English Edition
Dhivehi Edition

ނަފްރަތުގެ އަމަލުތައް ހުއްޓުވުމުގެ ނަމުގައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލް އަނބުރާ ގެންދިއުމަށް ގއ ވިލިނގިލި ކައުންސިލުން ގޮވާލައިފިއެވެ.

ގއ ވިލިނގިލި ކައުންސިލްގެ 7 މެމްބަރުންގެ ތެރެއިން 5 މެމްބަރުންގެ ތާއީދާއިއެކު ނެރުއްވައިފައިވާ ނޫސްބަޔާނުގައިވާ ގޮތުން، ސަރުކާރުގެ ފަރާތުން ދިވެހިރާއްޖޭގެ ޤާނޫނުލް އުޤޫބާތުގެ 123 ވަނަ މާއްދާގެ ފަހަތަށް އިތުރުކުރުމަށް ހުށައަޅައިފައިވާ އިސްލާޙްތަކަކީ، ވިލިނގިލީގެ ގިނަ ރައްޔިތުންގެ ކަންބޮޑުވުންތައް ހުރި އިސްލާހްތަކެއްކަން އެ ކައުންސިލުން ފާހަގަކުރެއެވެ. އެ ގޮތުން މިބިލުގެ ސަބަބުން ދިވެހި ރާއްޖޭގެ ޖުމްހޫރިއްޔާ ޤާނޫނު އަސާސީގެ 27 ވަނަ މާއްދާއިން ކަށަވަރުކޮށްފައިވާ، އިސްލާމްދީނުގެ އަސްލަކާއި ޚިލާފް ނުވާނެ ގޮތެއްގެ މަތިން ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ވަރަށް ބޮޑަށް ހަނި ކުރެވިގެންދާކަމަށް ޤަބޫލުކުރެވޭ ކަމަށް ބުނެފައިވެއެވެ.

އަޅަމެންގެ މާތް ދީނަކީ މުންކަރާތްތައް ނަހީކޮށް ހެޔޮކަންކަމަށް އަމުރުކުރުމުގެ މަތިވެރި ޝިޢާރު ވުޖޫދުކޮށް މުޖުތަމަޢުތައް އިސްލާޚް ކުރުމުގެ ދަންމަރު މުޅި ދުނިޔޭގައި ފަތުރާދިން ނޫރު ކަމުގައި ވީހިނދު، މި ކުޑަކުޑަ އިސްލާމީ މުޖްތަމަޢުގައި މި ޝިޢާރު ފުށުއަރާ އެއްވެސްކަމެއް ޤާނޫނީ ގޮތުން އެކަށައެޅިގެން ދިޔުމަކީ ވިލިނގިލި ކައުންސިލާއި އެރަށުގެ ގިނަ ރައްޔިތުން ދެކޭގޮތުގައި ކުރެވޭނެ ކަމެއް ނޫން ކަމަކަށްވާއިރު މިބިލް ޤާނޫނަކަށް ވުމުން އިސްލާދީނުގެ އަސާސްތަކަށް ގޮންޖަހާ އެ ދީނުގެ ދަންމަރު ނިއްވާލުމަށް މަސައްކަތްކޮށް ބަސްބުނަމުންދާ ފަރާތްތަކަށް މިބިލަކީ ލިބިގެންދާ ވަރަށް ބޮޑު ހިތްވަރަކަށް ވެގެންދާނެކަމަށް ބަޔާނުގައި ވެއެވެ. އަދި މުންކަރާތްތައް ހުއްޓުވުމަށް ބާރުއަޅާ ނަސޭހަތްތެރިވަމުންދާ ދީނީ އިލްމްވެރިންނަށް ސީދާ ގޮންޖަހާ އެފަދަ ފަރާތްތަކުގެ އަޑު ކަނޑުވާލުމަށް މަސައްކަތްކުރާ ފަރާތްތަކަށް ހުޅުވާލެވިގެންދާ ދޮރެއްގެ ގޮތުގައި މިއިސްލާހް ވެގެންދާނެ ކަމަށްވެސް ވިލިނގިލީ ކައުންސިލުން ފާހަގަ ކޮށްފައިވެއެވެ.

ދިވެހިރާއްޖޭގެ ޤާނޫނުލް އުޤޫބާތަށް އަދުގެ ސަރުކާރުން ހުށައަޅައިފައިވާ އިސްލާހުތަކަކީ އިސްލާމްދީނަށް ފުރައްސާރަކުރާ ބަޔަކަށް ހިތްވަރު ލިބޭގޮތަށް އެފަދަ ފަރާތްތަކަށް ޤާނޫނުން ޚިމާޔަތް ލިބޭގޮތަށް ފަރުމާކޮށް ހުށައަޅައިފައިވާ އިސްލާހެކެވެ. ވީމާ، ވިލިނގިލި ރައްޔިތުންނާއި ކައުންސިލްގެ ނަމުގައި މި އިސްލާހް ކުށްވެރިކުރާކަމަށާއި އަދި މި އިސްލާހް އަބުރާ ގެންދިއުމަށް އަދުގެ ސަރުކާރަށް ގޮވާލާކަމަށް މި ބަޔާނުގައި ބުނެފައިވެއެވެ. އަދި މިއިސްލާހާއި ދެކޮޅަށް ވޯޓް ދެއްވުމަށް މި ދާއިރާގެ އިއްޒަތްތެރި މެމްބަރަށާއި ރައްޔިތުން މަޖިލީހުގެ އެންމެހާ އިއްޒަތްތެރި މެމްބަރުންނަށް ގޮވާލާކަމަށް މި ބަޔާނުގައި ބުނެފައިވެއެވެ.