި ބުނެފައިވަނީ، އެރަށް މޮނިޓަރިންގ އަށް ލާފައިވަނީ، ކޮވިޑް19 އާ ގުޅިގެން ސިއްޙީ ގޮތުން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށްކަމަށެވެ.
އެ އެންގުމުގައި ބުނެފައިވަނި، އެރަށުގައި މިވަގުތު ތިބި އެއްވެސް މީހަކު އެޗްޕީއޭއިން ވަކި ގޮތެއް އަންގަންދެން ރަށުން ނުފޭބޭނެ ކަމަށާއި އަދި ހުއްދަ ނެތި ރަށަށް އެރުން މަނާވާނެ ކަމަށެވެ.
ކޫއްޑޫ ބަދަރުގައި އޮތް “ރަންދި26” އިން މިހާތަނަށް ޖުމްލަ 12 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު މި ކޭސްތަކާއި ގުޅިގެން ގއ ކޫއްޑޫ އާއި ގއ މާމެންދޫ ވެސް ވަނީ މޮނިޓަރިންގ ޚާލަތަށް ގެނެސްފައެވެ.