ސިންގަޕޫރުގައި ބޭސްފަރުވާއަށް ވަޑައިގެން ހުންނެވި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އަންނަ އަންގާރަ ދުވަހު ރާއްޖެ ވަޑައިގަތުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން އަންގައިފި އެވެ.
ކަރެކްޝަންސްގެ އިންފޮމޭޝަން އޮފިސަރު އަހުމަދު ލުގުމާން ވިދާޅުވީ ގާސިމްގެ ބޭސްފަރުވާގެ މުއްދަތު ފުރަތަމަ ފަހަރަށް އެ ސާވިސް އިން ވަނީ އިތުރުކޮށްދީފައި ކަމަށެވެ. އެހެންކަމުން އެ މުއްދަތު ހަމަވުމުން އަންނަ އަންގާރަ ދުވަހު ރާއްޖެ ވަޑައިގަތުމަށް ގާސިމަށް އަންގާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ލުގުމާން ވިދާޅުވީ ގާސިމްގެ ބޭސްފަރުވާގެ މުއްދަތު ދެ ވަނަ ފަހަރަށް އިތުރުކޮށްދޭން އެމަނިކުފާނުގެ އާއިލާއިން އެދުނު ކަމަށެވެ. ނަމަވެސް މެޑިކަލް ބޯޑުން ނިންމީ ބޭސްފަރުވާގެ މުއްދަތު އިތުރުކޮށްދެވެން ނެތް ކަމަށެވެ
ގާސިމް ރާއްޖެ ވަޑައިގަތުމަށް އަންގާފައިވާ އިރު އެ މަނިކުފާނު ވަނީ ވަރަށް ކާމިޔާބު ކަމާއެކު ހިތުގެ އޮޕަރޭޝަަނެއް މި މަހުގެ ތެރޭގައި ނިންމާލާފަ އެވެ. ނަމަވެސް ޑޮކްޓަރުގެ ލިޔުމުގައިވާ ގޮތުން ފަރުވާއަށް އެ މަނިކްފާނު އިތުރު ތިން މަސް އެ ގައުމުގައި މަޑު ކުރަން ޖެހެ އެވެ. އަދި އެމަނިކުފާނަށް ވައިގެމަގުން ދަތުކުރެވޭނީ އަންނަ ޑިސެމްބަރުގެ ފަހުން ކަމަށް ޑޮކްޓަރުން އަންގާފައިވާ ކަމަށް ވެސް ދަރިކަލުން ޔަގްސާން ވަނީ ވިދާޅުވެފައެވެ.
ރިޝްވަތުގެ މައްސަލާގައި ތިން އަހަރާއި ދެ މަހާއި 12 ދުވަހަށް ޖަލު ހުކުމް ތަންފީޒު ކުރަން ޖެހިވަޑައިގަންނަވާ ގާސިމް ރާއްޖެ އަނބުރާ އައުމާ ގުޅޭ ގޮތުން މިހާތަނަށް އެ މަނިކުފާނުގެ ވަކީލުން ވަކި ސްޓޭޓްމަންޓެއް ނުނެރެ އެވެ. ނަމަވެސް އެކަމަށް އާއިލާއިން އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.