English Edition
Dhivehi Edition

މީގެ 12 އަހަރުކުރިން 2009 ވަނަ އަހަރު ސްޓާ ޕްލަސް އިން ދައްކަން ފެށި ޑްރާމާ ސިލްސިލާ ‘ޔޭ ރިޝްތާ ކިޔާ ކެހްލާތާ ހޭ’ އަކީ އެ ޑްރާމާ ފެށުނީއްސުރެ މިއަދާއި ހަމައަށްވެސް އެންމެ ގިނަ ބައެއްގެ މަގްބޫލުކަން ލިބިފައިވާ އެއް ޑްރާމާއެވެ.

ހަގީގީ ދިރިއުޅުމުގައިވެސް ދިމާވާނެ ގިނަ ހާދިސާތަކެއް ދައްކުވައިދޭ މި ޑްރާމާގެ ތަރިންނަކީ ޓީވީ އިންޑަސްޓްރީގައި އެންމެ އަވަހަށް ކުރިއަރާ ދާ ހުނަރުވެރި ތަރިންނެވެ. ޑްރާމާ ފެށުނީއްސުރެ މިއަދާއި ހަމައަށް، ގިނަ ތަރިން އެކި ސަބަބުތަކާއި ހެދި ޑްރާމާ އިން ވަކިވެފައިވި ނަމަވެސް އެ ތަރިންގެ ފަޅުކަން ބެލުންތެރިންނަށް އިހްސާސްވިޔަ ނުދީ އަބަދުވެސް ޑްރާމާގެ ވާހަކަ އަބުރާލަނީ ވަރަށް ކުޅަދާނަކަމާއެކުގައެވެ.

ޑްރާމާ ފެށިގެން އައިއިރު އަކްޝަރާގެ ރޯލުން ފެނިގެން ދިޔަ ހީނާ ހާން އާއި ނެތިކްގެ ރޯލުން ފެނިގެން ކަރަން މެހެރާ ޑްރާމާއިން ވަކިވެ ދިއުމުން ގިނަ ބަޔަކަށް ބޮޑު ހިތްދަތިކަމެއް ލިބިގެން ދިޔައިރު އަނެއްކާވެސް މި އޮތީ ޑްރާމާގެ މުހިއްމު ތަރިއެއް ގެއްލުމުގެ ބިރު ހީވެފައެވެ. މި ޑްރާމާގެ ލީޑު ރޯލުން ފެނިގެންދާ މޮހްސިން ހާން ޝޯ ދޫކޮށްލަން ނިންމާފައިވާކަމަށް މީޑިއާ ރިޕޯޓްތައް ބުނެފައިވާއިރު މި ވާހަކަތަކާއި ގުޅިގެން ޑްރާމާގެ ޕްރޮޑެކްޝަން ޓީމުން އަދި ރަސްމީ އެއްވެސް ވާހަކައެއް ދައްކާފައެއް ނުވެއެވެ.

އެ ޑްރާމާގެ ވާހަކަ މިހާރު އޮތް ހިސާބުން، މޮހްސިން އަކީ ކުޑަ ދެ ދަރީންގެ ބައްޕައެކެވެ. އަދި ކުރިއަށް ހުރި އެޕިސޯޑްތަކުގައި އަހަރުތަކެއް ފަސް ދެއްކުމަށް ނިންމާފައިވާއިރު، ދެން މޮހްސިން ފެނިގެން ދަނީ ޒުވާން ދެ ކުދިންގެ ބައްޕައެއްގެ ރޯލުން ކަމަށް ރިޕޯޓްތައް ވަނީ ބުނެފައެވެ. މޮހްސިން ގެ އުމުރާ ބަލާއިރު އެހާ ބޮޑު ދެ ކުދިންގެ ބައްޕައެއްގެ ރޯލް ކުޅެން އޭނާ ބޭނުންނުވާކަމަށްވެސް ރިޕޯޓްތައް ވަނީ ބުނެފައެވެ. އެހެން ކަމުން އޭނާ މިހާރު ވަނީ އެ ޑްރާމާއިން ވަކިވުމަށް ޑްރާމާގެ ޑިރެކްޓަރާވެސް އެ ވާހަކަ ދައްކާފައެވެ.

ފާއިތުވި ފަސް އަހަރު ދުވަހުގެ ތެރޭގައި ކާތިކްގެ ރޯލުން ގިނަ ބައެއްގެ މަގުބޫލުކަން ހޯދި މޮހްސިންގެ މިހާރުގެ އަމާޒަކީ ވެބް ސީރީޒްތަކާއި، ފިލްމުތަކުން ފުރުސަތު ހޯދުމެވެ.