English Edition
Dhivehi Edition
ރޭގެ މެޗުގައި ލަނޑުޖެހުމަށްފަހު ބެލްޖިއަމްގެ ފޯވާޑް ރޮމެލޫ ލުކާކޫ އުފާ ފާޅުކުރަނީ. --ފޮޓޯ: ޓުވިޓާ

ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ރޭ ކުޅުނު މެޗުގައި ރޮމެލޫ ލުކާކޫ ކާމިޔާބުކުރި ދެ ގޯލާއެކު ބެލްޖިއަމުން ރަޝިޔާގެ މައްޗަށް 3-0 އިން ކުރިހޯދިއިރު، މިފަހަރުގެ މުބާރާތުގައި އަލަށް ކުޅުނު ފިންލެންޑުން 1-0 އިން ޑެންމާކް އަތުން ތާރީޚީ މޮޅެއް ހޯދައިފިއެވެ.

ބެލްޖިއަމުން މިފަހަރުގެ މުބާރާތުގެ ކޮލިފައިންގައި ވެސް ރަޝިޔާއާ ދެކޮޅަށް ވަނީ ކުޅެފައެވެ. އެ ދެ މެޗު ވެސް ކާމިޔާބުކޮށްފައިވާއިރު، ކޮލިފައިން އެ ޓީމު ނިންމާލީ ސައްތައިން ސައްތައިގެ ރެކޯޑަކާއެކު އެވެ.

ރޭގެ މެޗަށް ނިކުތްއިރު ބެލްޖިއަމަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ އަނިޔާގެ ސަބަބުން އެ ޓީމުގެ އެންމެ މުހިއްމު ކުޅުންތެރިޔާ ކެވިން ޑިބްރޭނާ އަށް ނުކުޅެވުމެވެ. މީގެއިތުރުން، ދާދިފަހުން އަނިޔާއިން ކުޅުމަށް އެނބުރިއައި އެ ޓީމުގެ ކެޕްޓަން އެޑެން ހަޒާޑް ވެސް ކުޅެން އެރީ ފަހު ހާފުގައެވެ.

ރަޝިޔާގެ ސެއިންޓް ޕީޓަސްބާގްގެ ގަޒްޕްރޮމް އެރީނާގައި ރޭ ކުޅުނު މެޗު ފެށިގެން 10 ވަނަ މިނެޓުގައި ބެލްޖިއަމަށް ލީޑްނަގައިދިނީ އިންޓަ މިލާން އާއެކު މޮޅު ކުޅުމެއް ދައްކަމުން އަންނަ ފޯވާޑް ލުކާކޫ އެވެ. މިއީ ބެލްޖިއަމްގެ ފޯވާޑް ޑްރައިސް މާޓެންސް ނަގައިދިން ހުރަހެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި ރަޝިޔާގެ ޑިފެންޑަރުންނަށް ހެދުނު ގޯހެއްގެ ފައިދާނަގައި ލުކާކޫ ކާމިޔާބުކުރި ގޯލެކެވެ.

ފިންލެންޑްގެ ޓިމޫ ޕުއްކީ (މ) ޑެންމާކްގެ ކުޅުންތެރިން ކައިރިން ބޯޅަ ހިފައިގެންދާން މަސައްކަތްކުރަނީ. –ފޮޓޯ: ޔުއެފާ.ކޮމް

މި ގޯލް ޖަހައިދިނުމަށްފަހު ލުކާކޫ ވަނީ އޭނާ އާއެކު އިންޓަ އަށް ކުޅެމުން އަންނަ ޑެންމާކްގެ މިޑްފީލްޑަރު ކްރިސްޓިއަން އެރިކްސަން އަށް ހާއްސަ މެސެޖެއްދީފައެވެ. މި މުބާރާތުގައި ރޭ ކުޅެވުނު އަނެއް މެޗުގެ ފުރަތަމަ ހާފުގައި އެރިކްސަން ހޭނެތިގެން ދަނޑު މައްޗަށް ވެއްޓުމާ ގުޅިގެން އެމާޖެންސީގައި ހޮސްޕިޓަލަށް ގެންގޮސް ފަރުވާދިނެވެ. އެހެންކަމުން ލުކާކޫ ވަނީ ލަނޑުޖެހުމަށްފަހު ކެމެރާ ކައިރިއަށް ޖެހިލައި “އެރިކްސަން ދެކެ ވަރަށް ލޯބިވޭ” މިހެން ބުނެފައެވެ.

