ކުޑަ އަންހެން ކުއްޖަކު ރޭޕްކުރިކަމުގެ ތުހުމަތުގައި، މަޝްހޫރު ޓީވީ ތަރި ޕާލް ވީ ޕޫރީ ހައްޔަރުކޮށްފި އެވެ.
‘ނާގިން’ ގެ ތިން ވަނަ ސީޒަނުން ފެނިގެން ދިޔަ މަޝްހޫރު ތަރި ޕާލް ހައްޔަރުކޮށްފައިވަނީ މިދިޔަ ހުކުރު ދުވަހުއެވެ. މުމްބައީގެ ފުލުހުންނާއި ހަވާލާދީ މީޑިއާތަކުން ބުނީ ޕާލް ހައްޔަރުކޮށްފައިވަނީ އުމުރުން 17 އަހަރުގެ އަންހެންކުއްޖަކު ހުށަހެޅި މައްސަލައަކާއި ގުޅިގެން ކަމަށެވެ.
“އުމުރުން 17 އަހަރުގެ އަންހެންކުއްޖަކު، އޭނަގެ މަންމައާއި އެކު ޕޮލިސް ސްޓޭޝަނަށް ގޮސް ހުށަހެޅި މައްސަލައަކާއި ގުޅިގެން ޕާލް ހައްޔަރުކުރީ. މި ގޮތުން ޕާލްގެ މައްޗަށް ކޮށްފައިވަނީ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތު. މި މައްސަލަ ބަލަމުންދަނީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކޮށްދިނުމުގެ ގާނޫނުގެ ދަށުން” ފުލުހުންނާއި ހަވާލާދީ މީޑިއާ ރިޕޯޓްތައް ވަނީ ބުނެފައެވެ،
“ބޭޕަނާ ޕިޔާރު” ފަދަ ސިލްސިލާތަކުން ގިނަ ބައެއްގެ މަޝްހޫރުކަން ހޯދާފައިވާ ޕާލް އަށް ކޮށްފައިވާ ތުހުމަތުތަކާއި ގުޅިގެން އޭނާ އާއި އެކު މަސައްކަތްކުރި ބަތަލާއިންނާއި އޭނާއަށް ސަޕޯޓްކުރާ ފަރާތްތަކުން ވަނީ މިއީ ދޮގު ތުހުމަތުތަކެއް ކަމަށް ބުނެފައެވެ. އަދި މިކަމުގައި ފޮރުވިފައިވާ އެހެން ވާހަކަތަކެއް ވާނެކަމަށް ގިނަ ބަޔަކު ތުހުމަތު ކުރަމުން އަންނައިރު ޕާލް ދޫކޮށްލުމަށްވެސް ގިނަ ބަޔަކު އަންނަނީ ގޮވާލަމުންނެވެ.