ކޮވިޑް-19އަށް ފައްސިވެފައި ނުވާ މީހަކަށް ގުޅައިގެން ފައްސިވިކަމަށް ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލުން ބުނެފައި ނުވާނެކަމަށް ހޮސްޕިޓަލުގެ މެނޭޖަރު އަޙްމަދު ސައީދު ވިދާޅުވެއްގެއެވެ.
މިއަދު ތިނަދޫގައި ބައްޔަށް ފައްސި ނުވާ މީހަކަށް ހޮސްޕިޓަލުގެ ކޮވިޑް ހޮޓްލައިން ނަންބަރުން ގުޅައިގެން ދޮގު މައުލޫމާތުތަކެއް ދީފައިވާކަމަށް ބުނެ ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓަކާއި ގުޅިގެން އޭ.އޯ ނިއުސް އަށް މައުލޫމާތު ދެއްވަމުން ހޮސްޕިޓަލުގެ މެނޭޖަރު ވިދާޅުވީ ހޮސްޕިޓަލުން ވަރަށް ބޮޑަށް ކަށަވަރުކޮށްފައި މެނުވީ ކޮވިޑްގެ ފައްސި ނަތީއްޖާއެއް ނުދޭނެ ކަމަށެވެ. ނަތީއްޖާ ހޮސްޕިޓަލަށް ލިބުމުގެ ކުރިން ހޮސްޕިޓަލުން އެއްވެސް ބަލިމީހަކަށް ނަތީއްޖާ ނުދޭނެކަމުގެ ޔަގީންކަން ސައީދު ވަނީ ދެއްވާފައެވެ.
ރޭގެ ވަގުތެއްގައި ހޮސްޕިޓަލަށް ލިބުނު މައުލޫމާތަކާއި ގުޅިގެން، މިއަދު ކުރިއަށްގެންދިޔަ ކޮންޓެކްޓް ޓްރޭސިންގ މަސައްކަތުގެ ތެރެއިން އެފަރާތުގެ ސާމްޕަލް ނަގަން ދިއުމަށް ކޮންޓެކްޓް ޓްރޭސިންގ ފޯރމް ފުރުމަށް ގުޅާފައި ވާނެ ކަމަށާއި ޕޮޒިޓިވް ކޭސްއަކާއި ޑައިރެކްޓް ކޮންޓެކްޓް ވެގެން ޓްރޭސިންގ ހަދަން ގުޅިކަމަށް ބުނި ބުނުން އެފަރާތަށް މާނަކުރެވުނު ގޮތް އެންމެ ރަނގަޅު ނޫންކަމަށް ސައީދު ވިދާޅުވިއެވެ.
އެ ޕޯސްޓާއި ގުޅިގެން އާންމުންގެ ޝަކުވާތައް ލިބުމާއެކު އެކަން ހިނގައިދިޔަ ގޮތް އޮޅުންފިލުވައިދިނުމަށް އެފަރާތަށް ފަހުންވެސް ގުޅާފައި ވާނެ ކަމަށާއި ނަމަވެސް ފޯނަށް ޖަވާބުދީފައި ނުވާކަމަށް ސައީދު ވިދާޅުވިއެވެ. މީސްމީޑިއާ ތަކުގައި އެފަދަ ވާހަކަތައް ފެތުރުމަކީ މި ދަނޑިވަޅުގައި ހޮސްޕިޓަލުގެ ފްރަންޓް ލައިންގައި މަސައްކަތްކުރާ މުވައްޒަފުންނާއި މެދު ތިނަދޫ ރައްޔިތުންގެ އިތުބާރު ގެއްލޭފަދަ އަމަލެއް ކަމަށްވެސް ސައީދު ފާހަގަކުރެއްވިއެވެ.