ރާއްޖޭގެ މިހާރުގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ޗައިނާއަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅުގެ ސަބަބުން ދެގައުމުގެ ދެމެދުގައި އޮތް ގުޅުމަށް އިތުބާރު ބޮޑުވެފައިވާ ރާއްޖޭގައި ހުންނަވާ ޗައިނާ ސަފީރު ޒަންގ ލިޒޯންގ ވިދާޅުވެއްޖެ އެވެ.
ޗައިނާގެ 70 ވަނަ ގައުމީ ދުވަސް ފާހަގަކުރުމަށް ރޭ ކުރުނބާ މޯލްޑިވްސްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސަފީރު ވިދާޅުވީ ޗައިނާ އަކީ ރާއްޖޭގެ ތަރައްގީއަށް މުހިންމު ބައިވެރިއެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ތަކުރާރުކޮށް ވިދާޅުވެފައިވާ ކަމަށެވެ.
ފޮރިން މިނިސްޓަރު މިދިޔަ ހަފްތާގެ ތެރޭގައި ޗައިނާ އަށް ކުރެއްވި ދަތުރުފުޅަށް ބައްލަވާލައްވަމުން ސަފީރު ވިދާޅުވީ އެ ދަތުރުފުޅާ ގުޅިގެން ދެގައުމު ގުޅުން އިތުރަށް ވަރުގަދަވެ އިތުބާރު ބޮޑުވެގެންދާނެ ކަމަށެވެ. އަދި މިދަތުރުފުޅާ އެކު ދެ ގައުމަށްވެސް އިތުރު ކާމިޔާބީތައް ލިބި އިތުރު ހަރުފަތަކަށް ގުޅުންތައް ކުރިއަށް ގެންދެވޭނެ ކަމަަށް ސަފީރު ވިދާޅުވިއެވެ.
ސަފީރު ވިދާޅުވީ ދެ ގައުމުގެ ދެމެދުގައި ހާރިޖީ ގުޅުން ގާއިމުކުރިތާ 47 އަހަރު ވެފައިވާއިރު، މި ގުޅުމަކީ ބޮޑު ގައުމަކާއި ކުޑަ ގައުމެއްގެ ދެމެދު އޮންނަން ޖެހޭ ފަދަ ނަމޫނާ ގުޅުމެއްކަން ދައްކައިދީފައިވާ ކަމަށެވެ.
މިރަސްމިއްޔާތުގައި ސަފީރު ވަނީ ކުރިއަށް އޮތް ދުވަސް ތަކުގައިވެސް ޗައިނާ އިން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.