English Edition
Dhivehi Edition

ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ގދ. ފިޔޯރީ ރައްޔިތުން 30،000 އަށް ވުރެ ގިނަ ރުފިޔާ ހަދިޔާކޮށްފިއެވެ.

ސޮސައިޓީ ފޯރ ފިޔޯރީ ޔޫތު އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް (ސްފައިސް) އިން އިސްނަގައިގެން އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައި.އޭ.ސީ) އާއި ގުޅިގެން ފިޔޯރީގައި ބެހެއްޓުނު ފަންޑު ފޮށްޓަށް އެރަށު ރައްޔިތުންގެ ބޮޑު ތަރުހީބެއް ލިބި 32،453.75 ދިވެހި ފައިސާ ވަނީ ލިބިފައެވެ. އަދި މިހާރު މި ފައިސާ ވަނީ އޮންލައިން އައި.އޭ.ސީ ގެ އެކައުންޓަށް ފޮނުވާފައެވެ.

މިއަދު ހަވީރު ފިޔޯރީ ކައުންސިލުގެ އެއްބާރުލުމާއެކު އެރަށު ބަނދަރު ސަރަހައްދުގައި ކުރިއަށްގެންދިޔަ މިހަރަކާތުގައި، ފަލަސްތީނުގެ ރައްޔިތުނާއެކު ތިބިކަން ހާމަކޮށްދޭ ފްރޭމެއްގައި އެރަށު ރައްޔިތުން ފޮޓޯ ނެގުމުގެ ފުރުސަތު ހުޅުވާލެވުނެވެ. އަދި ހަރަކާތުގައި ބައިވެރިވި ބޭފުޅުންގެ ޝުޢޫރު ފާޅުކުރުންވެސް މިހަރަކާތުގެ ތެރެއިން ކުރިއަށްދިޔައެވެ.

މިހަރަކާތަށްފަހު އޭ.އޯ ނިއުސް އަށް މައުލޫމާތު ދެއްވަމުން މިހަރަކާތް ރާވައި ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވި އެޖަމިއްޔާގެ ރައީސާ ރުއުޔާ މުސްތަފާ ވިދާޅުވީ މިއީ އެޖަމިއްޔާއިން ކުރިއަށްގެންދިޔަ އެންމެ ބޮޑު ހަރަކާތް ކަމަށާއި ރަށުގެ ކުދިބޮޑު އެންމެހާ ބޭފުޅުންގެ ފަރާތުން މިކަމަށް ލިބުނު ތަރުހީބު ފާހަގަކޮށް ޝުކުރު އަދާކޮށްފައެވެ. އަދި ކޮވިޑް-19 ގެ އާލަމީވަބާ ގދ. އަތޮޅުގައި އޮތް މިދަނޑިވަޅުގައި މިފަދަ ހަރަކާތެއްގައި ބޭނުންކުރަން ހޭންޑް ސެނިޓައިޒަރ ހަދިޔާކޮށްދެއްވި މުޙައްމަދު ޝަހުމަތު އަދި އަޙްމަދު ނަޒީފަށް ރުއުޔާ ވަނީ ވަރަށް ހާއްސަ ޝުކުރެއް ދަންނަވާފައެވެ.

ގދ. ފިޔޯރީއަށް ނިސްބަތްވާ ސްފައިސް ޖަމިއްޔާ އަކީ ޒުވާނުންނާއި މުޖުތަމައު ބާރުވެރިކުރުވުމުގެ މަގްސަދުގައި މިއަރު ރަޖިސްޓަރކުރެވުނު މަދަނީ ޖަމިއްޔާއެކެވެ. އެޖައްޔާއިން ވަނީ މިއަހަރުތެރޭ ހިންގުމަށް ހަމަޖެހިފައިވާ ހަރަކާތްތައް އެރަށު ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއާއި ހިއްސާކޮށް އެފަރާތްތަކާއި ގުޅިގެން ރަށުގެ ތަރައްގީއަށް ކުރެވިދާނެ ކަންތައްތައް މަޝްވަރާކޮށްފައެވެ. ޅަފަތުގެ ދައުރެއްގައި އޮތް ސްފައިސް ޖަމިއްޔާގެ ހިންގާ ކޮމެޓީގެ މެންބަރުންނަކީ އެރަށުގައި އެކި ފެންވަރުގައި އަމިއްލަގޮތުން އިޖުތިމާއީ ހަރަކާތްތައް ހިންގާފައިވާ ޒުވާނުންތަކެއް ފާހަގަކޮށްލެވެއެވެ.