ޔޫރޯ ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރޭ ކުޅުނު މެޗުގައި ލެޓްވިއާ އަތުން 7-1 ގެ ތަފާތު ބޮޑު ނަތީޖާއަކުން ޖަރުމަނު މޮޅުވެއްޖެއެވެ.
މިއީ އަންނަ ހުކުރު ދުވަހު ފެށުމަށް ހަމަޖެހިފައިވާ ޔޫރޯގެ ކުރީން އެ ޓީމު ކުޅުނު ދެވަނަ މެޗެވެ. އެ ޓީމު ކުޅުނު ފުރަތަމަ މެޗުގައި މިދިޔަ ހަފްތާގެ ބުދަ ދުވަހު ޑެންމާކާ ދެކޮޅަށް ކުޅެ 1-1 އިން އެއްވަރުވުމުން ރޭގެ މެޗަށް އެ ޖަރުމަނުން ނިކުތީ ބަދަލުތަކާ އެކުއެވެ. އެގޮތުން، މި ފަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ވާދަކުރި ޗެލްސީ އާއި މެންޗެސްޓާ ސިޓީގެ ކުޅުންތެރިންނަށް ރޭގެ މެޗުގެ ފުރަތަމަ އެގާރައިން ވަނީ ފުރުޞަތުދީފައެވެ.
ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ޖަރުމަނުން ވަނީ ލެޓްވިއާ ކޮޅަށް ފަސް ލަނޑުޖަހާފައެވެ. މެޗުގެ 19 ވަނަ މިނެޓުގައި އެ ޓީމަށް ލީޑްނަގައިދިނީ އެޓަލާންޓާގެ ފުލްބެކް ރޮބިން ގޮސެންސް އެވެ. އަދި އޭގެ ދެ މިނެޓުފަހުން މެންޗެސްޓާ ސިޓީގެ މިޑްފީލްޑަރު އިލްކާއި ގުންޑޮގާން ވަނީ ނަތީޖާ 2-0 އަށް ބަދަލުކޮށްލާފައެވެ. އޭގެފަހުން، މެޗުގެ 27 ވަނަ މިނެޓުގައި ބަޔާން މިއުނިކްގެ އިތުބާރު މިޑްފީލްޑަރު ތޯމަސް މުލާ ވަނީ އިތުރު ލަނޑެއްޖަހައި ފަރަގު ބޮޑުކޮށްދީފައެވެ.
ފުރަތަމަ ހާފު ނިމެން ހަ މިނެޓަށްވެފައިވަނިކޮށް ލެޓްވިއާގެ ރޮބަޓްސް އޮޒޯލްސް އަތުން ބައިކޮޅަށް ވަތް ގޯލާއެކު ޖަރުމަނުން ހަތަރު ލަނޑުގެ ލީޑެއްނެގިއިރު އޭގެފަހުން، މި ހާފުގެ އެންމެ ފަހު މިނެޓުގައި ބަޔާންގެ ހަލުވި ވިންގާ ސާޖް ނެބްރީ ވަނީ ޖަރުމަނުގެ ފަސްވަނަ ލަނޑުޖަހައިދީފައެވެ.
މި މެޗުގައި ޖަރުމަނުން ޖެހި ހަވަނަ ލަނޑު، ދެވަނަ ހާފުގެ ކުޅުން ފެށިގެން ފަސްވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މި ހާފުގައި ކުޅެން ނިކުތް ޗެލްސީގެ ފޯވާޑް ޓިމޯ ވާނާ އެވެ. އަދި އޭގެފަހުން، މެޗުގެ 75 ވަނަ މިނެޓުގައި ލެޓްވިއާގެ އަލެކްސެއީސް ސަވެލްޔެވްސް އެ ޓީމަށް ފަރަގު ކުޑަކޮށްދީފައިވަނިކޮށް އޭގެ މިނެޓެއްފަހުން، ޖަރުމަނުގެ ފަހު ލަނޑުޖެހީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ލެރޯއީ ސާނޭ އެވެ.
ޖަރުމަނަށް ދެން އޮތީ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި އަންނަ ހޯމަ ދުވަހުގެ ރޭ ދުނިޔޭގެ ޗެމްޕިއަން ފްރާންސާ ދެކޮޅަށް ކުޅޭ މެޗެވެ. މި ގްރޫޕުގައި ދެން ހިމެނެނީ އެންމެ ފަހުގެ ޔޫރޯ ކާމިޔާބުކުރި ޕޯޗުގަލް އަދި ހަންގޭރީ އެވެ.