English Edition
Dhivehi Edition
ތޯމަސް މުލާ (ކ) އާއި މެޓްސް ހަމެލްސް. --ފޮޓޯ: އޭޕީ

ޖަރުމަނުގެ ގައުމީ ޓީމުން މީގެ ދެ އަހަރު ކުރީން ބާކީކުރި ދެ ކުޅުންތެރިން ކަމަށްވާ ބަޔާން މިއުނިކްގެ ތޯމަސް މުލާ އާއި ބޮރޫޝިއާ ޑޯޓްމަންޑްގެ ޑިފެންޑަރު މެޓްސް ހަމެލްސް އަށް އަލުން ފުރުޞަތު ދީފިއެވެ.

އެންމެ ފަހުގެ ވޯލްޑްކަޕުގެ ގްރޫޕް ސްޓޭޖުން ލަދުވެތިގޮތަކަށް ކަޓައިގެން ދިއުމުން ޖަރުމަނުގެ ފުޓްބޯޅަ އަށް ބަދަލުތަކެއް ގެނައުމުގެ މަޤްޞަދުގައި ކޯޗު ޔަކީމް ލޯ ވަނީ އޭރު ތިބި ތަޖުރިބާކާރު ކުޅުންތެރިން ކަމަށްވާ މުލާ އާއި ހަމެލްސްގެ އިތުރުން ޖެރޯމް ބޯޓެން އަށް ދެން ގައުމީ ޓީމުން ފުރުޞަތެއް ނެތް ކަމަށް ބުނެފައެވެ.

މިއާއެކު ޒުވާން ގިނަ ކުޅުންތެރިންތަކަކާއެކު ނިކުމެ ވޭތުވެދިޔަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ޖަރުމަނު ޓީމަށް މާބޮޑު ހެޔޮ ބަދަލެއް އައިސްފައެއްނުވެއެވެ. އެގޮތުން، މިދިޔަ އަހަރުގެ ނޮވެންބަރު މަހުގައި ޔުއެފާ ނޭޝަންސް ލީގުގައި ސްޕެއިން އަތުން 6-0ގެ ތަފާތު ބޮޑު ނަތީޖާއަކުން ލަދުވެތިގޮތަކަށް އެ ޓީމު ބަލިވެފައިވާއިރު ކުރިއަށް އޮތް ޔޫރޯ ފުޓްބޯޅަ މުބާރާތަށް ތައްޔާރުވަމުންދާ މި ދަނޑިވަޅުގައި ޚުދު ލޯ ވެސް ވަނީ އެ ޓީމުގެ ޑިފެންސްލައިނަށް މައްސަލަތައް ދިމާވެފައިވާ ކަމަށް ފާހަގަކޮށްފައެވެ.

މީގެއިތުރުން، މި ފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ކުރިމަތިލާއިރު މިހާރު އުމުރުން 31 އަހަރުގެ މުލާ ހުރީ ވަރަށް ރަނގަޅު ފޯމެއްގައެވެ. މިދިޔަ ސީޒަނެކޭ އެއްފަދައިން މި ހިނގާ ސީޒަނުގައި ވެސް މޮޅު ކުޅުމެއްދައްކާފައިވާ މުލާ ވަނީ ބަޔާނަށް މިހާތަނަށް ކުޅެދިން 45 މެޗުގައި 15 ލަނޑުޖަހައި އިތުރު 24 ގޯލްޖެހުމަށް އެހީތެރިވެދީފައެވެ.

ޑޯޓްމަންޑަށް މިހާރު ކުޅެމުން އަންނަ އުމުރުން 32 އަހަރުގެ ހަމެލްސް ވަނީ އެ ޓީމުނ މި ފަހަރުގެ ޖަރުމަން ކަޕް ކާމިޔާބުކުރިއިރު މުހިއްމު ދައުރެއް އަދާކޮށްފައެވެ. އަދި އެ ޓީމުން އަންނަ ސީޒަނަށް ޔުއެފާ ޗެމްޕިއަންސް ލީގުން ޖާގަ ހޯދުމަށް ކުރަމުން އަންނަ މަސައްކަތުގައި ވެސް ޑިފެންސްގައި ރަނގަޅު ކުޅުމެއް ދައްކާފައިވެއެވެ.

