English Edition
Dhivehi Edition

ގދ. ވާދޫގައި ރެންޑަމް ސާމްޕަލެއްގެ ނަތީއްޖާ ފައްސިވެ ބަލީގެ ނުރައްކާ ބޮޑުވެއްޖެއެވެ.

ގދ. ވާދޫގައި ކޮވިޑް-19 އާއި ގުޅިގެން ސިއްހީގޮތުން އިތުރަށް ބަލަން ޖެހޭ ކަންތައް ބެލުމަށް މިމަހުގެ 26 ވަނަ ދުވަހު ނެގުނު ރެންޑަމް ސާމްޕަލްތަކުގެ ތެރެއިން އެއް ސާމްޕަލެއްގެ ނަތީއްޖާ ފައްސިވެފައިވާ ކަމަށް ގދ. ވާދޫ ކައުންސިލުން ވަނީ އޭ.އޯ ނިއުސް އަށް ކަށަވަރުކޮށްދީފައެވެ.

އެދުވަހު ނެގުނު ރެންޑަމް ސާމްޕަލްތަކުގެ ތެރެއިން 40 އިންސައްތަ ސާމްޕަލްތަކުގެ ނަތީއްޖާ އަދި ލިބިފައި ނުވާ ކަމަށާއި މިއަދު ފައްސިވި މީހާއާއެކު މިވަގުތު ވާދޫގައި ބައްޔަށް ފަރުވާ ހޯދަމުންދާ މީހުންގެ އަދަދު 06 ގައި އޮތް ކަމަށް ގދ. ވާދޫ ކައުންސިލުން ވަނީ މަޢުލޫމާތު ދީފައެވެ. އެރަށުން ފުރަތަމަ ބައްޔަށް ފައްސިވި މީހާ މިހާރު ވަނީ ބަލިން ފަސޭހަވެފައެވެ.

ކޮވިޑް-19 ގެ ހާލަތާއި ބެހޭގޮތުން އިތުރަށް މައުލޫމާތު ދެމުން ކައުންސިލުން ހާމަކޮށްފައިވަނީ ފައްސިވި މީހުންގެ ތެރޭގައި ހައި ރިސްކް ކެޓެގަރީގެ އެއްވެސް ބަލިމީހެއް ނުހިމެނޭ ކަމަށެވެ.

ގދ. ވާދޫގައި ކޮވިޑް-19 އާއި ގުޅިގެން ސިއްހީގޮތުން އިތުރަށް ބަލަން ޖެހޭ ކަންތައް ބެލުމަށް މޮނޮޓަރިންގ ހާލަތަށް ގެނެސްފައި ވަނީ މިމަހުގެ 18 ވަނަ ދުވަހުއެވެ.