English Edition
Dhivehi Edition

އދ. ގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސަކު ހޮވުމަށް މިރޭ ބޭއްވި އިންތިހާބުން ބޮޑު ކާމިޔާބީއެއް ހޯއްދަވައި، ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އާ މަޖިލީހުގެ ރައީސަކަށް ހޮވިވަޑައިގެންފި އެވެ.

މިރޭ ރާއްޖެ ގަޑިން 7:00 ގައި ފެށި އދގެ އާންމު މަޖިލީހުގެ ޖަލްސާގައި ބޭއްވި އިންތިހާބުގައި ވާދަކުރީ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އިތުރުން އަފްޣާނިސްތާނުގެ ކުރީގެ ފޮރިން މިނިސްޓަރު ޑރ. ޒަލްމާއި ރަސޫލްއެވެ. ޝާހިދަށް 143 ވޯޓު ލިބިވަޑައިގެންނެވި އިރު ރަސޫލް އަށް ލިބިވަޑައިގަތީ 48 ވޯޓެވެ. މި އިންތިހާބުގައި އދ. ގެ މެމްބަރު 193 ގައުމަކަށް ވޯޓުލުމުގެ ހައްގު ލިބިފައިވެ އެވެ. މިއީ ސިއްރު ވޯޓެކެވެ.

އދގެ އާންމު މަޖިލީހުގެ 76 ވަނަ މަޖިލީހުގެ ރައީސްކަމާ ޝާހިދު ހަވާލުވެވަޑައިގަންނަވާނީ މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.

ރާއްޖެއަށް ލިބުނު ކާމިޔާބީއާ އެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ މަރުހަބާ ވިދާޅުވެ ޓްވީޓް ކުރައްވައިފަ އެވެ. އެ މަނިކުފާނު ވިދާޅުވި ގޮތުގައި މިއީ ރާއްޖެއަށް ލިބުނު ވަރަށް ބޮޑު ޝަރަފެކެވެ. އަދި އދ.ގެ އާންމު މަޖިލީހުގައި ރާއްޖެ ފަޚުރުވެރިވާނެ ފަދަ މަސައްކަތްތަކެއް ޝާހިދު ކުރައްވާނެކަން ޔަގީންކުރައްވާ ކަމަށް ރައީސް ވިދާޅުވި އެވެ.

އދގެ އާންމު މަޖިލީހުގެ އިންތިހާބީ ރައީސްގެ ހައިސިއްޔަތުން އދގައި މިރޭ ތަގުރީރުކުރައްވަމުން ޝާހިދު ވިދާޅުވީ މިއީ ރާއްޖެއަށް ލިބުނު ބޮޑު ކާމިޔާބެއް ކަމަށާއި، މި ކާމިޔާބީން ހާމަވެގެން ތިޔައީ ދުނިޔޭގެ ހުރިހާ ގައުމެއްގެ އިތުބާރު ރާއްޖެއަށް ލިބި، ދުނިޔެއިން ރާއްޖެ ބަލައިގެންފައިވާކަން ކަމަށެވެ.

މިއީ ރާއްޖެއިން އދގެ އާންމު މަޖިލީހުގެ ރައީސްކަން ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ. އަދި ރާއްޖެއަކީ އދގެ އާންމު މަޖިލީހުގެ ރައީސްކަން އަދާކުރާ ސާކްގެ ހަވަނަ ގައުމެވެ. ސާކް ސަރަހައްދުގެ ގައުމުތަކަށް ބަލާއިރު ދިވެހިރާއްޖެ އާއި ނޭޕާލާއި ބޫޓާން ފިޔަވައި އެހެން ގައުމުތަކުން މީގެ ކުރިން ވަނީ އާންމު މަޖިލީހުގެ ރައީސްކަން ކޮށްފަ އެވެ.

ރާއްޖޭން ވަނީ އދ.ގެ އެންމެ ބާރުގަދަ ކައުންސިލް، އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގެ ގޮނޑިއަށް ވާދަކުރަން ވެސް ނިންމައިފަ އެވެ. އެއީ 2023-2025 އަށް ދެމިގެންދާ ދައުރަށެވެ. އެ އިންތިހާބު އޮންނާނީ 2022 ގަ އެވެ.