ފިޔޯރީ އެސޯސިއޭޝަން ފޯ ކޮމިއުނިޓީ އެމްޕަވަރމެންޓް (ފޭސް) ޖްމިއްޔާއިން ގދ. ފިޔޯރީގައި ތަރައްގީކުރި ކުޑަކުދިންގެ ޕާރކްގެ މަސައްކަތް ނިންމާ ރަސްމީކޮށް ހުޅުވައިފިއެވެ.
ފިޔޯރީގެ ކުޑަކުދިންނާއި އާއިލާތަކަށް އެކުދިން ހީ ސަމާސާކޮށް މަޖާކޮށްލެވޭނެ ރައްކާތެރި މާހައުލެއް ގާއިމްކުރުމުގެ މަގްސަދުގައި ޔޫތު މިނިސްޓްރީއާއި ފިޔޯރީ ކައުންސިލާއި ގުޅިގެން ފޭސް ޖަމިއްޔާއިން ތަރައްގީކުރި “ފިޔޯރީ ކުޑަކުދިންގެ ޕާރކް” ރަސްމީކޮށް ހުޅުއްވައިދެއްވީ މިއަދު ހަވީރު އެކަމަށް ހާއްސަކޮށްގެން ބޭއްވި ރަސްމިއްޔާތެއްގައި ފިޔޯރީ ކައުންސިލްގެ ރައީސް ފައިޒަރު ރަޝީދެވެ.
މިރަސްމިއްޔާތުގައި ފިޔޯރީ ކައުންސިލުގެ މެންބަރުންނާއި ފިޔޯރީގައި ގާއިމްކުރެވިފައިވާ ސަރުކާތުގެ މުއައްްސަސާތަކުގެ އިސްވެރިންގެ އިތުރުން އެރަށުގައި ހަރަކާތްތެރިވާ އެހެނިހެން މަދަނީ ޖަމިއްޔާތަކުންވެސް ވަނީ ބައިވެރިވެފައެވެ.
ރަސްމިއްޔާތަށްފަހު އޭ.އޯ ނިއުސް އަށް މަޢުލޫމާތު ދެއްވަމުން ފޭސް ޖަމިއްޔާގެ މެންބަރު އަޙްމަދު ފަޔާޒް ވިދާޅުވީ މިއީ ގދ. ފިޔޯރީގައި ތަރައްގީކުރެވުނު ފުރަތަމަ ކުޑަކުދިންގެ ޕާރކަށް ވެފައި މިމަސައްކަތަކީ އެޖަމިއްޔާއިން މިހާތަނަށް ފިޔޯރީގައި ކުރިއަށްގެންދިޔަ އެންމެ ބޮޑު މަޝްރޫއަށް ވެގެންދާނެ ކަމަށެވެ. އަދި މިމަސައްކަތް ފުރިހަމަކޮށްދިނުމުގައި އެހީތެރިކަން ފޯރުކޮށްދެއްވި އެންމެހާ ފަރާތްތަކަށް އަޙްމަދު ފަޔާޒް ވަނީ ޝުކުރު އަދާކޮށްފައެވެ.
ފޭސް ޖަމިއްޔާއަކީ ފިޔޯރީގައި ޒުވާނުންނާއި ކުޑަކުދިން ބައިވެރިކޮށްގެން މަދަނީ އަދި އިޖުތިމާއީ މަސައްކަތްތަކުގައި އެކި ގޮތްގޮތުން ހަރަކާތްތެރިވަމުން އަންނަ ޖަމިއްޔާއެކެވެ. މިގޮތުން ބީ.އެޗް.އެމް.ގެ އެހީގައި ފިޔޯރީ ބަނދަރު ސަރަހައްދުގައި އިމާރާތްކޮށްފައިވާ މިސްކިތް ބެލެހެއްޓުމާއި، ޤުރުއާން ކްލާހެއް ހިންގުމާއި، ލެވެލް 1, 2، 3 އަދި 4 ގެ ޤާރީ ކޯސް ހިންގުމުގެ އިތުރުން ފުޓްބޯޅަ އެކެޑަމީއެއް ހިންގައި ފަރެސްމާތޮޑާ ދާއިރާގެ ތިން ރަށުގެ ދަރިވަރުންނަށް ބައިވެރިވުކުގެ ފުރުސަތު ހުޅުވާަލައިގެން ޤުރުއާން މުބާރާތްތައްވެސް ކުރިއަށްގެންދާ ފޭސް ޖަމިއްޔާއަކީ މިހާރު ފިޔޯރީގައި އޮތް އެންމެ ހަރަކާތްތެރި އެއް ޖަމިއްޔާއެވެ.