English Edition
Dhivehi Edition

ގދ. ތިނަދޫ އަދި ގައްދޫ ފުލް ލޮކްޑައުންއަކަށް ގެންނަން ޖެހޭކަމަށް ގދ. އަތޮޅު އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރ (ގދ. އޭ.އީ.އޯސީ) އިން ނިންމައިފިއެވެ.

މިރޭ ބޭއްވުނު ކުއްލި ބައްދަލުވުމެއްގައި ތިނަދޫ އަދި ގައްދޫގައި ކޮވިޑް-19 ފެތުރެމުންދާ މިންވަރަށް ބަލައި ދެރަށުގެ ހާލަތު އިތުރަށް ގޯސް ވިޔަ ނުދިނުމަށްޓަކައި ފުލް ލޮކްޑައުންއަކަށް ގެންނަން ޖެހޭކަމަށް ގދ. އޭ.އީ.އޯސީ އިން ވަނީ ނިންމާފައެވެ. އެ ދެރަށް ފުލް ލޮކްޑައުންއަކަށް ދިއުމަށް ބައްދަލުވުމުގައި ބައިވެރިވި ގދ. ކޮވިޑް ފެސިލިޓީގެ މެނޭޖަރ ޑރ. އަޙްމަދު އާޒިމް އަބްދުއް ޝުކޫރުގެ އިތުރުން ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ މެނޭޖަރ އަޙްމަދު ސަޢީދު ވެސް ވަނީ އެއްބަސްވެ ވަޑައިގެންފައެވެ.

މިރޭގެ ބައްދަލުވުމަށްފަހު އޭ.އޯ ނިއުސް އަށް މަޢުލޫމާތު ދެއްވަމުން ގދ. އަތޮޅު ކައުންސިލުގެ ރައީސް ހަސަން ފައިހަތު ގުދުރަތުﷲ ވިދާޅުވީ ގދ. ގައްދޫ ފުލް ލޮކްޑައުންއަކަށް ދާން ތައްޔާރަށް އޮތްކަމަށް އެރަށު އީ.އޯ.ސީ. އަދި ރަށު ކައުންސިލުން ޔަޤީންކޮށްދީފައި ވާއިރު ގދ. ތިނަދޫ އޮތީ ލޮކްޑައުންއަކަށް ތައްޔާރު ނުވެއެވެ. އެހެންކަމުން ފުލް ލޮކްޑައުންއަކަށް ދިއުމަށް ތިނަދޫއަށް ބޭނުންވާނެ ކަންތައްތައް މަޝްވަރާކޮށް ސަރުކާރުގައި ދަންނަވައިގެން ނަމަވެސް ހައްލު ހޯދުމުގެ މަސައްކަތް ފަށާނެ ކަމަށާއި މާދަމާގެ ވަގުތެއްގައި މި ނިންމުން އެޗް.ޕީ.އޭ. އާއި ހިއްސާކޮށް ލޮކްޑައުން ކުރުމުގެ ހުއްދައަށް އެދޭނެކަމަށް ފައިހަތު ވަނީ ވިދާޅުވެފައެވެ.

ގދ. އަތޮޅުގެ ކޮވިޑްގެ އެންމެ ފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު މިވަގުތު ބައްޔަށް ފަރުވާ ހޯދަމުންދާ 131 މީހުން ތިނަދޫގައި، 73 މީހުން ގައްދޫގައި އަދި 39 މީހުން ފަރެސްމާތޮޑާގައި އެބަތިއްބެވެ. އެހެންނަމަވެސް އަތޮޅުގައި ހުރި ހަމައެކަނި ކޮވިޑް ފެސިލިޓީގައި މިވަގުތު ހުރީ ފަރުވާ ދެވޭނެ 06 އެނދެވެ. އެއީ އައި.ސީ.ޔޫ ގައި 03 އެނދާއި ވާރޑްގައި 03 އެނދެވެ. ކޮވިޑަށް ޓެސްޓް ކުރެވެން އެއަތޮޅުގައި ހުރި ހަމައެކަނި ޖީން އެކްސްޕާރޓް މެޝިނުން 24 ގަޑިއިރު ތެރޭ ޓެސްޓް ކުރެވެނީ 48 އެއްހާ ސާމްޕަލެވެ.

1 ކޮމެންޓް
xvb
ޖޫން 13, 2021
dhogj hadhaige rayyithunna olhuvaalanee thinadhoo adhithikamahmashvaraaves kureekee noon