English Edition
Dhivehi Edition
މާމަ ކާފަ ޕާކުގެ ބިން ރަސްމީކޮށް ޙަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކުރިއަށްގެންދާ “އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު”ގެ ދަށުން އައްޑޫސިޓީގެ ފޭދޫއަވަށުގައި އުމުރުން ދުވަސްވީ މީހުންނަށް ޚާއްޟަކޮށްގެން ހަދާ “މާމަ ކާފަ ޕާކު” ހެދުމަށް ބޭނުންވާ 3500 އަކަފޫޓުގެ ބިން ރަސްމީކޮށް ހަވާލުކޮށްފިއެވެ.

ސަދަން ކޮމިޔުނިޓީ އެމްޕަވަރމެންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ސްކީމް) ގެ ރައީސާ ޝިމްލާ އަޙްމަދުގެ ނަމުގައި ލިބިފައިވާ މި ފަންޑުގެ ދަށުން ސްކީމާއި ގުޅިގެން ފޭދޫގައި ޕާކު ހެދުމަށް ނިންމައި މި ފަންޑު ލިބިފައިވަނީ 2020 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ހުޅުވާލީ ބީއެމްއެލް ކޮމިޔުނިޓީ ފަންޑުގެ ދަށުންނެވެ. އެހެން ނަމަވެސް އޭރު ކަނޑައެޅި ތަނުން ބިން ހަމަޖައްސައި ދެވެން ނެތް ކަމަށް ކުރީގެ ކައުންސިލުން ބުނުމާ ގުޅިގެން ޕާކު ހެދުމުގެ މަސައްކަތް ވަނީ ކުރިއަށް ނުގެންދެވި މަޑުޖައްސާލާފައެވެ. އަދި ކައުންސިލުން ފަހުން އެހެން ބިމެއް ޕާކު ހެދުމަށް ހަމަޖައްސައި ދޭނެ ކަމަށް ބުނެފައި ވީ ނަމަވެސް ރަސްމީކޮށް ބިން ޙަވާލު ނުވެ ގިނަ ދުވަސް ތަކެއް ވަނީ ވެފައެވެ.

އަމިއްލަ ފަރުދުންނާއި ހިލޭސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ދެމެހެއްޓެނިވި ގޮތެއްގައި ރަށްރަށުގައި ހިންގުމަށް ބޭނުންވާ ޕްރޮޖެކްޓްތަކަށް އެހީވުމުގެ ގޮތުން ބީއެމްއެލްއިން ތައާރަފްކުރި “އަހަރެންގެ ބޭންކް ކޮމިނިއުޓީ ފަންޑު”ގެ އެހީތެރިކަމާއެކު ސްކީމުން މިހާރު ގެންދަނީ ފޭދޫގައި ތަރައްގީ ކުރާ ޕާކުގެ ޕްރޮޖެކްޓްގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވަމުންނެވެ. އަދި މި އަހަރުގެ ބައިނަލް އަގުވާމީ ޢުމުރުން ދުވަސްވީ މީހުންގެ ދުވަހަށް ޕާކު ރަސްމީކޮށް ހުޅުވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ސްކީމުން ބުނެއެވެ.

“މި ޕްރޮޖެކްޓް ކުރިއަށް ގެންދާނީ ސްކީމުގެ އައްޑޫ ޗެޕްޓަރ މެމްބަރުން ގުޅިގެން ފޭދޫގައި. މިއީ ދޮށީ އުމުރުގެ މީހުންނަށް އުފާވެރި ހިތްހަމަޖެހޭފަދަ މާހައުލެއް ހޯދައި ދިނުމާއި އެ އުމުރުގެ ގިނަ ބަޔަކު އެއްތަނަކަށް އެއްވެ ތަފާތު އެކިކަހަލަ ޕްރޮގްރާމު ކުރިއަށް ގެންދެވޭނެ ފުރުސަތު ހޯދައި ދިނުން ފަދަ ކަންތައްތައް ކުރުމުގެ މަގްޞަދުގައި އުފެދުނު ޚިޔާލެއް. ބީއެމްއެލްގެ ކޮމިޔުނިޓީ ފަންޑާއެކު މި ޚިޔާލު ޙަގީގަތަކަށް މިއޮތީ ވެފައި. މުޖުތަމައަށް ފައިދާކުރާ ޕްރޮޖެކްޓްތަކެއް ހިންގުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބީއެމްއެލް އިން ކުރިއަށް ގެންދަވާ މިމަސައްކަތަށް ޝުކުރުވެރިވަން. އެންމެ ބޭނުންވާ ގޮތަށް މި ޕާކު ހެދުމަށް 50،000 (ފަންސާސް ހާސް) އަކީ މަދު އަދަދެއް. އެކަމަކު އުއްމީދު ކުރަނީ މިފަދަ މަސައްކަތެއް އަޅުގަނޑުމެން އިސްނަގައިގެން ފެށުމުން އައްޑޫ ދެކެ ލޯބިވާ ގިނަ ބައެއްގެ އެހީތެރިކަން ލިބި މިއީ ރާއްޖޭގައި ހެދޭ ނަމޫނާ ޕާކަކަށް ވެގެންދާނެކަމަށް ” ސްކީމްގެ ރައީސާ ޝިމްލާ ވިދާޅުވިއެވެ.

މި ޕާކުގެ މަސައްކަތް ފެށުމުގެ ގޮތުން ފުރަތަމަ އަޅާ ބިންގާ އެޅުމުގެ ފުރުސަތުވެސް ދޭ ގޮތަށް ހަމަޖެހިފައިވަނީ އިސްރައްވެއްސަކަށެވެ. ހަމަ އެއާއެކު މި ޕާކު ފެހިކުރުމާއި ޒީނަތްތެރިކުރުމަށްޓަކައި ގަސް އިންދުން ފަދަ ކަންކަމުގައި އިސްރައްވެހިން ބައިވެރި ކުރުމާއި އެ މީހުންގެ މާމަ އަދި ކާފަ ކުދިން ގޮވައިގެން ހަވީރު ފިންޏަށް އައިސް ޕާކުގައި ތިބެ އެކިކަހަލަ ކުޅިވަރު ކުޅެވޭ ކަހަލަގޮތަކަށް ތަން ފަރުމާ ކުރުމަށް ވަނީ ނިންމާފައެވެ. މިގޮތުން ރާޒުވާ އާއި ކެރަމް އަދި އޮއްވަޅު ގޮނޑިފަދަ ކުޅިވަރުތައް ކުޅެވޭނެ އިންތިޒާމު ޕާކުގައި ހަދާ ގޮތަށް ވެސް ވަނީ ހަމަޖެހިފައެވެ.

ޕާކުގެ މަސައްކަތް ނިންމާލާއިރު ކަސްރަތު ކުރާނެ ޖިމްސެޓެއް ބެހެއްޓުމާއި ކޮފީ އަދި އައިސްކްރީމް ކަހަލަ ލުއި ބުއިންތައް ލިބޭނެ އިންތިޒާމުވެސް ހަމަޖެއްސުމަށް ސްކީމުން ވަނީ ނިންމާފައެވެ.

ސްކީމުން އިސްނަގައިގެން ފޭދޫގައި މިފަދަ ޕާކެއް ތައްޔާރުކުރުމުގެ މަސައްކަތް ފަށާއިރު މި މަސައްކަތުގައި ގިނަ ބައެއްގެ އެހީތެރިކަން ލިބިގެންދާނެ ކަމަށާއި އަދި އެފަދަ ފަރާތްތަކަށް މަރުހަބާ ކިޔާކަމަށް ސްކީމުން ބުނެއެވެ.