English Edition
Dhivehi Edition

ގދ. ތިނަދޫގެ ކޮވިޑްގެ ހާލަތު ގޯސްވެ ބަލި ކޮންޓްރޯލް ކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން އެ ރަށް ފުލް ލޮކްޑައުންއަކަށް ގެންނަން އެޗް.ޕީ.އޭ. އަށް ހުށަހެޅުމަށް ތިނަދޫ އެމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އީ.އޯ.ސީ) އިން ނިންމާފައިވާއިރު މިކަމާއި ތިނަދޫ ކައުންސިލުގެ ރައީސް ސަޢުދު އަލީ ދެކޮޅު ހައްދަވައިފިއެވެ.

ތިނަދޫގެ ކޮވިޑް ހާލަތަށް ބަލައި ބަލި ކޮންޓްރޯލް ކުރަން އެރަށް ލޮކްޑައުންކުރަން އީ.އޯ.ސީ ގެ މެންބަރުންގެ މެދުގައި ނެގުނު ފެންނަ ނުފެންނަ ވޯޓު ނެގީ މިއަދު ބޭއްވުނު ބައްދަލުވުމެއްގައެވެ. އެ ވޯޓުގައި ތިނަދޫ ކައުންސިލުގެ ރައީސް ސަޢުދު އަލީ ފިޔަވައި ދެން ތިއްބެވި 13 މެންބަރުންވެސް ވޯޓު ދެއްވީ އެރަށް ފުލް ލޮކްޑައުންއަކަށް ގެންދިއުމަށެވެ.

މިއަދުގެ ބައްދަލުވުމުގައި ތިނަދޫ އީ.އޯ.ސީގެ މެންބަރުންގެ ގޮތުގައި އެ ރަށުގެ ފުލުސް އޮފީހުގެ އިސްވެރިންގެ އިތުރުން ޕަބްލިކް ހެލްތާއި ހޮސްޕިޓަލާއި ކޮވިޑް ފެސިލިޓީގެ އިސްވެރިންވެސް ވަނީ ވޯޓު ދެއްވާފައެވެ. މީގެއިތުރުން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ރައީސާ އަދި ތިނަދޫ ޖެންޑަރގެ އިސްވެރިންވެސް ވަނީ މިބައްދަލުވުމުގައި ބައިވެރިވެފައެވެ.

ތިނަދޫގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ކަރަންޓީނުގައި ތިއްބެވި ދަނޑިވަޅެއްގައި މި ބައްދަލުވުން ބޭއްވުނީ ތިނަދޫ ކުސީ ޕާރކްގައި، އޮންލައިންކޮށް ބައްދަލުވުން ކުރިއަށް ނުގެންދެވޭނެ ފަދަ ގޮތަކަށެވެ. ބައެއް މުއައްސަސާތަކުގެ އިސްވެރިންނަށް ބައިވެރި ނުވެވުނު މި ބައްދަލުވުމުގައި ރަށުގެ ބައެއް ޖަމިއްޔާތަކަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލެވުނެވެ.

މިމަހުގެ އެއްވަނަ ދުވަހު ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ސައުދު އަލީ ވިދާޅުވީ ކޮވިޑާއި ގުޅިގެން ފިޔަވަޅުތައް ވަރުގަދަކުރަން ތިނަދޫ ކައުންސިލުން ގޮތެއް ނުނިންމާނެ ކަމަށާއި ކަމާބެހޭ އިދާރާތަކާއި މަޝްވަރާ ކުރުމަށްފަހު އީ.އޯ.ސީ އިން ކަންކަން ނިންމަވާނެ ކަމަށެވެ. ތިނަދޫގައި ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮވިޑް-19ގެ ބަލިމަޑުކަމާއި ގުޅިގެން ރަށުގެ ޙާލަތާ ގުޅޭ މައުލޫމާތު ރައްޔިތުންނަށް ދިނުމަށް އެންމެ ފަހުން ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވުނީ މީގެ 13 ދުވަސް ކުރިންނެވެ.

ގދ. ތިނަދޫގައި ކޮވިޑް-19 ފެތުރެމުންދާ މިންވަރަށް ބަލައި އެ ރަށުގެ ހާލަތު އިތުރަށް ގޯސް ވިޔަ ނުދިނުމަށްޓަކައި ފުލް ލޮކްޑައުންއަކަށް ގެންނަން ޖެހޭކަމަށް ގދ. އޭ.އީ.އޯ.ސީ އިން ވެސް ވަނީ ނިންމާފައެވެ.