English Edition
Dhivehi Edition

ފުވައްމުލައް ސިޓީގެ ނޭޗަރ ޕާކް ހިންގައި ބެލެހެއްޓުމުގެ އެންމެހާ ކަންކަން ފުވައްމުލައް ސިޓީ ކައުންސިލާއި ހަވާލު ކުރުމަށްޓަކައި ކުރިއަށްގެންދާ މަސައްކަތްތައް ފެށުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ. މިއެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އާމިނަތު ޝައުނާއެވެ. އަދި ފުވައްމުލަކު ސިޓީ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ފުވައްމުލައް ސިޓީގެ މޭޔަރ އިސްމާއީލް ރަފީޤެވެ.

މިއެއްބަސްވުންތަކުގެ ސަބަބުން ލާމަރުކަޒީގޮތުން ފުވައްމުލަކުގެ ނޭޗަރޕާރކް މެދުވެރިކޮށް ތިމާވެށީގެ ކަންކަން މެނޭޖްކޮށް ބެލެހެއްޓުމަށް ބާރުއެޅިގެންދާނެ ކަމަށާއި، އަދި މިހާރު މިނިސްޓްރީގެ ދަށުން ހިންގަމުންދާ ހުރިހާ ކަމެއް ހިންގުން ސިޓީ ކައުންސިލްގެ ދަށަށް ބަދަލުކުރެވިގެންދާނެކަމަށް މިނިސްޓްރީން ބުނެއެވެ. މިގޮތުން ނޭޗަރ ޕާރކްގައި މަސައްކަތްކުރާ މިނިސްޓްރީގެ މުއައްޒަފުންނާއި ހަރުމުދަލާއި ތަކެތި ސިޓީކައުންސިލްގެ ދަށަށް ބަދަލުވެގެންދާނެއެވެ.

މިނިސްޓްރީން އިތުރަށް ފާހަގަ ކުރައްވާފައިވާ ގޮތުގައި، މިއެއްބަސްވުމުގެ ސަބަބުން ސިޓީގެ ކައުންސިލްތަކުގެ އިހްތިޞާސްގައި ހިމެނޭ ހިމާޔަތްކޮށްފައިވާ ސަރަޙައްދުތަކާއި، ނޭޗަރ ޕާކުން ލާމަރުކަޒީ އުޞޫލޫން ކައުންސިލުތަކަށް މާލީ މަންފާ ލިބިދިނުމާއި، ޢާއްމު ރައްޔިތުންނަށް ދެމެހެއްޓެނިވި ގޮތެއްގައި އެސަރަޙައްދުން އިޖުތިމާއީ އަދި އިޤްތިސާދީ މަންފާ ލިބިދިނުމާއިއެކު، އެ ސަރަހައްދުގެ ވެށި އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެއެވެ.

2018 ވަނަ އަހަރުގެ ޖޫން މަހު ހުޅުވާފައިވާ ފުވައްމުލައް ނޭޗަރ ޕާކަކީ ޤާނޫނު ނަންބަރު 93/4 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު) ގެ ދަށުން ހިމާޔަތްކޮށްފައިވާ ފުވައްމުލައް ބަންޑާރަކިޅި އާއި ދަނޑިމަގި ސަރަޙައްދު މެނޭޖްކުރުމަށް ޤާއިމުކޮށްފައިވާ ޕާކެކެވެ. މިޕާކުން ލިބިދޭ ޚިދުމަތްތަކުގެ ތެރޭގައި ކެނޯ ދުއްވުމާއި ބޯޓް ޕެޑްލިންގ ހަރަކާތްތައް ހިމެނެއެވެ. މިއީ ފުވައްމުލަކުގެ ރައްޔިތުން މުނިފޫހިފިލުވައި މަޖާކޮށްލުމަށް ހަފްތާ ބަންދުތަކުގައާއި އެހެނިހެންވެސް ހުސް ވަގުތުތަކުގައި ގޮސް އުޅޭ ތަނެކެވެ. އަދި މިއީ ފުވައްމުލަކަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ މެދުގައި މަޤުބޫލު ތަނެއްވެސް މެއެވެ. މީގެ އިތުރުންވެސް މިތަނަކީ އެކިއެކި ހަފްލާތައް ބާއްވާ ތަނަކެވެ.

ފުވައްމުލައް ސިޓީއަކީ ބަޔޮސްފިއަރ ރިޒަރވް އެއް ގޮތުގައި 28 އޮކްޓޫބަރ 2020 ގައި ކަނޑައަޅުއްވާފައިވާ ރަށެކެވެ. މި ލަގަބަކީ އެތަނެއްގައި ދެމެހެއްޓެނިވި ގޮތެއްގައި ރޭވިގެން، ތަރައްޤީގެ މަޝްރޫޢުތައް ހިންގާ ތަނަކަށް ޔުނެސްކޯ އިން ދޭ ލަޤަބެއްކަމަށާއި، މިއީ ތިމާވެށީގެ ގޮތުން އާދަޔާޚިލާފު ޚާއްސަ ސިފަތައް ލިބިގެންވާ ތަންތަނަށް ދެވޭ ޚާއްސަ ލަޤަބެކެވެ. ހަމަ އެހެންމެ ދިރޭ ތަކެތީގެ ނަސްލާއި، އެތަކެތީގެ މާޙައުލު ޙިމާޔަތް ކުރެވި، އިޤްތިޞާދީ ގޮތުން ކުރެވޭ މަސައްކަތްތަކަކީވެސް ދެމެހެއްޓެނިވި އަދި ތިމާވެށްޓާ ރައްޓެހި ގޮތެއްގައި ކުރެވޭ ކަންތައްތަކެއްކަން ޔަޤީންވެފައިވާ، އިޤްތިޞާދީ އަދި އިޖްތިމާޢީ ދުޅަހެޔޮކަމަށް ބާރުއަޅާ ނިޒާމެއްވެސް މެއެވެ.