English Edition
Dhivehi Edition
ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް ވާހަކަދައްކަވަނީ - ފޮޓޯ: އަޙްމަދު ސައީދު (ސަން)

ކޮވިޑް-19 އަށް ޓެސްޓް ކުރާ މިންވަރު އިތުރުކުރުމަށްޓަކައި ޕީސީއާރު ޓެސްޓުކުރާނެ ފެސިލިޓީއެއް ހުވަދުއަތޮޅުގައި ގާއިމްކުރުމަށް ނިންމާފައިވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)ގެ ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ ކޮވިޑް-19އަށް ޓެސްޓްކުރާ މިންވަރު އިތުރުކުރުމަށްޓަކައި ކުރަން ފަށާފައިވާ މަސައްކަތްތަކުގެ ތެރެއިން ގދ. އަތޮޅާއި ލ. އަތޮޅާއި ރ. އަތޮޅާއި ޅ. އަތޮޅުގައި ކޯވިޑަށް ޓެސްޓުކުރާ މިންވަރު އިތުރުކުރުމަށް އިތުރު ފެސިލިޓީތައް ހަދަން ނިންމާފައިވާ ކަމަށެވެ. އެ ފެސިލީޓީތަކުން މަދުވެގެން ކޮންމެ ދުވަހަކު 300 ޓެސްޓް ހެދޭނެކަމަށް މަބްރޫކް ވިދާޅުވިއެވެ.

“އަމާޒަކީ އެއް މަސް ތެރޭގައި މި ރަށްތަކުގައި ފެސިލިޓީތައް ޤާއިމްކޮށް ނިންމުން. ނަމަވެސް މެޝިންތައް ބެހެއްޓުމާއި ބައެއްކަހަލަ މަސައްކަތްތައް ކުރުމަށް އިތުރަށް ވަގުތުކޮޅެއްވެސް ނަގާފަނެ. އެކި ރަށްތަކުގައި ޤާއިމްކުރާ ފެސިލިޓީތައް ނިންމުމަށް އެކި މުއްދަތު ނަގާނީ. މަދުވެގެން ކޮންމެ ރަށަކުންވެސް ދުވާލަކަށް 300 ޓެސްޓް ހެދޭނެ.” މުޙައްމަދު މަބްރޫކް ޢަޒީޒް ވިދާޅުވިއެވެ.

އަތޮޅުތަކުގައި އަލަށް ގާއިމްކުރާ ފެސިލިޓީތަކަށް ބޭނުންވާ މުވައްޒަފުންގެ ތެރެއިން ތަމްރީނު ބޭނުންވާ މުވައްޒަފުން އެންގުމަށް ހެލްތު މިނިސްޓްރީން އަންގަވާފައިވާ ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.