ހުވަދު އަތޮޅުގެ މައި ވިޔަފާރި ހަބު ކަމުގައިވާ ގދ. ތިނަދޫގެ ފިހާރައަކާއި ކެފޭއަކުން ވިޔަފާރިކުރުން ވަގުތީގޮތުން މަނާކޮށްފިއެވެ.
ރާއްޖޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ވައިރަސް ގދ. ތިނަދޫގެ މުޖުތަމައު ތެރެއިން ފެނި ރަށް މޮނިޓަރިންގްއަށް ލެވިފައިވާތީ މި ހާލަތުން އަރައިގަތުމަށް ރަށުގެ ވިޔަފާރިކުރާ ތަންތަނުން ނަގަމުންދާ ރެންޑަމް ސާމްޕަލްތަކުގެ ތެރެއިން އެ ރަށުގެ ފިހާރައަކާއި ކެފޭއެއްގެ މުވައްޒަފުންތަކެއްގެ ސާމްޕަލް ބައްޔަށް ފައްސިވުމާއި ގުޅިގެން އެ ތަންތަން ވަގުތީގޮތުން ބަންދުކޮށް 14 ދުވަހުގެ މުއްދަތަކަށް ވަދެ ނިކުމެ އުޅުން ތިނަދޫ ކައުންސިލުން މަނާކޮށްފިއެވެ.
އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ތިނަދޫގައި 14 ދުވަހުގެ މުއްދަތަކަށް ވަދެ ނިކުތުން މަނާކޮށްފައި ވަނީ އެސް.އެމް.ޑީ އަލިހަވާ ބާޒާރު ފިހާރައާއި ސަންޕީކް ރެސްޓޯރެންޓެވެ. މި ދެ ތަނުގައިވެސް ތިނަދޫ ކައުންސިލުން މިހާރު ވަނީ ބަންދު ނޯޓިސް އާއި ކަރަންޓީން ނޯޓިސް ހަރުކޮށްފައެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ)ގެ ކަރަންޓީން އުސޫލުތަކަށް ބަލާއިރު ކަރަންޓީން ކުރެވިފައިވާ ތަނަކަށް އެހެން މީހުން ވަނުމާއި އެ ތަނެއްގައި އުޅޭ ބަޔަކު ބޭރަށް ނިކުމެ އުޅުން ވަނީ މަނާކޮށްފައެވެ.
އެހެންކަމުން ސަންޕީކް ރެސްޓޯރެންޓުން 15 ޖޫން އިން ފެށިގެން އަދި އެސް.އެމް.ޑީ ބާޒާރުން 13 ޖޫން އިން ފެށިގެން 14 ދުވަހުގެ މުއްދަތަކަށް ވިޔަފާރިކުރަން ނުވަތަ އެހެން ބޭނުމެއްގައި ވެސް ވަދެ ނިކުމެ އުޅޭ ފަރާތްތަކާއިމެދު ފިޔަވަޅު އެޅި ޖޫރިމަނާ ކުރެވޭނެއެވެ.
ކަރަންޓީން އުސޫލުގައި އެކި ކެޓަގަރީތަކުން ކަރަންޓީންވާ މީހުން އަމަލުކުރަން ޖެހޭ އުސޫލުތައް ވަރަށް ތަފްސީލްކޮށް ބަޔާން ކޮށްފައިވެއެވެ. ކަރަންޓީން ވާން ޖެހެނީ 14 ދުވަހަށެވެ. އަދި އޭގެ ފަހުން ޓެސްޓް ކުރާނެއެވެ. އަދި ޓެސްޓް ފައްސި ވެއްޖެނަމަ ފައްސިވާ މީހުންނާމެދު އަމަލު ކުރާ އުސޫލުން އަމަލު ކުރެވޭނެ ކަމަށް ވަނީ ބުނެފައެވެ.