English Edition
Dhivehi Edition

ގއ.ދާންދޫގައި ކަރަންޓީނު އުސޫލުތަކާއި ޚިލާފަށް މީހުން ޖޯލިތަކަށް ނުކުންނާތީ މަގުމަތީގައި ބަހައްޓާފައި ހުރި، ހުރިހާ ޖޯލިތައް އެރަށު ކައުންސިލުން ނަގައިފިއެވެ.

ދާންދޫ ކަރަންޓީނުގައި ތިބޭ މީހުން ބޭރަށް ނުކުމެ ޖޯލިތަކުގައި ތިބޭތީ އެރަށު މީހުން ވަނީ ކައުންސިލަށް ޝަކުވާ ހުށަހަޅާފައެވެ. މަގުމަތީގައި މީހުން ނޫޅޭ ގަޑިތަކާ ދިމާކޮށް ކަރަންޓީނުގައި ތިބޭ މީހުން އެގޮތަށް ބޭރަށް ނުކުމެ އުޅޭތީ ރައްޔިތުންވަނީ ޝަކުވާ ހުށަހަޅާފައެވެ.

ދާންދޫ ކައުންސިލްގެ ރައީސް މުހައްމަދު އާސިފް ވިދާޅުވި ގޮތުގައި ރަށުތެރޭ އެކިތަންތާނގައި ބަހައްޓާފައި ހުރި ހުރިހާ ޖޯލިތައް އެގޮތަށް ނަގަން ޖެހުނީ ކޮވިޑް-19 އާ ގުޅިގެން ރައްޔިތުންގެ ޝަކުވާތައް ގިނަވަމުންދާތީއެވެ. އެރަށު ކަރަންޓީނުގައި ތިބޭ މީހުން ރޭގަނޑު ދަންވަރު މަގުމައްޗަށް ނުކުމެ ޖޯލިތަކުގައި ތިބޭތީ އެރަށު ރައްޔިތުން ކަންބޮޑުވުން ފާޅުކުރަމުންދާތީ ކަމަށެވެ. އާސިފް އިތުރަށް ވިދާޅުވި ގޮތުގައި ކަރަންޓީނުގެ އުސޫލުތަކާ ޚިލާފުވުމުން ނަތީޖާއެއްގެ ގޮތުން އެބަލި ފެތުރިދާނެކަމުގެ ބިރު ރައްޔިތުންގެ ހިތުގައި އުފެދިފައިވާތީ، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަކައި އެޅި ފިޔަވަޅެއް ކަމަށެވެ.

ފުލުހުންނާއި ހެލްތު ސެންޓަރާއި ގުޅިގެން ކައުންސިލުން ނެގި ޖޯލިތައް މިހާރުވަނީ އެރަށު ކައުންސިލުގެ ބެލުމުގެ ދަށުގައެވެ. ނުވަތަ އެގެއެއްގެ ގޯތިތެރެޔަށް ވައްދާފައެވެ.

ކުޑަކުޑަ އާބާދީއެއް އޮންނަ ދާންދޫގައި ކަރަންޓިނު ކުރެވިފައިވާ މީހުންގެ އަދަދު މިހާރުވަނީ 250 އަށް އަރާފައެވެ. ކޮވިޑްގެ ހާލަތު އިތުރަށް ގޯސްވުމާއި ގުޅިގެން ގއ ވިލިނގިލިން އެރަށަށް ކޮމިއުނިޓީ ހެލްތް ވޯކަރެއް މިހާރުވަނީ ފޮނުވާފައެވެ. ދާންދޫގެ އެކްޓިވް ކޭސްގެ އަދަދު ވަނީ 108 އަށް އަރާފައި އެވެ. އަދި ގއ ކޮވިޑް ފެސިލިޓީގައި އެރަށުގެ 3 މީހަކަށް ފަރުވާދެމުން ދާއިރު އިތުރު މީހެއްގެ ހާލު ސީރިއަސްވުމާއި ގުޅިގެން ވަނީ މާލޭގެ ދަރުމަވަންތަ ހޮސްޕިޓަލަށް ޓްރާންސްފަރ ކޮށްފައި އެވެ. ޑީއެޗް11 ގައި ވެންޓިލޭޓަރުގެ އެހީގައި ފަރުވާދެމުން ގެންދަނީ އެރަށުގެ 29 އަހަރުގެ ޒުވާނަކަށެވެ.