English Edition
Dhivehi Edition

ކޮވިޑް-19 އިން ރައްކާތެރިވުމަށް ގދ. ތިނަދޫ އަދި ގއ. ދާންދޫގައި އަޅާފައިވާ ފިޔަވަޅުތައް ހަރުކަށިކޮށް ކާފިއުގެ ވަގުތު އިތުރުކޮށްފިއެވެ.

މާލެ ސަރަޙައްދާ އެއްގޮތަށް މި ދެރަށުގައި ވެސް ހަވީރު 04:00އިން ފަތިހު 04:00އަށް ކާފިއު ހިންގުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ)އިން ވަނީ ނިންމާފައެވެ. މި ވަގުތުގައި އާންމު ތަންތަނާއި މަގުމައްޗަށް ނުކުމެ އުޅުމަކީ މަނާކަމެކެވެ.

މިއަދުން ފެށިގެން އެޅުމަށް ނިންމާފައިވާ މިފިޔަވަޅުތަކާއެކު އެޗް.ޕީ.އޭ އިން ވަނީ އެއް ގެއިން އަނެއް ގެއަށް ދިއުން ހުއްޓާލުމަށް އަންގާފައެވެ. އަދި ކާފިއު ނޫން ގަޑިތަކުގައިވެސް އެއްފަހަރާ 03 މީހުންނަށްވުރެ ގިނަ މީހުން މަގުމައްޗާއި އާންމު ތަންތަނަށް އެއްވެ ނޫޅުމަށް ވަނީ އަންގާފައެވެ. ޕާޓީތަކާއި ހަފްލާތަކާ ރަސްމިއްޔާތުތައް ބޭއްވުންވެސް ވަނީ މަނާކޮށްފައެވެ.

ހަމައެހެންމެ ސެލޫންތަކާއި، ޖިމްތަކާއި ބޯކޮށާ ތަންތަން ބަންދުކުރަން އެންގުމުގެ އިތުރަށް ކުޅިވަރާއި ކަސްރަތު ހަރަކާތްތައްވެސް ހުއްޓާލުމަށްވަނީ އަންގާފައެވެ. ހޮޓާތަކާއި، ކެފޭތަކާއި، ރެސްޓޯރަންޓުތަކާއި، ކާބޯތަކެތީގެ ޚިދުމަތް ދޭ އެހެނިހެން ތަންތަނުގެ އެތެރޭގައި ޚިދުމަތް ދިނުންވެސް މަނާކޮށްފައިވީ ނަމަވެސް ކަނޑައަޅާފައިވާ ގަވާއިދުތަކާއި އެއްގޮތަށް ޓޭކްއަވޭއާއި ޑެލިވަރީގެ ޚިދުމަތް ދެވޭނެއެވެ.

މި ފިޔަވަޅުތަކާއެކު ކިޔެވުންވެސް ކުރިއަށްގެންދާނީ އޮންލައިންކޮށެވެ. އަދި ހޮޓާތަކާއި، ކެފޭތަކާއި، ރެސްޓޯރަންޓުތަކާއި، ކާބޯތަކެތީގެ ޚިދުމަތް ދޭ އެހެނިހެން ތަންތަނުން ދެމުންގެންދާ ޚިދުމަތްތައް ހުއްޓައިލުން. މީގެ ތެރޭގައި، ޓޭކްއަވޭއާއި ޑެލިވަރީގެ ޚިދުމަތެއް ނުހިމެނެއެވެ.

މީގެއިތުރުން ފިހާރަތަކުން ޚިދުމަތް ދޭއިރު، އެޗް.ޕީ.އޭ އިން އާންމުކޮށްފައިވާ ގައިޑްލައިނާއި އެއްގޮތަށް ޚިދުމަތް ދިނުމުގެ އިތުރުން ތިނަދޫ އީ.އޯ.ސީ އިން ވަނީ އެއްފަހަރާ އެއް ކަސްޓަމަރަށްވުރެ ގިނަ ނުވާގޮތަށް ފިހާރަތަކުން ވިޔަފާރިކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ވެސް އަންގާފައެވެ.

ކާފިއުގެ ވަގުތުގައި ބޭރުގައި އުޅެވޭނީ އެޗް.ޕީ.އޭގެ ޚާއްސަ ހުއްދައާއެކުއެވެ. މި އުސޫލާ ޚިލާފުވާނަމަ ކަނޑައެޅިފައިވާ އުސޫލުން ފިޔަވަޅުއަޅާނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ. ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް މާލެއާއި ރަށްރަށުގައި ކާފިއު ވަގުތުތައް ކަނޑައަޅާފައިވާއިރު މިނޫން ގަޑިތަކުގައި ބޭރުގައި އުޅޭއިރުވެސް ރައްކާތެރިވުމަށް އެޗް.ޕީ.އޭ އިން އިލްތިމާސްކުރައްވައެވެ.