English Edition
Dhivehi Edition

ސްޓާ ޕްލަސް އިން ދެއްކި މަޝްހޫރު ޑްރާމާ ސިލްސިލާ ‘ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހެ’ ގައި ނެތިކް ގެ ރޯލުން ގިނަ ބައެއްގެ މަގުބޫލުކަން ހޯދި ކަރަން މެހެރޭ ހައްޔަރުކޮށްފިއެވެ.

އިންޑިޔާގެ ނޫސްތަކުން ބުނާ ގޮތުގައި ކަރަން ހައްޔަރުކޮށްފައި ވަނީ އޭނާގެ އަންހެނުން އަދި ފިލްމީ ތަރި ނިޝާ ރަވާލް އަށް ގެވެށި އަނިޔާކުރާކަމަށް ބުނެ އޭނާ ފުލުހަށް ހުށަހަޅާފައިވާ މައްސަލައަކާއި ގުޅިގެންނެވެ.

އެކުގައި އުޅޭތާ 14 އަހަރަށްވުރެ ގިނަ ދުވަސްފަހުން ދެ ތަރިން ކައިވެނިކޮށް، އެ ކައިވެންޏަށް 9 އަހަރުވެފައިވާއިރު ދެ މީހުންގެ މެދުގައި ހިޔާލު ތަފާތުވުންތައް އުފެދި މި ދިޔަ މާރިޗް މަހު ދެ ތަރިން ވަނީ ވަރިވާން ނިންމާފައެވެ.

ކަރަން އާއި ނިޝާގެ ކައިވެންޏަށް ފިރިހެން ދަރިއަކުވެސް ލިބިފައިވާއިރު މި ދެތަރިންގެ ކައިވެނި ރޫޅާލުމަށް ތައްޔާރުވަމުން އަންނައިރު ދެމީހުންގެ މެދުގައިވަނީ ވަރިއަށް ފަހު ދަރިފުޅުގެ ހަރަދުތަކާއި އަދި އެހެނިހެން ކަންތައްތައް ހަމަޖައްސާނެ ގޮތާއި މެދު ހިޔާލު ތަފާތުވުންތަކެއް އުފެދިފައެވެ.

ވަރީގެ މައްސަލަ މިހާރު ކޯޓުގައި އޮތް އިރު، ނިޝާ ގިނަ އަދަދެއްގެ ފައިސާ ކަރަން އަތުން ހޯދުމަށް މަސައްކަތްކުރާ ކަމުގެ ތުހުމަތުތަކެއްވެސް ވަނީ ކޮށްފައެވެ.

ކަރަން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއަ ހަބަރާއެކު ގިނަ ބަޔަކަށް ބޮޑު ހައިރާންކަމެއް ލިބިގެން ދިޔަ އިރު ‘ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހެ’ ގައި ކަރަން އާއި އެކު މަސައްކަތްކުރު ރޯހަން ވަނީ މިއީ ވަރަށް ހައިރާންކުރުވި ހަބަރެއްކަމުގައި ބުނެފައެވެ. އަދި ކަރަން އަކީ އަބަދުވެސް މީހުންނަށް ވަރަށް ރަގަޅު މީހެއް ކަމަށާއި ދުވަހަކުވެސް ޑްރާމާގެ ސެޓުގައިވެސް މީހަކާއި ހަޑިކޮށް ވާހަކަދައްކާ އަޑު އިވިފައި ނުވާކަމަށް ރޯހަން ވަނީ ބުނެފައެވެ.