ބެލްޖިއަމުން މި މެޗުގައި ޖެހި ދެވަނަ ލަނޑު، 34 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ޑިފެންޑަރު ތޯމަސް މުނިއޭ އެވެ. މުނިއޭ ކުޅެން އެރީ މެޗުގެ 27 ވަނަ މިނެޓުގައި އެ ޓީމުގެ ޓިމޮތީ ކަސްޓާނިއޭ އަށް ލިބުނު އަނިޔާއެއްގެ ސަބަބުން އޭނާގެ ބަދަލުގައެވެ. މުނިއޭ މިލަނޑު ކާމިޔާބުކުރީ ބޮރޫޝިއާ ޑޯޓްމަންޑްގެ ވިންގާ ތޯގަން ހަޒާޑް ނެގި ހުރަހެއް ރަޝިޔާގެ ކީޕަރު އެންޓޮން ޝުނިންގެ އަތުގައި ޖެހިފައި އެ ބޯޅަ ނިކުތުމުން ހުސްކޮށް އޮތް ގޯލްގެ ތެރެއަށް ފޮނުވާލައިގެންނެވެ.

މި މެޗުގައި ބެލްޖިއަމުން ކާމިޔާބުކުރި ފަހު ލަނޑު، މެޗު ނިމެން ދެ މިނެޓަށްވެފައިވަނިކޮށް ޖަހައިދިނީ ވެސް ލުކާކޫ އެވެ. މިއީ ބެލްޖިއަމްގެ ޖާޒީގައި އޭނާ އެންމެ ފަހުން ކުޅުނު ވާދަވެރި 15 މެޗުގައި ޖެހި 20 ވަނަ ގޯލެވެ. މިއާއެކު، ބެލްޖިއަމްގެ ގައުމީ ޓީމަށް މިހާތަނަށް ކުޅުނު 94 މެޗުގައި އޭނާ ޖެހި ލަނޑުގެ އަދަދު ވަނީ 62 އަށް އަރާފައެވެ. މީގެއިތުރުން، ޔޫރޯގައި އެ ޓީމަށް މިހާތަނަށް އެންމެ ގިނަ ލަނޑުޖަހައިދީފައިވަނީ ވެސް ލުކާކޫ އެވެ. މިހާތަނަށްއައިއިރު އޭނާ ވަނީ ހަތަރު ލަނޑުޖަހާފައެވެ.

މި މުބާރާތުގައި ރޭ ފިންލެންޑްއާ ދެކޮޅަށް ޑެންމާކް ކުޅުނު މެޗު ކުޅެމުންދަނިކޮށް ފުރަތަމަ ހާފު ނިމެންދަނިކޮށް އިންޓަގެ މިޑްފީލްޑަރު އެރިކްސަން ދަނޑުމައްޗަށް ހޭނެތިގެން ވެއްޓި އިމެޖަންސީގައި ފަރުވާދިނުމަށް ހޮސްޕިޓަލަށް ގެންދަންޖެހުމުން މެޗުގެ ބާކީބައި މެދުކެނޑުމަކަށްފަހު ކުޅުނީ ދެ ގަޑިއިރެއްހާއިރު ފަހުންނެވެ. މެޗު ހުއްޓާލި ހިސާބުން އަލުން ފަށަން ޔުއެފާ އިން ނިންމީ ދެ ޓީމާއެކު ބޭއްވި އެކު މަޝްވަރާތަކަށްފަހު އެވެ. ބައެއް ރިޕޯޓްތައް ބުނާގޮތުން ޑެންމާކް ޓީމުން މެޗު ކުރިއަށްގެންދަން ނިންމީ އެރިކްސަން، ހޮސްޕިޓަލުގައި އޮވެ ޓީމާ ވީޑިއޯ ކޯލަކުން ވާހަކަ ދައްކައި މެޗު ކުރިއަށް ގެންދަން އެދުމުން ކަމަށެވެ.

