English Edition
Dhivehi Edition

ހުވަދު އަތޮޅު ދެކުނުބުރީ ފިޔޯރީ ކައުންސިލް އިދާރާއިން ގާތްގަޑަކަށް 06 ލައްކަ ރުފިޔާގެ ބިލް ނުދައްކައިގެން އެ އިދާރާއިން ކަރަންޓު ކަނޑާލައިފިއެވެ.

2020 ވަނަ އަހަރުން ފެށިގެން ނުދެއްކި ހުރި ބިލްތަކެއް ހުރުމާއެކު މިއަދު ހުވަދުއަތޮޅު ދެކުނުބުރީ ފިޔޯރީ ކައުންސިލް އިދާރާއިން ކަރަންޓު ކަނޑާފައިވާ ކަމަށް އެ ކައުންސިލުގެ ރައީސް ފައިޒަރު ރަޝީދު ވަނީ އޭ.އޯ ނިއުސް އަށް ކަށަވަރުކޮށްދީފައެވެ.

ކައުންސިލް އިދާރާއިން ކަރަންޓު ކަނޑާލުމާއި ބެހޭގޮތުން އޭ.އޯ ނިއުސް އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ފައިޒަރު ވިދާޅުވީ ގދ. ފިޔޯރީގައި ހުންނަ މިސްކިތްތަކުގެ ކަރަންޓް ބިލްތަކަށް ފިޔޯރީ ކައުންސިލް އިދާރާއިން ދައްކަންޖެހޭ 06 ލައްކަ އެއްހާ ރުފިޔާ ދެއްކުމަށް ބިލްތައް ލިބިފައި ހުރި ކަމަށާއި ކުރީގެ ކައުންސިލުން މިއަހަރުގެ ބަޖެޓު އެކުލަވާލިއިރު މިފައިސާ ހިމަނާފައި ނުވާކަމަށެވެ. މިއަހަރަށް ކަނޑައެޅި ބަޖެޓުގައި ހިމަނާފައިވަނީ ހަމައެކަނި ކައުންސިލް އިދާރާގެ ކަރަންޓް ބިލްތަކަށްވާ ފައިސާ ކަން ފައިޒަރު ފާހަގަކުރެއްވިއެވެ.

ދެވިފައިވާ ބަޖެޓް ކޯޑުތަކަށް ބަދަލުގެނެސްގެން ވެސް މި ބިލްތައް ދެއްކެން ނެތުމާއި ގުޅިގެން ފިނޭންސް މިނިސްޓްރީއަށް ދަންނަވާނެ ކަމަށް ވިދާޅުވެ، މިވަގުތު ކައުންސިލް އިދާރާއަށް އަލުން ކަރަންޓުގެ ހިދުމަތް ގުޅާދިނުމަށް ފެނަކަ ކޯޕަރޭޝަނާއި މަޝްވަރާކުރެމުންދާ ކަމަށާއި ފެށޭ ހަފްތާތެރޭ ބިލްތައް ދެއްކޭނެކަމަށް ފައިޒަރު ވަނީ ވިދާޅުވެފައެވެ.