English Edition
Dhivehi Edition

ރިޔާސީ ދައުރު ނިމިގެން ދިއުމުގެ ކުރިން 15000 ހައުސިންގ ޔުނިޓް އެޅުމުގެ ވައުދު ފުއްދޭތޯ މަސައްކަތް ކުރަމުންދާ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ

އެއްހާސް ފޮޓޯގްރަފަރުން ތަމްރީން ކުރުމުގެ ޕްރޮގްރާމްގެ ދަސްވެނިވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް އަބްދުﷲ ޔާމީން ވިދާޅުވީ މި އަހަރުގެ ތެރޭގައި 7000 ފްލެޓް އެޅުމުގެ މަސައްކަތް ފަށާނެ ކަމަށާއި އަދި އަންނަ އަހަރު 8،000 ފްލެޓް އެޅުމުގެ މަސައްކަތް ކުރާނެ ކަމަށެވެ.

ރައީސް ވިދާޅުވީ ސަރުކާރުން ކުރާ މަސައްކަތުގެ ތެރޭގައި ލޯނު ހޯދައިގެން ކުރާ މަސައްކަތަކަށް ވާތީ އެންމެ ބާރު މިނުގައި ފްލެޓުތައް ނޭޅި ހިނގައިދާނެ ކަމަށެވެ. ނަމަވެސް މި އަހަރުގެ ނިމުމުގެ ކުރިން 7000 ފްލެޓެއް އެޅުމުގެ އަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށާއި އަންނަ އަހަރުގެ ތެރޭގައި ވެސް އިތުރު 8000 ފްލެޓު އަޅާނެ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

ގެދޮރުވެރި ކުރުމުގެ މަސައްކަތަކީ މުހިންމު މަސައްކަތެއް ކަމަށާއި ނަމަވެސް ހުރިހާ ކަމެއް ހުއްޓާލާފައި ގެދޮރުވެރި ކުރުމުގެ މަސައްކަތް ކުރިއަށް ނުގެންދެވޭނެ ކަމަށާއި ހަމައެކަނި އެ މަސައްކަތަށް އިސްކަން ދޭނަމަ ދެން ހުރި ޒަރޫރީ ބޭނުންތައް ހުއްޓާލަންޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ގެދޮރުތައް ބިނާކޮށް އެތަންތަން އާންމުނަށް ހުޅުވާލާއިރު އެ ތަންތަނަކީ ހަމަ ގައިމުވެސް ހިލޭ ލިބޭނެ ތަނެއް ނޫން ކަމަށާއި އެތަނުގައި ދިރިއުޅެވޭނީ ފައިސާ ވެސް ދެއްކިގެން ކަމަށެވެ. އެހެން ކަމުން އެ ގެދޮރުތަކަށް ވަންނަން ތިބި ޒުވާނުންނަކީ ފައިސާ ލިބޭނެ މަގު ތަނަވަސް ވެފައިވާ ބަޔަކަށް ވުމަކީވެސް މުހިއްމު ކަމެއް ކަމަށެވެ.

އިތުރު 8000 ފްލެޓު އަންނަ އަހަރު އަޅާނެ ކަމަށް ރައީސް ވިދާޅުވެފައިވާ އިރު ސަރުކާރުން ދާދި ފަހުން ވަނީ ފްލެޓު ލިބޭ 661 ފަރާތްތަކުގެ ލިސްޓު އިއުލާންކޮށްފަ އެވެ. އޭގެ އިތުރުން ބައެއް ރަށްތަކުން ވެސް ފްލެޓު ލިބޭ ފަރާތްތަކުގެ ލިސްޓު ވަނީ އިއުލާންކޮށްފަ އެވެ.