ރޭގެ މެޗުގައި ބެލްޖިއަމްގެ ދެވަނަ ލަނޑު، ތޯމަސް މުނިއޭ (ކ) ގޯލްގެ ތެރެއަށް ފޮނުވާލަނީ. –ފޮޓޯ: ޓުވިޓާ

ޑެންމާކްގެ ކޯޕަންހޭގަންގެ ޕާކެން ސްޓޭޑިއަމްގައި ރޭ ކުޅުނު މި މެޗު ފެށިގެން އެރިކްސަން އަށް އެ ހާދިސާ ކުރިމަތިވުމާ ހަމައަށް މޮޅަށް ކުޅެމުން ގެންދިޔައީވެސް އެ ޓީމުންނެވެ. އެކަމަކު، ޑެންމާކްގެ ޖޯނަސް ވިންޑް އާއި ޕިއޭ-އެމިލް ހޮއިބިއޭ ފޮނުވާލި ހަމަލާތައް ފިންލެންޑްގެ ކީޕަރު ލޫކަސް ރަޑެކީ މަތަކުރިއެވެ.

ބޮޑު މުބާރާތެއްގައި މުޅީން އަލަށް ވާދަކުރި ފިންލެންޑުން މި މެޗުގައި ލަނޑުޖެހީ 60 ވަނަ މިނެޓުގައެވެ. މިއީ އެ ޓީމުގެ ޔެރޭ ޔުރޮނެން ނަގައިދިން ހުރަހަކުން ޔޮއެލް ޕޮޔަންޕާލޯ ބޮލުން ފޮނުވާލައިގެން ކާމިޔާބުކުރި ގޯލެކެވެ. މިއީ ބައިނަލްއަގުވާމީ މުބާރާތެއްގައި ފިންލެންޑުން ކާމިޔާބުކުރި ފުރަތަމަ ގޯލެވެ. މިލަނޑުޖެހުމަށްފަހު އޭނާ އުފާ ފާޅެއްނުކުރެއެވެ.

ޑެންމާކަށް ނަތީޖާ ހަމަހަމަކުރަން ލިބުނު ރަނުގެ ފުރުޞަތުގެ ބޭނުންހިފޭގޮތެއްނުވިއެވެ. މެޗުގެ 74 ވަނަ މިނެޓުގައި ޑެންމާކްގެ ޔޫސުފް ޕޯލްސަން އަށް ޕެނަލްޓީއޭރިޔާތެރެއިން ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އެ ޓީމުގެ ހޮއިބިއޭ ފޮނުވާލުމުން ފިންލެންޑްގެ ކީޕަރު ރަޑެކީ މަތަކުރިއެވެ. އޭގެފަހުންވެސް، ޑެންމާކަށް ލަނޑުޖަހަން ލިބުނު ފުރުޞަތުތައް ފިންލެންޑްގެ ކީޕަރު ރަޑެކީގެ އިތުރުން އެ ޓީމުގެ ޑިފެންޑަރުން ވަނީ ސާބިތުކަމާއެކު ހުއްޓުވާފައެވެ.

ޔޫރޯ 2020 ގައި މިއަދު ކުޅުމަށް ހަމަޖެހިފައިވާ މެޗުތަކުގެ ތެރޭގައި، އިންގްލެންޑާއި ކްރޮއޭޝިއާ ބައްދަލުކުރާ މެޗާއި، ނޯތު މެސެޑޯނިއާއާ ދެކޮޅަށް އޮސްޓްރިއާ ކުޅޭ މެޗު ހިމެނެއެވެ. މިއަދުގެ ފަހު މެޗުގައި ނެދަލެންޑްސް ނިކުންނާނީ ޔޫކްރޭންއާ ދެކޮޅަށެވެ.