ގދ. ތިނަދޫ މޮނިޓަރިންގ ހާލަތަށް ގެނައިފަހުން އެއް މަސްދުވަސް ވެފައިވާއިރު ކޮވިޑް-19 އަށް ފައްސިވެފައިވާ މީހުންގެ ޖުމްލަ އަދަދު 150 އަށް އަރައިފިއެވެ. މީގެ ތެރެއިން މިއަދު 03 މީހުން ފައްސިވި ކަމަށާއި މިވަގުތު ކޮވިޑް-19އަށް ފަރުވާ ހޯދަމުންދާ މީހުންގެ އަދަދު 89 އަށް އަރާފައިވާ ކަމަށް ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލުން ވަނީ ހާމަކޮށްފައެވެ.
މިފަހުން ގދ. ތިނަދޫގައި ބައްޔަށް ފައްސިވި މީހުންގެ ތެރޭގައި ހިމެނެނީ ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ފާހަގަވެ ސާމްޕަލް ނެގި 86 މީހުން، ބައްޔަށް ޝައްކުކުރެވޭ އަލާމާތްތަކެއް ހުރެގެން ސާމްޕަލް ނެގި 38 މީހުން، ރެންޑަމް ސާމްޕްލިންގ ގޮތުގައި ސާމްޕަލް ނެގި 15 މީހުން އަދި ހޯމް ކަރަންޓީން ފުރިހަމަކޮށް ސާމްޕަލް ނެގި 11 މީހުންނެވެ. ބަލިން ރަނގަޅުވެފައި ވަނީ 61 މީހުންނެވެ.
ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލުން ހާމަކޮށްފައިވާ އެންމެފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން ފާއިތުވި 24 ގަޑިއިރުތެރޭގައި ފައްސިވި މީހުންގެ ތެރޭގައި ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ފާހަގަވެ ސާމްޕަލް ނެގުނު 02 މީހަކާއި، ބައްޔަށް ޝައްކުކުރެވޭ އަލާމާތްތަކެއް ހުރެގެން ސާމްޕަލް ނެގުނު އެކަކު ހިމެނެއެވެ.
ބައްޔަށް ފައްސިވެފައިވާ މީހުންގެ ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ފާހަގަކުރެވުނު 263 މީހުން 149 ގެއެއްގައި މިވަގުތު ވަނީ ކަރަންޓީން ކުރެވިފައެވެ. މީގެތެރެއިން 05 ގެއަކީ ފާއިތުވެދިޔަ 24 ގަޑިއިރު ތެރޭގައި ކަރަންޓީން ކުރެވުނު ގެތަކެވެ.