English Edition
Dhivehi Edition

ކޮވިޑް-19 އާއި ގުޅިގެން ގދ. ތިނަދޫގައި އަޅާފާފައިވާ ފިޔަވަޅުތައް ހަރުދަނާކޮށް، މިސްކިތްތަކުގައި ނަމާދުކުރުން ވަގުތީގޮތުން މެދުކަނޑާލައިފިއެވެ.

ތިނަދޫ ކައުންސިލުން އިއުލާންކޮށްފައިވާ ގޮތުގައި މިއަދުގެ އިޝާ ނިމާދުން ފެށިގެން މިމަހުގެ 13 ވަނަ ދުވަހުގެ އިޝާ ނަމާދުގެ ނިޔަލަށް އެރަށުގެ މިސްކިތްތަކުގައި ވަގުތީގޮތުން ޖަމާއަތުގައި ނަމާދުކުރުން ހުއްޓާލުމާއި މިސްކިތްތަކުގައި ހަމައެކަނި ބަންގި ގޮވުމަށް ތިނަދޫ އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އީ.އޯ.ސީ)އިން ވަނީ ނިންމާފައެވެ. އަދި ކޮންމެ ނަމާދެއްގެ ބަންގީގެ ފަހުގައި ގޭގައި ނަމާދުކުރުމަށް އެންގުމުގެ ގޮތުން (صلوا في بيوتكم) ދެފަހަރު ކިޔުމަށް ވަނީ އަންގާފައެވެ.

މީގެއިތުރުން މަސް ދޯނި ފަހަރު މަހަށް ފުރުމުގެ ކުރިން ކައުންސިލްގެ ޚާއްސަ ހުއްދައެއް ނެގުމަށާއި ފަރުމަސްވެރިކަން ކުރާ އުޅަނދުފަހަރުތަކަށް 03 މީހުންނަށް ވުރެ ގިނަ ނުވާގޮތަށް ހުއްދަ ދިނުމަށްވެސް ކައުންސިލުގެ އިއުލާނުގައިވެއެވެ. އަދި މާދަމައިން ފެށިގެން އެރަށުގެ ސިނާއީ މަސައްކަތްކުރާ ސައިޓްތަކުގެ މަސައްކަތްތައް އެއް ހަފްތާއަށް މަޑުޖައްސާލުމަށް ކައުންސިލުން ވަނީ އަންގާފައެވެ.

އެރަށުގެ ފިހާރަތަކުގެ ޚިދުމަތް ދިނުމުގައި އެޗް.ޕީ.އޭ. ގެ އުސޫލުތަކާއި އެއްގޮތަށް އަމަލު ކުރުމަށާއި އެރަށުގެ އީ.އޯ.ސީ އިން ކަނޑައަޅާފައިވާ އުސޫލާއި ޚިލާފަށް އަމަލުކުރާ ފަރާތްތަކާއި މެދު ފިޔަވަޅު އެޅުމަށްވެސް ކައުންސިލުން ވަނީ އަންގާފައެވެ.