ޖަރުމަނުގެ ސްކޮޑު މިއަދު އިޢުލާންކުރިއިރު އެންމެ ބޮޑަށް ފާހަގަވެގެންދިޔައީ ބަޔާނަށް ކުޅެމުން އަންނަ އުމުރުން 18 އަހަރުގެ ޖަމާލް މުސިއާލާ އަށް ފުރުޞަތު ދިނުމެވެ. ޗެލްސީގެ އެކަޑެމީގައި ފާހަގަވި މި ކުޅުންތެރިޔާ މި ފަހަރުގެ ސީޒަނުގައި ބަޔާން އާއެކު ކުރިއެރުންތަކެއް ހޯދާފައިވާއިރު އިނގިރޭސިވިލާތުގެ އިތުރުން ނައިޖީރިއާގެ ހުށަހެޅުންތަކަށް ފުރަގަސްދިނުމަށްފަހު ޖަރުމަނުގެ ގައުމީ ޓީމަށް ކުޅެން ނިންމާފައިވުމަކީ މީގެ އެއް ސަބަބުވެސް މެއެވެ.

އަންނަ ޖޫން މަހުގެ 11 އިން ޖުލައި މަހުގެ 11 އަށް ޔޫރަޕްގެ އެކި ގައުމުތަކުގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ޖަރުމަނު ހިމެނިފައިވާ ގްރޫޕް އެފްގެ މެޗުތައް ކުޅެވޭނީ ހަންގޭރީގެ ބުޑަޕެސްޓް އާއި ޖަރުމަނުގެ މިއުނިކްގައެވެ. މި ގްރޫޕުގައި ޖަރުމަނުގެ އިތުރުން ދެން ހިމެނެނީ ދުނިޔޭގެ ޗެމްޕިއަން ފްރާންސް އާއި އެންމެ ފަހުގެ ޔޫރޯ ކާމިޔާބުކުރި ޕޯޗުގަލް އަދި ހަންގޭރީ އެވެ.

ޖަރުމަނުން އެކުލަވާލި 26 ކުޅުންތެރިންގެ ސްކޮޑު:

ގޯލްކީޕަރުން: މެނުއެލް ނޯޔާ (ބަޔާން މިއުނިކް)، ކެވިން ޓްރެޕް (އެއިންޓްރަކް ފްރެންކްފާޓް)، ބާންޑް ލެނޯ (އާސެނަލް)؛

ޑިފެންޑަރުން: އެންޓޯނިއޯ ރުޑިގާ (ޗެލްސީ)، މެޓްސް ހަމެލްސް އާއި އެމްރޭ ޗާން (ބޮރޫޝިއާ ޑޯޓްމަންޑް)، މަތިއަސް ގިންޓާ (ބޮރޫޝިއާ މުންޗެންގްލަޑްބަކް)، ލޫކަސް ކްލޮސްޓަމަން އާއި މާސެލް ހާލްސްޓެންބާގް (އާރްބީ ލީޕްޒިގު)، ރޮބިން ގޯސެންސް (އެޓަލާންޓާ)، ރޮބިން ކޮޗް (ލީޑްސް ޔުނައިޓެޑް)، ކްރިސްޓިއަން ގުންޓާ (ފްރެއިބާގް)؛

މިޑްފީލްޑަރުން: ޖޯޝުއާ ކިމިޗް، ލެއޮން ގޮރެޓްޒްކާ، ޖަމާލް މުސިއާލާ، ލެރޯއީ ސާނޭ (ބަޔާން މިއުނިކް)، އިލްކާއި ގުންޑޮގަން (މެންޗެސްޓާ ސިޓީ)، ޓޮނީ ކްރޫސް (ރެއާލް މެޑްރިޑް)، ފްލޮރިއަން ނެހައުސް އާއި ޖޯނަސް ހޮފްމަން (ބޮރޫޝިއާ މުންޗެންގްލަޑްބަކް)، ކާއީ ހަވާޓްޒް (ޗެލްސީ)؛

ފޯވާޑުން: ސާޖް ނެބްރީ އާއި ތޯމަސް މުލާ (ބަޔާން މިއުނިކް)، ޓިމޯ ވާނާ (ޗެލްސީ)، ކެވިން ވޮލާންޑް (މޮނާކޯ).