English Edition
Dhivehi Edition

ޑްރީމްސް މޯބައިލް ފިހާރައިގެ ފުރާޅު ނަގައިގެން އެ ފިހާރައަށް ވަދެ ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފޯނާއެކު, ދެ މީހަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އިން ބުނީ މި މަހުގެ 11 ވަނަ ދުވަހުގެ ހެނދުނު ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާރޓްމަންޓަށް ހުށަހެޅި މައްސަލައާ ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަނުގައި އެރޭގެ ވަގުތެއްގައި 31 އަހަރުގެ ދިވެހި ދެ ފިރިހެނުން ހައްޔަރު ކޮށްފައިވާކަމަށެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައިވަނީ ށ. ބިލެތްފަހި / ކްރެސްޓް، ޢަލީ ފައުޒާންއާއި، ތ. ތިމަރަފުށި / މާފޮޅޭގެ، ޢަބްދުﷲ ސިމާޙުއެވެ.

އެ އޮޕަރޭޝަނުގައި އެ ދެމީހުންގެ އަތުން ގިނަ އަދަދެއްގެ މޯބައިލް ފޯނާއި ޗާޖަރާއި، ހެޑްސެޓުގެ އިތުރުން މޯބައިލް ފޯނާ ގުޅޭ ތަކެތި ހޯދާފައިވެއެވެ. މިތަކެތީގެ އަގު 280000 ދިވެހި ރުފިޔާއަށްވުރެ ގިނަވާނެކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައިވާ ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބައިތިއްބައިގެން ތަހުގީގު ކުރުމަށް 15 ދުވަހުގެ މުއްދަތު ދީފައިވެއެވެ. މި މައްސަލަ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ދަނީ ތަހުގީގު ކުރަމުންނެވެ.